އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހިމެނޭ ކުއްޖާގެ ކަރާމަތަށް ގެއްލުންވާނެ ގޮތަށް މައުލޫމާތު ދައުރު ނުކުރަން ޖެންޑާ މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންނަކީ އާއިލާގެ ފަރާތުންނާއި، ޖަމާއަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭ ބައެއް ކަމަށާއި ނަމަވެސް، އެ ހަމަތަކާއި ހިލާފަށް ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް އެކުދިންގެ ޒާތީ މައުލޫމާތު މީޑިއާގެ އެކިއެކި މަންސަތަކުގައި ހާމަކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންވެ، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ކުޑަކުދިންނާއި ގުޅުންހުރި މައުލޫމާތު އާންމު ނުކުރުމަށް އިލްތިމާސްކުރާ ކަމަށް ބަޔާނުގައި ބުންޏެވެ.
ކުޑަކުދިންގެ ތެރެއިން ކުށުގެ ތުހުމަތެއް ކުރެވިފައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބެނުންވާ ކުދިން ހާއްސަކޮށް، އެކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމަތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިއުކޮށްގެން ނުވާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
ނަމަވެސް، މީޑިއާ އަދި ސޯޝަލް މީޑިއާގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވީ ކުއްޖާއާ ގުޅޭ ޒާތީ ބައެއް މައުލޫމާތުތައް ހާމަކޮށްފައިވެ އެވެ.
ޖިންސީ ގޯނާގެ ތުހުމަތުވާ މައްސަލައިގެ ތަހުމަތަށް ޝާހިދު ހައްޔަރުކޮށް، ބަންދަށް 30 ދުވަސް ޖަހާފައިވެ އެވެ. މިއީ ކުޑަކުއްޖެއް ހިމެނޭ މައްސަލައަކަށްވާތީ ފުލުހުންނާއި ކޯޓުން ވެސް މައްސަލައާ ގުޅޭ ތަފްސީލެއް އާންމުކޮށްފައެއް ނުވެ އެވެ.