އަމިއްލަ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރުމަށް ފުރުސަތުދީ، ހިތްވަރުދިން މައްސަލާގައި، އެ ކުއްޖާގެ މަންމަގެ މައްޗަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްވި 18 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމް ބާތިލުކުރަން ހައި ކޯޓުން ނެރުނު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމާ އެކު 2018 ވަނަ އަހަރު މިނިވަންވި އަންހެން މީހާ އަލުން ޖަލު އަދަބު ތަންފީޒުކުރަން ފަށަން ޖެހޭނެ އެވެ.
މިއީ 2014 ވަނަ އަހަރުން ފެށިގެން އެކި ދުވަސްމަތިން މީހަކު ލައްވައި އަންހެން ދަރިފުޅާ މެދު ޖިންސީ އަމަލު ހިންގުމަށް ހިތްވަރުދީ އެކަމަށް މަގުފަހިކޮށްދިން މައްސަލައެކެވެ. މި މައްސަލާގައި 2016 ވަނަ އަހަރު ކުޅުދުއްފުށީ ކޯޓުން އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅީ ދެ ކުށެކެވެ. އެއީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލު ހިންގުވުމުގެ ކުށާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރާކަން އެނގި ހުރެ ރިޕޯޓް ނުކުރުމުގެ ކުށެވެ.
ދެ ކުށުގެ އަދަބަކަށް އިއްވީ 18 އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން 2018 ވަނަ އަހަރު ހައިކޯޓުން ދަށު ކޯޓުގެ ހުކުމް ބާތިލުކުރީ އެވެ.
އެގޮތަށް ނިންމީ ޝަރީއަތުގެ ލިޔުންތައް އޭނާއަށް ރައްދުވިކަން ކަށަވަރު ނުވާތީ ދިފާއުވުމުގެ ހައްގު ގެއްލިފައިވާ ކަމަށް ބުނެ އަދި ރިޕޯޓު ނުކުރި މައްސަލައިގެ ތަހުގީގެއް ނުހިންގާ ދައުވާ އުފުލާފައިވާ ކަމަށް ބަލައިގެންނެވެ. ނަމަވެސް، ދައުލަތުން ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރުމުން، އެ ކޯޓަށް ފެނުނީ ހައި ކޯޓުގެ ނިންމުން ގޯސްކޮށް ކަމަށެވެ.
ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނި ގޮތުގައި މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގި މައްސަލައަކަށް ވުމުން ލިޔުންތައް ހަވާލުކުރި ކަމުގެ ވަކި ރެކޯޑެއް ނެތް ނަމަވެސް ޝަރީއަތުގައި އޭނާ އެފަދަ އެއްވެސް ޝަކުވާއެއް ކޮށްފައެއް ނުވެ އެވެ. ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފައިވުމުގެ އިތުރުން ދައުލަތުން ހުށަހެޅި މެޑިކަލް ރިޕޯޓްތަކާ ގުޅިގެން ޝަރީއަތުގައި ހެކިންނާ އޭނާ އަމިއްލައަށް ސުވާލު ކޮށްފައިވާތީ، ލިޔުންތައް ލިބިފައިވާކަން އެނގޭ ކަން ހުކުމްގައި ފާހަގަކުރި އެވެ.
ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރާކަން އެނގި ހުރެ ސިއްރުކުރި މައްސަލާގައި ފުލުހުންގެ ތަހުގީގުގައި އޭނާއާ ސުވާލު ކޮށްފައިވާކަން ބަޔާނުން އެނގެން އޮތް ކަމަށާއި ދަރިފުޅަށް ގޯނާކުރާކަން އެނގި ހުރެ އެކަން ސިއްރުކުރި ކަމަށް އޭނާ އަމިއްލައަށް ތަހުގީގުގައި އިއުތިރާފުވެފައިވާތީ އެ ދައުވާ އުފުލީ ރަނގަޅަށް ކަމަށް ވެސް ހުކުމްގައިވެ އެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ލިޔުއްވި ރައުޔަށް، ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މުހައްމަދު ސަލީމް ތާއީދު ކުރެއްވި އެވެ. އެހެންކަމުން ހައި ކޯޓުގެ ހުކުމް ބާތިލުކޮށް، ދަށު ކޯޓުން އިއްވި 18 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރުމަށް އެންމެ މަތީ ކޯޓުން ވަނީ އަންގައިފަ އެވެ.