ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރުމުގައި ސިޔާސީ އެއްވެސް މަގުސަދެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޝާހިދު ހައްޔަރުކޮށްފައިވަނީ ވަަރަށް ސީރިއަސް މައްސަލައެއްގައި ކަމަށާއި އެކަމުގައި ސަރުކާރުގެ އެއްވެސް މަގުސަދެއް ނެތް ކަމަށެވެ.
"ސިޔާސީ ބޭނުމެއްގަ އެއްވެސް މީހަކަށް ނުދޭނަން އަދަބެއް. އެއީ މި ގައުމުގައި އަޅުގަނޑު ނިމުމަކަށް ގެނައި ކަމެއް. ސިޔާސީ އަދަބު ދިނުން ނިމުމަކަށް ގެނެސްފައި އެ ވަނީ. އެހެންވީމާ އެކަމެއް ނުކުރާނަން އަޅުގަނޑެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުޑަކުއްޖެއް ހިމެނޭ މިފަދަ ސީރިއަސް މައްސަލައެއްގައި ތުހުމަތުވާ މީހާއާ މެދު އެއްވެސް ތަފާތެއް އޮވެގެން ނުވާނެ ކަމަށާއި އެއީ ކޮންމެ މީހަކަށް ވިޔަސް، ގާނޫނީ އިޖުރާއަތް ހަމަހަމަކަމާ އެކު ތަންފީޒު ކުރަން ސަރުކާރުން ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.
"އެހެންވީމާ އެކަން ފޮލޯ ކުރަން ކުރާ ކަންކަމަކަށް މި ސަރުކާރަކުން ހުރަހެއް ނާޅާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޝާހިދު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އޭނާ ހައްޔަރުކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ޝާހިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި ވެ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކުރީ ހުޅުމާލޭގެ ރެއިންބޯ އޯޝަން ފްރޮންޓްގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ.
ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ ޝާހިދަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރާއިރު، އޭނާ ގެންދަވަނީ 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.
ޝާހިދު ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.