ސްކޮލާޝިޕް ލިބުނު ޔަޒާން، އިޝާ އަދި ޔާލާ.
27 ސެޕްޓެމްބަރ 2025 - 10:57
ޔުނައިޓެޑް ވޯލްޑް ކޮލެޖް މޯލްޑިވްސް (ޔޫޑަބްލިއުސީ މޯލްޑިވްސް) އިން ދެމުން އަންނަ ސްކޮލަޝިޕް ތިން ދަރިވަރަކަށް ދީފި އެވެ.
ޔޫޑަބްލިއުސީ އިން ބުނީ އިންޑިއާ، ހޮންކޮންގް އަދި ކެނެޑާގައި މަތީ ތައުލީމު ހާސިލުކުރުމަށް ދޭ އެ ސްކޮލަޝިޕް މިފަހަރު ލިބުނީ ނ. ކުޑަފަރީ ސްކޫލުގެ ދަރިވަރެއް ކަމަށްވާ އިޒް ޔާލާ ބިންތު އަލީ ޝަމީމާއި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރު ޔަޒާން އަބްދުﷲ ސާއިދު އަދި ތާޖުއްދީން ސްކޫލުގެ ހައްވާ އިޝްހާ އަށް ކަމަށެވެ.
މިފަހަރު އެ ދަރިވަރުން ފޮނުވީ އިންޑިއާގެ މަހިންދްރާ ޔުނައިޓެޑް ވޯލްޑް ކޮލެޖާއި ހޮންކޮންގުގެ ލީޕޯޗުން ޔުނައިޓެޑް ވޯލްޑް ކޮލެޖާއި ކެނެޑާގެ ޕިއާސަން ޔުނައިޓެޑް ވޯލްޑް ކޮލެޖަށެވެ.
އެ ސްކޮލަޝިޕަށް އެ ދަރިވަރުން ހޮވީ އާންމުކޮށް ހުޅުވާލައިގެން ކުރި އިއުލާނެއްގެ ދަށުން އެ ދަރިވަރުން ހުށަހެޅި އެޕްލިކޭޝަނާއި ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ބޭއްވި ދެ ދުވަހުގެ ސިލެކްޝަން ކޭމްޕާއި އިންޓަވިއަކަށް ބެލުމަށް ފަހު އެވެ.
ޔޫޑަބްލިއުސީ އިން ބުނި ގޮތުގައި ދަރިވަރުން ސްކޮލަޝިޕަށް ހޮވުމުގައި އެ ކުދިންގެ އިލްމީ، ފަންނީ އަދި އިޖުތިމާއީ ހުނަވެރިކަމާއި ކްރިޓިކަލް ތިންކިންއަށް ބަލާފައިވެ އެވެ.
ޔޫޑަބްލިއުސީގެ ސްކޮލަޝިޕްގައި މިހާރު ވެސް ތިން ދަރިވަރަކު އަންނަނީ ޖަރުމަނާއި ޗައިނާ އަދި ސައުތު އެފްރިކާގައި ތައުލީމު ހާސިލުކުރަމުންނެވެ.
އެ ސްކޮލަޝިޕަކީ ގްރޭޑް 10 ނިންމައި ނުވަތަ ނިންމުމުގެ މަރުހަލާގައިވާ އުމުރުން 15-17 އަހަރުގެ ދަރިވަރުންނަށް ހާއްސަކޮށްކޮގެން މަތީ ސާނަވީ ތައުލީމު ޔުނައިޓެޑް ވޯލްޑް ކޮލެޖެއްގައި ހާސިލުކުރަން ދޭ ފުރުސަތެކެވެ. އެތަނުގައި ދަރިވަރުން ފުރިހަމަކުރާނީ އިންޓަނޭޝަނަލް ބެޗަލަރޭޓް (އައިބީ) ޑިޕްލޮމާއެކެވެ. އެއީ އޭލެވެލްއާ އެއް ފެންވަރުގެ އަދި ދުނިޔޭގެ ހުރިހާ ޔުނިވާސިޓީއެއްގައި ވެސް ގަބޫލުކުރާ ކޯހެކެވެ.
ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ ވެސް ގަބޫލުކުރާ ދެ އަހަރުގެ އެ ކޯހާ ބެހޭ ގޮތުން، ޔޫޑަބްލިއުސީ މޯލްޑިވްސްގެ އެގްޒެކްޓިވް ކޮމިޓީގެ ޗެއާ ޒަހީނާ ރަޝީދު ވިދާޅުވީ މިއީ އެ ސްކޮލަޝިޕް ލިބުނު ދަރިވަރުންގެ މުޅި ހަޔާތް ބަދަލުވެގެންދާނެ ފަދަ ފުރުސަތެއް ކަމަށެވެ.
ޔޫޑަބްލިއުސީގެ އަމާޒަކީ ޒުވާނުންގެ މެދުގައި އުއްމީދު އާކޮށް ހެޔޮ ބަދަލު ގެނައުމުގެ ޖޯޝު އުފެއްދުން ކަމަށް ޒަހީނާ ވިދާޅުވި އެވެ.
ޔުނައިޓެޑް ވޯލްޑް ކޮލެޖުތަކަކީ 1963 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ހަމަޖެހުމާއި އެއްބަޔަކު އަނެއް ބަޔަކާ ސުލްހަވެރިކަމާ އެކު ދިރިއުޅުމަށް ބާރުއެޅުމަށް ތައުލީމަކީ ބިންގަލެއް ކަމަށް ދެކިގެން އުފެއްދި ސްކޫލުތަކެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ޖުމްލަ 18 ޔުނައިޓެޑް ވޯލްޑް ކޮލެޖު ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy