ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: ހަވީރު 4:00 ގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައި.
16 ސެޕްޓެމްބަރ 2025 - 14:08
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޖަލްސާއެއް މިއަދު ހަވީރު 4:00 އަށް އެޖެންޑާކޮށްފި އެވެ.
ހަވީރު ގަޑީގައި ޖަލްސާއެއް ބާއްވަން ނިންމިޔަސް، އެ ޖަލްސާގައި ކުރާނެ އެޖެންޑާއެއް އާންމެއް ނުކުރެ އެވެ.
އެކަމަކު ބެލެވޭ ގޮތުގައި ޖަލްސާގައި ކުރިއަށް ދާނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އިއްޔެ ފާސްކުރި މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލުގެ މަސައްކަތެވެ. އެ ބިލް ކޮމެޓީން އިއްޔެ ފާސްކުރި ބިލް އަލުން ދިރާސާކުރަން މިއަދު މެންދުރު 2:00 އަށް އެ ކޮމެޓީ ވަނީ ތާވަލްކޮށްފަ އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ އެ ބިލަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީން ތާއީދުކުރެ އެވެ.
މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިންގެ މަޖިލިސް ދޮށުގައި މުޒާހަރާ ކުރަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
ނޫސްވެރިންނާ މަޝްވަރާއެއް ނުކޮށް ހުށަހަޅާފައިވާ އެ ބިލު ދިރާސާކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރޭ ނިންމާލާފައި ވަނީ ބިލު އަނބުރާ ގެންދަން 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާ އެކު ރައީސް އާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައި ވަނިކޮށެވެ.
ބިލު ދިރާސާކުރަން ބޭއްވި ކޮމިޓީތައް ވެސް ބާއްވާފައި ވަނީ ސިއްރުކޮށްގެންނެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ހިމެނޭ ގޮތަށް 22 ޖަމިއްޔާއަކުން ބިލު އަނބުރާ ގެންދަން ގޮވާލާފައި ވަނީ އެ ބިލުގެ ސަބަބުން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ފަހަތަށް ދާނެ ކަމަށް ބުނެ އެވެ.
އެ ބިލް މަޖިލީހުން މިއަދު ފާސްކުރަން އުޅޭ ކަމަށް ބުނެ ނޫސްވެރިން ދަނީ ހެނދުނުން ފެށިގެން މަޖިލިސް ދޮށުގައި މުޒާހަރާ ކުރަމުންނެވެ.
ހެނދުނު 8:30 އިން ފެށިގެން މަޖިލިސް ދޮށުގައި، އެކި މީޑިއާތަކަށް ނިސްބަތްވާ ނޫސްވެރިން ބިލާ ދެކޮޅަށް އަޑު އުފުލަމުން ދާއިރު ފުލުހުން ވަނީ ނޫސްވެރިން ފަހަތަށް ޖަހައްސައި ބެރިކޭޑު ޖަހައި ދުރުކޮށްފަ އެވެ.
ނަމަވެސް އެ ސަރަހައްދުގައި ތިބެ ނޫސްވެރިންނާއި އާންމުންގެ ތެރެއިން ވެސް ބަޔަކު ދަނީ އެ ބިލު ބޭރުކުރަން ގޮވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވައްކަން ފޮރުވާ ބިލު
16 September 2025
ބުރޯޑު ކޮމް އެއް އޮވޭ ދެން ކޮން ބިލެއްތަ؟ ނޫސްވެރިންވެސް އެހެންމީހަކުވެސް ދޮގެއް ހަދާ އަބުރައް ގެއްލުމެއް ވެއްޖިއްޔަ އެކަމާދައުވާ ކުރެވޭނެ މިހާރުވެސް ހުރި ގާނޫނުތަކުން. އަސްލު މަގުސަދަކީ ސިޔާސީން ހިންގާ ވައްކަމުގެ ޖަރީމާވެ ވާހަކަ ހުއްޓުވުން. އެކަން ފޮރުވާ ބިލެއް ތީ
ޢަލއ
16 September 2025
ބިލް އަވަހަށް ފާސްކުރޭ
ހުސަ
16 September 2025
ބިލް ވީހާވެސް އަވަހަށް ފާސްކޮށް ގާނޫނަކަށްހަދާ! މީޑިޔާތައް ޖަވާބުދާރީ ކުރުވޭގޮތަށް އަދި ޒިންމާދާރުކުރުވޭގޮތަށް ބިލް ފަރުމާ ކުރެވިގެން އަންނަންވާނީ! ތެދު ޙައްގު މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީގެން މީޑިޔާތަކަށް ފިޔަވަޅު އެޅިގެންނުވާނެ! ނަމަވެސް ޙަގީގަތާއި ޚިލާފު ވާހަކަތައް ފަތުރާ ބައިބައިވުންތައް އުފެދޭގޮތަށް އަދި ނަފްރަތު އުފެދޭގޮތަށް ކުރާކަންކަމަށް މީޑިޔާތަށް/ނޫސްވެރިން ޖަވާބުދާރީކުރެވެންވާނެ! ރައްޔިތުންގެ އިތުބާރު މީޑިޔާތަކަށް ލިބޭނީއޭރުން!