ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ހިރިޔާ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީއެއްގައި ޓީޗަރުންތަކެއް.-- ފަޔާޒް މޫސާ / މިހާރު
23 ސެޕްޓެމްބަރ 2025 - 11:46
އީ-ލާނިން ގައިޑްލައިންގެ ދަށުން އޮންލައިންކޮށް ކިޔެވުން މަނާކޮށްފައިވާ ޓީޗިން ފަދަ ބައެއް ކޯސްތައް ރަށުގައި ތިބެގެން ކިޔެވޭނެ ގޮތް ހަމަޖެއްސުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިގޮތަށް ވިދާޅުވީ އެމަނިކުފާނު ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި މ. އަތޮޅުގެ އެންމެ ފަހު ރަށެއްގެ ގޮތުގައި އެ އަތޮޅު ކޮޅުފުއްޓަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.
ރަށުގައި ތިބެގެން އޮންލައިންކޮށް ބައެއް ކޯސްތައް ކުރިއަށް ނުގެންދެވޭތީ އެކަމުގެ ކަންބޮޑުވުން އެ ބައްދަލުވުމުގައި ބައެއް މީހުން ފާޅުކުރި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2022 ވަނަ އަހަރު އަމަލުކުރަން ފެށި "އީލާނިން ގައިޑްލައިން"ގެ ދަށުން އޮންލައިންކޮށް ބައެއް ކޯސްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އޭގެތެރޭގައި، ޓީޗިން އާއި ގުރުއާން އަދި އެއާ ގުޅޭ ދާއިރާތަކާއި ޑޮކްޓަރު ކަމުގެ ކޯހާއި ޑެންޓިސްޓްރީ އާއި ޓެކްނިކަލް އަދި ވޮކޭޝަަނަލް ތައުލީމާއި އިންޖިނިއަރިން އާއި އާކިޓެކްޗާ އާއި ހާއްސަ ލައިސަންސެއް ބޭނުންވާ ހެލްތު ސައިންސަސްގެ ކޯސްތައް ހިމެނެ އެވެ.
ރައީސް މުއިއްޒު ކޮޅުފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިއަދު ބޭއްވި ޖަލްސާ އަށް ދިޔަ ބައެއް މީހުން.---ފޮޓޯ: ރައީސް އޮފީސް
ކޮޅުފުށީގެ ޓީޗަރަކު ވިދާޅުވީ މިގޮތަށް މަނާކޮށްފައި އޮތުމުގެ ސަބަބުން ރަށުގައި ތިބެ ކިޔެވޭނެ މަގެއް ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
"އެމްކިޔުއޭގެ ގައިޑްލައިންތަކާ ގުޅިގެން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް، ރަށުގައި ތިބެގެން މަތީ މަރުހަލާއަށް ދިއުމަށް ދަތިތަކެއް ކުރިމަތިވެފައި ވަނީ. އެ ގަވައިދުގެ ދަށުން ރަށުގައި ތިބެގެން ކިޔެވުމަށް ހުރަސް އެޅޭ. ކްލާހަށް ގޮސްގެން ނޫނީ ނުކިޔެވޭ ގޮތަށް އޮންނަނީ. ހާއްސަކޮށް ޓީޗަރުންނަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ ރައީސްގެ އަރިހުން އެދިވަޑައިގަތީ މިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށެވެ.
ރައީސް މުއިއްޒު ކޮޅުފުށީގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ޓީޗިން ފަދަ ބައެއް ކޯސްތައް ރަށްރަށުގައި އޮންލައިންކޮށް ކިޔެވޭނެ ގޮތް ހެދުމަށް ކަމާގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށެވެ.
ޓީޗިން ދާއިރާއަކީ ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ދަރިވަރުން މަތީ ތައުލީމް ހާސިލުކުރަމުން އަންނަ އެއް ދާއިރާ އެވެ. އެ ގަވައިދަށް އަމަލުކުރަން ފެށުމުގެ ކުރިން ރަށްރަށުގެ ސްކޫލުތަކުގައި ޓީޗަރުންގެ ގޮތުގައި ވަޒީފާ އަދާ ކުރާ ގިނަ އަދަދެއްގެ ޓީޗަރުން، ކިޔަވަމުންދިޔައީ އޭރު ހުއްދަ ދޫކޮށްފައި ހުރި ކޮލެޖް ތަކުން އޮންލައިން ކޮށެވެ.
ވަޒީފާ އަދާކުރަން ރަށުގައި ތިބެގެން އޮންލައިންކޮށް ކިޔާވާ ޓީޗަރުންގެ އަދަދު ވެސް ވަރަށް ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިޒަމާނުން
23 September 2025
ލޮލް. މިއޮއްޒަމާނުގައި އޮންލައިންކޮށް ކިޔެވުން އާކަމަކަށްހަދަން. ހިންގަންތިބިމީހުންގެ ވިސްނުން ތަރައްގީނުވަނީ.
ޖަންބު
23 September 2025
ނޫސްވެރިޔާ ވެސް ދެނެގަންނަންވީ ކަމަކީ، އީ-ލާރނިންގ ގައިޑްލައިންގ ކުރިން މި ކޯސްތައް އޮންލައިންކޮށް ހަދަމުންނޭ ދިޔައީ ބުނި އިރު، އެއީ، ކޮވިޑް ތެރޭގައި މަޖްބޫރުވެގެން ކިޔެވި ކިޔެވުމެއް. ކޮންމެހެން އީ-ލާރނިންގ ގައިޑްލަިއން އިން ހުއްޓވީކީއެއް ނޫން. ހަނދާންކުރަންޖެހޭ ކަމަކީ، ކޮވިޑްގެ ކުރިން އެއްވެސް ވަރަކަށް މި ކޯސްތައް އީ-ލާރނިންގ އިން ވަރަށް މަދު ތަނަކުން ނޫނީ ގެންގޮސްފައެއް ނެތް. ރައީސަށް މި ވަރު ކިޔައިދޭނެ މީހަކު ވެސް ނެތީ ތާ!
ރުމާލު
23 September 2025
ބަލަ ކިޔެވުމާއި، ދަރިވަރުންގެ ފެންވަރު ދަށްވަނީ ސަބަބުތަކެއް މެދުވެރިވެގެންނޭ. ތިއީ، އެ ފަދަ ސަބަބުތަކެއް.
ޑެބީބޮޓު
23 September 2025
މަކަރޭ ހަަދަނީ އޮންލައިންކޮށް ކިޔަވަނިއްޔޭ ކިޔައިގެންވެސް
ނާނު-15
23 September 2025
އަސްލު އޮންލައިން ކޮށް ކިޔެވުމަކީ ވ ބުރަ ކަމެއް
ސަރު ކާރު
23 September 2025
ކުރިން ބުނި އެތި ކެންސަލު
ރޭނީސް
23 September 2025
ތަޢުލީމަކީ މީހާ އަމިއްލައަށް ބުރަތަކެއް އުފުލައިގެން ޙާޞިލުވެވޭނެ އެއްޗެއް ކަމަށް ޤަބޫލުނުކޮށް، އެހެން މީހުން ނުވަތަ ދައުލަތުން މީހާ ގޭގައި ހުއްޓާ ފަސޭހަކޮށް ދޭންޖެހޭ އެއްޗެއް ކަމަށް ޤަބޫލުކޮށް، ލަދެއް ވެސް ނެތި އެ ވާހަކަ އެ ގޮތަށް ދައްކައި، ރައީސް ވެސް ހައްލައިލީ ތާ!! އަނެއްކޮޅުން، ބާރުލާފައި ކޯސްތަކުގެ ފެންވަރެއް ނެތޭ، ނިންމާ ދަރިވަރުންގެ ފެންވަރެއް ނެތޭ ވެސް ކިޔާނޭ!
ރިބަން
23 September 2025
މީހާ ގޭގައި ހުރެގެން ހުރިހާ ދާއިރާއެއްގެ ކޯހެެއް ހެދޭ ގޮތަށް ދުނިޔޭގެ އެއްވެސް ޤައުމެއް ގައި ނޯވޭ. އަދި އަމުދުން ޕްރެކްޓިކަލް ދާއިރާތަކުގެ ކިޔެވުން ޙާޒިރުވެގެން ކިޔަވާ ގޮތަށް އޮންނަނީ. ތަޢުލީމު ޙާޞިލުކުރުމަށް ޓަކައި އެހެން ރަށަކަށް ގޮސްގެން ނަމަވެސް ކިޔަވަން ޖެހިއްޖިްޔާ އެކަން އެ ގޮތަށް ކުރަންޖެހޭނެ ކަމަށް ޤަބޫލުނުކޮށް، މީހާގެ ގެއަށް ކޯސް ގެންނަންޖެހޭ ކަމަށް ޤަބޫލުކޮށް ރައީސް އެކަމަށް އާ ބަސް ވިދާޅުވުމަކީ ދެރަވަރުކަންކަން.
ޢިލްމިއްޔާ
23 September 2025
ޤުރުޢާން ކޯސް އޮންލައިންކޮށް ނެހެދެންވީ ސަބަބު ވިސްނާވިސްނާ ނޭގުނު.
ވިސްނުންް
23 September 2025
ރާއްޖޭގެ ގިނަ ރަށްރަށަށާއި، ހާއްސަ ބައެއް މާއްދާތަކަށް ޓީޗަރުންނަކީ ވަރަށް ދަތި އެއްޗެއް. ކޮންމެ ރަށަކަށް އެ ރަށަކުން ޓީޗަރުން ލިބުން އެއީ މުހިއްމު ކަމަކަށް ވިޔަސް ރާއްޖެ އުފެދިފައިވާ ގޮތާއި ރައްޔިތުންގެ ދިރިއުޅުން ހުރި ގޮތުން ކޮލެޖަށް ގޮސްގެން ޓީޗިންގ ހެދުން އެއީ ވަރަށް ދަތިކަމެއް. ޓީޗަރުން ނެތި ވާކަށް ނެތް. އެކަމަކު ޓެކްނޮލޮޖީއާ ޒަމާނުގެ ފަހަތުން ނުގޮސް، ފެންވަރު ހިފަހައްޓާށޭ ބުނެ ޓީޗިންގ ކޯސް މަނާކުރި ކުރުން ދެވަނަ ވިސްނުމަކަށް ދާންޖެހޭ
މުޑަހަންޖާ
23 September 2025
"ގައިޑްލައިންތަކާ ގުޅިގެން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް، ރަށުގައި ތިބެގެން...."، ރާއްޖޭ ހުރިހާ މީހުންވެސް އުޅެނީ ރަށްރަށުގަނޫންތަ، އަނެއްކާ ފަރުބަދަމަތީގައާ ވާދީތަކުގަ ދިރިއުޅޭ ބަޔަކުވެސް އުޅެނީތަ.