މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އާޒިމް ވާހަކަ ދައްކަވަނީ: ބަނދަރުގެ ދަތިކަމާ ހެދި އެ ރަށުގެ ރައްޔިތުންނަށް ބޮޑު ތަކުލީފެއް އުފުލަން ޖެހޭ ކަމަށް ވިދާޅުވި. -- ފޮޓޯ | ރައީސް އޮފީސް
22 ސެޕްޓެމްބަރ 2025 - 15:03
މަސްވެރިކަމަށް ބަރޯސާވެފައި އޮތް މ. މަޑުއްވަރީ ބަނދަރާ ހެދި އުފުލަން ޖެހިފައި އޮތް ތަކުލީފު ހުރިހާ ސަރުކާރުތަކަށް ހުށަހެޅިއްޖެ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް ހައްލެއް ނުލިބެ އެވެ. ބަނދަރުގެ ހާލަތު އޮތް ގޮތުން ރަށަށް ރާޅުއަރާތީ، ކައުންސިލުން ބުނި ގޮތުގައި، ހުޅަނގު މޫސުމާއި އިރުވައި މޫސުމުގައި ވެސް ރައްޔިތުން ތިބެން ޖެހެނީ ބިރުވެރިކަމެއްގަ އެވެ.
މ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގައި މަޑުއްވަރީއަށް މިއަދު ވަޑައިގަތުމުން ކައުންސިލުން އެދުނީ ރައްޔިތުންގެ ޒަމާންވީ ކަންބޮޑުވުން ހައްލުކޮށްދިނުމަށެވެ.
ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވަނީ އެކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އަހަރުގެ ކުރީކޮޅު ބަނދަރުގެ މަސައްކަތް ފައްޓަވައި ދެއްވާނެ ކަަމަށެވެ.
މ. މަޑުއްވަރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
ކައުންސިލްގެ ރައީސް މުހައްމަދު އާޒިމް އަލީ ވިދާޅުވި ގޮތުގައި، ބަނދަރުގެ މައްސަލާގައި އެ ރަށުގެ ރައްޔިތުން އުޅެމުން ދަނީ ވަރަށް ހާލުގަ އެވެ. ރަށް ވަށައިގެން ލާފައި އޮތް ތޮށި ހަލާކުވެފައި އޮތުމުގެ ސަބަބުން ރާޅު އަރައި އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ރާއްޖޭގައި އުފެދުނު ހުރިހާ ވެރިކަމެއްގައި، ތަކުރާރުކޮށް މި ރަށު ރައްޔިތުންގެ ފަރާތުން ކޮންމެ ރައީސެއްގެ އަރިހުގައި ވެސް އެދޭ ކަމަކީ ނިވާ ބަނދަރެއް. ނިވާ ބަނދަރެއް. ނިވާ ބަނދަރެއް. މިވީ ހުރިހާ ދުވަހެއްގައި މި ދިޔައީ މި ހާލެއްގައި. އިތުރު އެއްވެސް ކަމަކަށް އަޅުގަނޑުމެން ރިކުއެސްޓެއް ނުކުރަން. އިތުރު ކަމަކު ނުވެސް ބުނަން،" އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ހަމަޖެހިލައިގެން ނިދާލެވިގެންތާ އަޅުގަނޑުމެންނަށް އެހެން ކަމަކަށް އެދެވޭނީ. ފުރަތަމަ އަޅުގަނޑުމެންނަށް ބޭނުންވަނީ ހަމަޖެހިލައިގެން އަރާމުކޮށް ނިދާލެވޭނެ ގޮތެއް ވުން. މިދިޔަ ރޯދަ މަހު ވެސް ރައްޔިތުން އުޅެން ޖެހުނު ދެ ފަހަރެއްގައި ނުނިދާ."
މިދިޔަ ސަރުކާރުގައި މަޑުއްވަރީގައި ބަނދަރެއް ހެދުމުގެ މަޝްރުއުއެއް ފެށި އެވެ. މަސްދޯނިފަހަރު ގެންޅޭ އެ ރަށުގައި އޮންނަނީ ކުޑަ ބަނދަރެކެވެ. އެ ބަނދަރު މަސައްކަތް އެއްކޮށް ނުނިމި ވަކި ހިސާބުން މަސައްކަތް ހުއްޓުނީ އެވެ.
ރައީސް މުއިއްޒު، މ. މަޑުއްވަރީގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެ ރަށުގެ ރައްޔިތަކު ވާހަކަ ދައްކަނީ. -- ފޮޓޯ | ރައީސް އޮފީސް
އާޒިމް ވިދާޅުވީ އެ ރަށު ބަނދަރުގެ މަަސައްކަތް އަންނަ އަހަރު ފައްޓަވައިދެއްވަން ރައީސް މުއިއްޒު ނިންމެވުމަކީ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ. އެކަމުގައި ސަރުކާރަށް ކައުންސިލްގެ ފަރާތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވަނީ ބަނދަރު މަސައްކަތް ކުރިއަށް ގެންދާއިރު، ބޭރު ތޮށީގެ މައްސަލައަށް ވެސް ހައްލެއް ހޯދައިދޭން އެދިވަޑައިގެންފަ އެވެ. އެންމެ 10 ހެކްޓަރުގެ މަޑުއްވަރީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ވެސް ކައުންސިލުން އެދުނެވެ.
އާޒިމް ވިދާޅުވި ގޮތުގައި މަޑުއްވަރީގެ ބަނދަރު ހަދައި ނިމުމުން އެ ރަށުގެ ރައްޔިތުންނާއި މަސްވެރިން އުފުލަމުން އަންނަ ތަކުލީފަށް ދާއިމީ ހައްލެއް ލިބޭނެ އެވެ. އަދި ބަނދަރުގައި އަޅާ ދޯނިފަހަރަށް ގެއްލުންވުން ވެސް ނިމުމަކަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝާދިން ހަންނާން
23 September 2025
މިދިޔަ އެއްވެސް ސަރުކާރަކުން މިކަމަށް އަޅާ ނުލާ އޮއްވާ މިސަރުކާރުން މިކަމަށް އިސްނަގައި މިކަން ކޮށްދޭތީ އުފާކުރަން. މީ މަޑުއްވަރީ ރައްޔިތުން ނުލާހިކު ދެކެމުން އަންނަ ހުވަފެނެއްގައި ކުލަ މި ޖެހުނީ.
ޝަހުމް އާދަމް
23 September 2025
މަރުހަބާ މަޑުއްވަރީ ރައްޔިތުން. މިއީ އެތައް ދުވަހެއްގެ އުއްމީދެއް
އަފްރާސިޔާބު
22 September 2025
މިއަދު މަޑުއްވަރިއަށް އާބަދަރެއްލިބުނު ދުވަހެއް. އެކަމުގެ ޝުކުރު އަދާކުރުން އޮންނާނީ އަންނަ މާރިޗް މަހުގައި. ބޮނޑިބަތް ކައްކަންވާނެ. އެއިރުން ކުޅިމަހާއި ބޮނޑިބަތް ކެވޭނީ.
ސަރުބަތު
22 September 2025
ބަނދަރު ހަދާ ނިމިގެން އޮންނާނީ ރަށުގެ އަނެއްކޮޅު ގިރައިގެން ދިއުން ނޫންތަ؟
1828
22 September 2025
ތިހެން އުންމީދު ނުދޭ ފަޅުރަށެއް ވެސް ނެތް. އެއްކަމެއްވެސް ކުރިއަށް ކަނޑަނީކީނޫން. ހުސް ގަނޑެއްގައި ސޮއިކުރުން ފިޔަވާ އިތުރު އެހެން އެއްވެސް ކަމެއް ނުކުރޭ.
ޢެޑްމުންޑޯ
22 September 2025
ރައީސް ވަޑައިގަންނަވާ ކޮންމެ ރަށެއްގެވެސް ބަނދަރާއި ނަރުދަމާއި ސްޕޯޓްސް ފެސިލިޓީސްތަކާއި ހޮސްޕިޓަލް ، ސިއްޙީމަރުކަޒް ތަކާއި ކައުންސިލް އިދާރާ އަދި ޕޮލިސް ސްޓޭޝަނާއި މަގުތަށް ހަދަން ވައުދުވަމުން ފައްޓަމުން އެދަނީ ، މަގޭ ހިތަށް އަރަނީ ކުރިން ވެރިކަން ކުރި ސަރުކާރުތަކުން ކީއްހޭ ކުރީ.
1828
22 September 2025
މި ކޮމެންޓް ކިޔާލާފައި ސިފަވީ ނަޔަކް ފިލްމުގައި އަނިލް ކަޕޫރް މަގުމަތިން ހިނގާފައި އަންނައިރު، ފަހަތުން ތަރައްޤީ 'ދުވަމުން' މަންޒަރު.