ކަނޑުތޮށި މަރާމާތުކުރަން ޖައިކާއިން އެހީ ދިނުމުގެ އެއްބަސްވުމުގައި ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު މިރާސް (ކ) އަދި ޖައިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓު ރިޕްރެޒެންޓޭޓިވް ޓަކި މޮޓޯ ސޮއިކުރައްވަނީ.-- ފޮޓޯ: ޖައިކާ
09 ސެޕްޓެމްބަރ 2025 - 23:38
ކާރިސާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ސަލާމަތްވުމަށް ހިންގާ މަޝްރޫއަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖައިކާ) އިން 10.5 މިލިއަން ޑޮލަރުގެ އެހީ މިއަދު ދީފި އެވެ.
ޖައިކާއިން ބުނީ "ޑިޒާސްޓާ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ގެ ނަމުގައި ކުރިއަށްގެންދާ މަޝްރޫއުގެ އިމާރަތްކުރުމުގެ މަރުހަލާއަށް 10.5 މިލިއަން ޑޮލަރު (161.9 މިލިއަން ރުފިޔާ)ގެ އެހީ ދީފައިވަނީ މިދިޔަ ޖުލައި 26 ވަނަ ދުވަހު ސޮއިކުރި އެކްސްޗޭންޖު އޮފް ނޯޓްސްގެ ދަށުން ކަމަށެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން މިރާސް އަދި ޖައިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓު ރިޕްރެޒެންޓޭޓިވް ޓަކި މޮޓޯއާ ވަނީ ސޮއިކުރައްވައިފަ އެވެ.
މާލޭގެ އެއްގަމު ތޮށި މަރާމާތުކުރުމުގެ މަޝްރޫއަށް ޖަޕާނުން އެހީދިން އިރު، އޭގެ ޑިޒައިން މަސައްކަތް ކުރުމަށް އިންފްރަސްޓްރަކްޗާ މިނިސްޓްރީން ވަނީ ޖަޕާނުގެ ކޮންސަލްޓެންޓަކާއެކު މިިދިޔަ ޑިސެމްބަރުގައި ސޮއިކޮށްފަ އެވެ.
އެ އެހީގެ ދަށުން މާލޭގެ ބޭރުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލަތްތައް ހޯދައި އުދަ އަދި ބޯކޮށް ވެހޭ ވާރޭއިން ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މޮޓޮއާ ވަނީ ޖަޕާނުން ރާއްޖެއަށް ދީފައިވާ ބައެއް އެހީތައް ފާހަގަކުރައްވައިފަ އެވެ. އޭގެ ތެރެއިން، 1998 އިން 2006 އަހަރާ ހަމައަށް ކުރިއަށް ގެންދިޔަ ކަނޑުތޮށިލުމުގެ މަޝްރޫއުތަކުގެ ސަބަބުން ސުނާމީގައި މާލެއަށް ލިބުނު ގެއްލުންތައް ކުޑަކުރެވުނުކަމަށް ވެސް އަލިއަޅުވާލެއްވި އެވެ.
އަލަށް މި ފަށާ މަޝްރޫއުގެ ދަށުން ތޮށިގަނޑު ވަރުގަދަކޮށް، ވާރޭފެން ހިންދުމަށް ހާއްސަ ނިޒާމުތައް ތައާރަފުކޮށް، ގޮނޑުދޮށް ހިމާޔަތްކުރުން ހަރުދަނާކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.
މިރާސް ވިދާޅުވި ގޮތުގައި އެ މަޝްރޫއަކީ ފެނާ ގުޅުންހުރި ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އެ މަސައްކަތުގެ ސަބަބުން މާލޭގައި ދިރިއުޅޭ މީހުންނަށް މުހިއްމު ރައްކާތެރިކަމެއް ލިބި އަދި އެ މީހުންގެ ސަލާމަތްތެރިކަމާއި ގައުމުގެ އިގުތިސޯދު އަދި އިޖުތިމާއީ ދިރިއުޅުމުގެ ދެމެހެއްޓެނިވިކަން ޔަގީންކޮށްދޭނެކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު އިޝިގާމީ ރުމިކޯ އާއި ފިނޭންސް އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy