ދެ ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މ. އަތޮޅު މަދަރުސާގެ ކުރީގެ ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރު ޝުއައިބު އަބްދުﷲ ގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފަސް ދައުވާއެއް އުފުލައިފި އެވެ. 

ޕީޖީ އޮފީހުން ބުނީ މ. ކޮޅުފުށީ ސާދާގެ، ޝުއައިބު އަބްދުﷲގެ މައްޗަށް ދައުވާކުރީ އޭނާ ކިޔަވައިދިން ދެ ކުއްޖެއްގެ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީ އާއި އެ ކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ. 

އޭނާގެ މައްޗަށް މި މަހުގެ 21 ވަނަ ދުވަހު ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ؛

  • އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ
  • އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުމުގެ ދެ ދައުވާ
  • ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމާއި ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުމުގެ ކުށަކީ 15 އަހަރާއި 18 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނަ ކުށްތަކެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމަކީ 1 މަހާއި ހަ ދުވަހަށް ޖަލަށް ލެވޭ ކުށެކެވެ.  

"... މި ދައުވާތައް ސާބިތުވެއްޖެ ނަމަ، ޝުއައިބު އަބްދުﷲ ގެ މައްޗަށް މަދުވެގެން 60 60 އަހަރާއި 1 މަހާއި 6  ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ." ޕީޖީ އޮފީހުން ބުނެފައިވެ އެވެ. 

ކުޑަކުދިންނާ މެދު ބަދުއަހުލާގީ އަަމަލުތައް ހިންގުމުގެ މައްސަލަތަކުގައި، އަނިޔާ ލިބޭ ކުދިންގެ ވަނަވަރު ހާމަވެދާނެ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ގާނޫނީ ކުށެއް ކަމަށް ވާތީ މި މައްސަލައިގައި ވެސް ކަމާބެހޭ އިދާރާތަކުން ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.