ކުރީގެ ރައީސް ޔާމީން: މިހާރު އޮތް ޝަރުއީ ނިޒާމުގެ ތެރެއިން މަރުގެ އަދަބުދޭން ތާއީދު ނޫން ކަމަށް ޔާމީން ވިދާޅުވި.-- ފޮޓޯ: މިހާރު
22 ސެޕްޓެމްބަރ 2025 - 10:24
ރާއްޖޭގައި މިހާރު އޮތް ޝަރުއީ ނިޒާމުގެ ތެރެއިން މަރުގެ އަދަބު ދިނުމަށް ތާއީދު ނުކުރައްވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަކީ ޔާމީންގެ ވެރިކަމުގައި 2013 ގެ ރިޔާސީ ވައުދެކެވެ. އެ މަނިކުފާނުގެ ވެރިކަމުގައި 2017 ގައި މަރުގެ އަދަބު ތަންފީޒުކުރަން ފަށާނެކަން އޭރު އިއުލާނު ވެސް ކުރެއްވި އެވެ.
މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ގަވައިދާއި އެކަން ކުރާނެ ތަން ހެދުމުގެ މަސައްކަތް ވެސް ހޯމް މިނިސްޓްރީން ކުރި އެވެ.
ޕީއެންއެފް އިން ބާއްވަމުން އަންނަ ފްރަންޓް އޮފީސް ޖަލްސާގައި ޔާމީން ރޭ ވިދާޅުވީ ސުޕްރީމް ކޯޓަކީ މޫސުމީ ތަނަކަށް ވެގެން ނުވާނެ ކަމަށާއި އެކަމަކު އެ ތަނުގެ ނިންމުންތަކުން ފެންނަނީ އެފަދަ މަންޒަރެއް ކަމަށެވެ.
ޔާމީން އިޝާރާތްކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް 25 އަހަރަށް ޖަލަށްލާން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރި މައްސަލައަށެވެ.
ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން 2015 ގައި ހުކުމްކުރީ ކުރީގެ އެޓޯލްސް މިނިސްޓްރީ އަށް ދިދަތަކެއް ގަތުމަށް ކުރި އިއުލާނަކާ ގުޅިގެން މަކަރާއި ހީލަތުން އެ ޕްރޮޖެކްޓް ކާމިޔާބުކުރި ކަމަށް ދައުލަތުން ކުރި ދައުވާއެއް ސާބިތު ނުވެ އޮއްވައި ދުވަސްތަކެއް ފަހުން އިސްތިއުނާފަށް ހުށަހަޅައިގެންނެވެ.
ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން މިދިޔަ ވެރިކަމުގައި އެ ހުކުމް ބާތިލްކުރީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނާޒިމާ ދެމެދު އޮތް ގާތް ގުޅުމެއްގެ ދަށުން ކަމަށެވެ.
އެހެންވެ އެއީ ސުޕްރީމް ކޯޓުން "ކައްކާފައި" ނެރެފައި އޮތް އަމުރެއްގެ ގޮތުގައި ޔާމީން ސިފަކުރެއްވި އެވެ.
"ނާޒިމް މައްސަލާގައި އެ ވިދާޅުވާ ގޮތަށް މިއޮތީ ކައްކާފައި އެއްޗެއް ނެރެފައި އޮތީ ސުޕްރީމް ކޯޓުން. ނާޒިމް އިސްތިއުފާނެއް ވެސް ނުކުރޭ. އިސްތިއުނާފުގެ މުއްދަތު ވެސް ފަހަނަޅައި ހިނގައްޖެ ... ސުޕްރީމް ކޯޓުން ހޫނުކޮށްލާފައި ކައްކާލާފައި ނެރޭނީ. އެވަރު ކަންތައް މި ހުންނަނީ ކޮށްފައި،" ރާއްޖޭގެ ޝަރުއީ ނިޒާމަށް ޔާމީން ވިދާޅުވި އެވެ.
އެފަދަ ހާލަތެއްގައި ރާއްޖޭގެ ޝަރުއީ ނިޒާމު އޮއްވައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ކެރޭނީ ކޮން ރައީސަކަށްތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.
"އަދުލު އިންސާފުގެ އެންމެ ފަހު މަރުހަލާގައި މި ދޭ ހުކުމްތައް. އެއީ ދިވެހިރާއްޖޭގައި ގިސާސްގެ ވާހަކަ މި ދައްކަނީ. އެކަމަކު މިހާރު އޮތް ޝަރުއީ ނިޒާމަށް ބަރޯސާވެގެން ގިސާސް ހިންގަން ކެރޭނީ ނުވަތަ ތަންފީޒުކުރަންކެރޭނީ ކޮން ރައީސަކަށްތޯ،" ޔާމީން ސުވާލު އުފެއްދެވި އެވެ.
ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ.--
ޔާމީން ވިދާޅުވި ގޮތުގައި އިސްލާމްދީނުގައި އެންމެ މޮޅު އިތުރު ގޮތަކީ ގިސާސް ހިފުން ކަމަށާއި އެ މަނިކުފާނަކީ ވެސް އެކަމަށް ކުރިން ވަކާލާތު ކުރެއްވި ބޭފުޅެކެވެ. އެކަމަކު މިއަދުގެ ހާލަތު އޮތް ގޮތުން ފަނޑިޔާރުން ނިންމާ ގޯސްތައް ވެސް އެޅެނީ ރައީސްގެ ބޮލުގައި ކަމަށް ވިދާޅުވި އެވެ.
އެކަމަކު މިއަދު އަޅުގަނޑު ނުކުރަން [މަރުގެ އަދަބަށް]. އެއީ އަޅުގަނޑަށް އިތުބާރުނުކުރެވެނީ ފަނޑިޔާރުންނަށް. އެކަމަކު ރައްޔިތުން ކުރިމަތީގައި އެ ބަދުނާމު ނަގަން މި ޖެހެނީ ފަނޑިޔާރުންގެ ކޮންމެ ނުބައި ކޮންމެ އަނިޔާވެރި ނިންމުމެއް ވެސް ބިނާކޮށްފައި ތަންފީޒުކޮށްފައި މިވަނީ ރައީސް،"
އެހެންވެ، މަރުގެ އަދަބަކީ އެ ފަނޑިޔާރުންނާ އެކު ކުރަން ހެޔޮވާވަރު ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވި އެވެ.
"އެހެންވީމާ އެއީ ކުރާވަރު ކަމެއް ކަމަށް މި ފަނޑިޔާރުން ތިބެގެން އަޅުގަނޑު ގަބޫލެއް ނުކުރަން މިހާރު."
ޔާމީން ވިދާޅުވީ އިސްލާމް ދީނުގައި ހުންނަ މަތިވެރި ކަންކަން ވެސް ނިޒާމު ހުންނަ ގޮތުން ނުކުރެވޭ ކަމަށެވެ. ސުޕްރީމް ކޯޓުން ނިންމާ ނިންމުމުގައި ސިޔާސީ ކުލަ ޖެހުމާއި ނުފޫޒުގެ ކުލަ ޖެހުމާއި ގޯސްތައް ހުރުމުން ގަބޫލުކުރައްވަނީ އެގޮތަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގޮތުން ޔާމީންގެ ވެރިކަމުގައި ހެދި ގަވާއިދު ބުނާ ގޮތުން މަރުގެ އަދަބު ދެވޭނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަންޖައްސައިގެންނެވެ. އެ ގަވާއިދު ބުނާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފް މަރުހަލާ ނިމި އަދި މަރުވި މީހާގެ ވާރިސުން އެންމެ ފަހު ވަގުތު ވެސް ގާތިލަށް މައާފް ނުދީފި ނަމަ އެވެ.
ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓައި، އިސްތިއުނާފްގެ މަރުހަލާ ނިމިފައިވާ ތިން މީހަކު ރާއްޖޭގައި އެބަ ތިއްބެވެ. އެއީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ވަކީލް އަހުމަދު ނަޖީބުގެ ގާތިލް އަހުމަދުގެ މުއްރަތާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒު ކޮށްފައިވަނީ 1953 ވަނަ އަހަރު އެވެ. އެއީ އޭރުގެ ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލަން އުޅުނުކަން ސާބިތުވި މީހެއްގެ މައްޗަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެދޮރޭ
22 September 2025
ޔާމީނު ވިދާޅުވިޔަސް އެއީ ތެދެއް. ފުރާނަދާ ފަހުން އެމީހެއްގެ މައުޞޫމު ކަން ސާބިތުވިޔަސް ދެން ކުރާނެ ކަމެއް ނޯންނާނެ. ޔާމީނު އެ ވިދާޅުވީ ސުޕްރީމް ކޯޓުން ކުރާ ހުކުމްތަކާމެދު ބިރު ގަންނަވާހަކަ. ޔާމީނަށް ކުރި ހުކުމް ރަނގަޅޭ އަދި ގޯހެކޭވެސް ނޫން. ކޮޮންމެ ސަރުކާރަކާއެކު ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުން އެއީ ވަރަށް ނުރައްކާކަމެއް. ޚާއްޞަކޮށް ޤިޞާޞް ހިފުމުގެ ކަންކަމަށް ބަލާއިރު.
1828
22 September 2025
މަރުގެ ހުކުމް ރާއްޖޭގައި ހަމައެކަނި ކުރަން އޮންނަނީ މީހަކު މެރިކަން ސާބިތުވެއްޖެއްޔަ. ކޮރަޕްޝަންގެ ހުކުމް ހަމައެކަނި އަންނާނީ ސިޔާސީ މީހުންގެ މައްޗަށް. ރިހާކުރުފުޅި ވަގަށް ނަގާމީހާގެ އިސްތިއުނާފެއް ސްޕްރީމް ކޯޓާ ހަމައަކަށް ނުވެސްދޭ. އެހެންވެ އެމީހުންނަށް އިންސާފް ނުލިބި، ޔާމީން ޤާސިމް، ކާނަލް ނާޒިމް، (ޖަންގިޔާ) ނާޒިމް ފަދަ ފަރާތްތަކަށް ސްޕްރީމް ކޯޓުން އިންސާފް ލިބުނީ. މަރުގެ ހުކުމް ސްޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ ރައީސަށްއޮތީ ތަންފީޒްކުރުން.
އަލިފު މީމު
22 September 2025
ތާރީޚުގައި އެންމެ އަނިޔާވެރި ވެރިކަމެއް ކުރި ފަރާތަކީ ޔާމީނު، ދައުލާތަށް ލިބުނު، އަދި ލިބެން އޮތް ފައިސާއެއް ވިއްޔާ އަދީބު މެދުވެރިކޮށް ހޯދައި ބޭނުން ކަންކަން ހިންގީ. ނުވިތާކަށް ތިމަންގެ ސަރުކާރާ ނުރުހޭ ކޮންމެ މީހަކު ލަމުން ދިޔައީ ޖަލަށް، އަތުނުޖެހުނީ އަނިޔާއިން ސަލާމަތްވާން ބޭރަށް ދިޔަމީހުން ބޭނުންވާ ގޮތަށް ކޯޓުގެ ބެންޗު އޮތީ އަތުރާލާފަ. ހުކުމް ކުރުވީ ތިމާ އެދޭގޮތަށް. އިސްލާމީ ގައުމެއްގެ ފަނޑިޔާރުގެ އިން ހުކުމް ކުރުމުން ތަންފީޒު ކުރަންވީ،
ތކާނު
22 September 2025
ލިސްޓުގެ އެންމެ ކުރީގަ ވީމަތޯ
ދޮހޮއްތުބެ
22 September 2025
އަނެއްކާ ލިސްޓުން ޖާގައެއް ލިބުނީ ތޭ...
އަމޭރު
22 September 2025
މަނިކުފާނުވެސް ކޯޓެއް ހައްދަވަންވީއެއްނު
އިހްސާސް
22 September 2025
ކަލޯ ޔާމީނޫ ކޮންއިރަކުތަ ޝަރުއީ ކޯޓަށް އެންމެން ތިބުނާ އިތުބާރެއް ކުރާނީ. ޔާމީނަށް ކޮށްފައޮތް ޙުކުމެއް ސުޕުރީމް ކޯޓުން ބާތިލު ކުރި ދުވަހު ބުނި ވަރަށް ޢިލްމީ ޙުކުމެކޭ އެއީ. އަނެއް ފަހަރު ހަމަ އެފަނޑިޔާރުން ޔާމީނާ ދެކޮޅަށް ޙުކުމް ކުރީމަ އެމީހުން ގޯސްވި. އެހެންވީމަ ޤިޞާޞް ހިފަން ޖެހޭ ކަމެއްގަ ހަމަ މިހާރުން މިހާރަށްވެސް ޙުކުމް ކޮށްފިނަމަ ތަންފީޒުކުރުމަކީ ރައީސްގެ މައްޗަށް އޮތް ލާޒިމުވާ ކަމަކަަށް ވާނެ.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
22 September 2025
މި ރާއްޖޭގައި މަރުގެ އަދަބު ދެން އަނެއްްކާ ތަންފީޒެއް ނުކުރާނެ. އެއަށްވުރެ ދިވެހިން ފިނޑި އަދި ހަމަ އެއާއެކު ދިވެހިން ހޮވާ ވެރިންވެސް ފިނޑި. ކޮންމެ މީހަކުވެސް ހަދަނީ ދޮގު...ދައްކަނީ ހުސް ބަހަނާ!!
އަބޫ
22 September 2025
މަނިކުފާނުގެ ޖަލު ޙުކުމްތައް ބާތިލުކުރީ ވަރަށް އިތުބާރުބޮޑު ޝަރުޢީ ނިޒާމެއް އޮްތްއިރު ދެއްތޯ؟ މަނިކުފާނަށް ވެރިކަން ލިބި ރާޒުވާ ކުޅިބައެއްހެން ނިޒާމުތައް އަތުރާލިރު މަރުގެ ޙުކުމް ތަންފީޒު ކުރެވޭވަރުގެ އިތުބާރު އޮތް ޝަރުޢީ ނިޒާމެއް ނުއުފެއްދީ ކީއްވެބާ؟ މާގިނަ ވާހަކަތަކެއް ދައްކާނެ ކަމެއް އިސްލާމީ ޝަރީޢަތް ޤަބޫލު ނުކުރާ މީހުން ޝަރުޢީ ޙުކުމްތައް ތަންފީޒުކުރުމާއި ދެކޮޅަށް އަބަދުވެސް ލައްކަ ވާހަކަ ދައްކަމުންދާނެ
މުލޭ
22 September 2025
ޙުކުމް ކޮންމެގޮތަކަަށް ކުރިޔަސް ތަންފީޒު ކުރަން ހުންނަ މީހާއަަށް ޗޮއިސެއް ނޯނާނެ. ޙުކުމުގައި ގޯހެއް އޮވެއްޖެނަމަ އެކަމުގެ ޒިންމާ ނަގާނީ ޙުކުމް ކުރި މީހާ. ތަންފީޒު ކުރާ މީހާ އެޒިންމާ ނަގަން ނުޖެހޭނެ. އަދަބު ކަނޑައެޅުނު މީހާއަށް އެކަމުގެ ބަދަލު މާތްﷲ ދެއްވާނެ. އެކަމަކަށް ޝައްކެއް ވަސްވާހެއް ވެސް ނެތް. ކޮންމެ މީހަކު ވެސް ވެރިކަމަށް އައިސް ސްޕްރީމް ކޯޓު ދޮވެ ސާފުކޮށްލާތަން ފެންނަނީ.