ނާޒިމް ވިދާޅުވީ ވޯޓުލައިގެން ވެރިކަންތައް ބަދަލުވިޔަސް ކޮރަޕްޝަންތައް ނުހުއްޓި ކުރިއަށް ދާ ކަމަށް.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ނާޒިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
02 އޮކްޓޯބަރ 2025 - 12:57
އެކި ސަރުކާރުތައް ބަަދަލުވަމުން އައި ނަމަވެސް ފެނަކައިގެ ކޮރަޕްޝަން ނުހުއްޓި ކުރިއަށް ދާ ތަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ފެނަކަ އޮޑިޓްކޮށް، އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ނެެރުއްވި ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ބަލައި އެ ކަންތައްތަކުގެ ޒިންމާ އުފުލަން ޖެހޭ މީހުންނަށް ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ޕީއެންސީގެ މެމްބަރަކު ހުށަހެޅުއްވި ގަރާރުގެ ބަހުސްގަ އެވެ.
މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ނާޒިމް ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ ވަނީ އަދާކޮށްފައި ކަމަށެވެ.
ފެނަކައިގެ އޮޑިޓް ރިޕޯޓަކީ 19 ވަަނަ ރައްޔިތުންގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީން އެދިގެން ކުރި އޮޑިޓެއްގެ ނަތީޖާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެހެންވެ، މި ފަހުން ފެނަކައިގެ އޮޑިޓް ރިޕޯޓު ނެރުނީ އަވަސް އަރުވާލައިގެން ކަމަށް ބުމުގެ ފުރުސަތު ނެތް ކަމަަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ މި ވަނީ އަދާކުރެވިފައި. ފެނަކައިގައި ހިނގަމުން ދިޔަ ކޮރަޕްޝަނަކަށް ސަރުކާރު ބަދަލުވުމަކުން، އެއް ސަރުކާރު، އަނެއް ސަރުކާރު ބަަދަލުވުމަކުން ބަދަލެއް އައިސްފައެއް ނެތް. އެ ކަންތައްތައް ހަމަ އެ ގޮތުގައި ކުރިއަށް ދިޔައީ،" ފެނަކައިގެ ކޮރަޕްޝަންގެ މާޒީ އަށް އިޝާރާތް ކުރައްވަމުން ނާޒިމް ވިދާޅުވި އެވެ.
ފެނަކައިގެ އޮޑިޓް ރިޕޯޓުން ފާހަގަ ވެފައި ވަނީ އެއްވެސް ޖެހިލުމެއް ނެތި ހިންގާފައިވާ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ ޑިމޮކްރަސީގައި އޮންނަނީ ވޯޓުލައިގެން ކަންތައްތައް ބަދަލުކުރުން ކަމަށާއި ނަމަވެސް ވޯޓުލައިގެން ކޮރަޕްޝަން ނުހުއްޓުވުނު ކަމަށެވެ.
"ވޯޓުލައިގެން ކަންކަން ބަދަލުކުރެވިއްޖެ، ސަރުކާރުތައް ވެސް ބަދަލުކުރެވިއްޖެ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެނިގެން ދަނީ ކޮރަޕްޝަން ހަމަ އެއްގޮތަކަށް ވެސް ނުހުއްޓި ކުރިއަށް ދާތަން،" ނާޒިމް ވިދާޅުވި އެވެ.
ފެނަކައިގެ 2021 އިން 2023 އަށް ހިންގި މުއާމަލާތްތަކާ ބެހޭ އޮޑިޓުގައި ވަނީ އެ ކުންފުނިން ހިންގާފައިވާ ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިކޮށްފަ އެވެ.
ފެނަކައިގައި ހިނގަމުން ދިޔަ ކޮރަޕްޝަނަކަށް ސަރުކާރު ބަދަލުވުމަކުން، އެއް ސަރުކާރު، އަނެއް ސަރުކާރު ބަަދަލުވުމަކުން ބަދަލެއް އައިސްފައެއް ނެތް. އެ ކަންތައްތައް ހަމަ އެ ގޮތުގައި ކުރިއަށް ދިޔައީ،"--- ނާޒިމް
އޭގެ ތެރޭގައި މާލީ ހާލަތަށް ނުބަލައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމާއި ބިޑަކާ ނުލާ 1.3 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހިންގަން ހަވާލުކުރުމާއި އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ އާއިލާގެ ކުންފުނިތަކަށް މަސައްކަތް ހަވާލުކޮށް 31 މިލިއަން ރުފިޔާ ދޫކޮށްފައިވުން ހިމެނެ އެވެ. މީގެ އިތުރުން ފެނަކަ މުވައްޒަފުންގެ އަތަށް ޕެޓީ ކޭޝްގެ ގޮތުގައި 26 މިލިއަން ރުފިޔާ ދިނުމާއި އޮފީސް އިމާރާތް އެޅުމަށް މާކެޓު އަގަށް ވުރެ 767 މިލިއަން ހޭދަކުރުމާއި ދަތުރުފަތުރުކުރަން މާކެޓު ރޭޓަށް ވުރެ 48 މިލިއަން އިތުރަށް ހޭދަކުރުން ހިމެނެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ސައީދު ހުންނަވައިގެން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2021 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަމާލުކަމަށް ގެނަ އެވެ.
އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަމަކު، އޭރުގެ ވެރިކަން ނިމުނުއިރު، އެ ކޮރަޕްޝަންގެ ތުހުމަތުތަކަށް ފިޔަވަޅެއް ނާޅަ އެވެ.
ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، މިދިޔަ ހަފުތާ އިން ފެށިގެން ގެންދަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް ވެސް ތަންފީޒު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކިހާކުމަޖާ
02 October 2025
ހަތްގުދު އޮތްމީހާ ގުދޯގުދޯ ގޮވާނަގަނީ. ހީހީ ހަލާލުވާވަރުވޭ. އަދި ރޮއިރޮއި އަވަދިވާވަރުވެސް ވޭ!
ކަރަޕްސަނޢ
02 October 2025
ބަލަ ނާޒިމޫ އެކޮއި ތިޔަވާހަކަ ދެއްކީމަ ރައްޔިތުމީހާ ގާތައް އަންނާނީ ހިނި. މިޖީލުގެ ކުދިން ކަރަޕްޝަން ޱިގުރީ ހަދަންދިޔައީ އެކޮއި ހިންގި ޓިއުޝަން ކުލާހައްނޫންތޯ ދެންކޮންކޮރަޕްޝަނެކޭ ތިޔަކިޔަނީ. ދެއިރުދެދަޅައަށް މިއިތުރުކުރާ ސިޔާސީ ވަޒީފާތަކުގެ ވާހަކަ ނުދައްކަނީ ކީއްވެތޯ؟
މިސްލިތާނު
02 October 2025
ކޮބާހޭ ހުޅުމާލެއިން ވިއްކި ބިންތައް/
ލައިޓް
02 October 2025
ރަށެއްގެ އިންޖީނުގެ ބަލަހައްޓަން ކިތައް މީހުން ބޭނުންވާނީ ؟
ބިއްލޫރިޓަނަލް
02 October 2025
ލުކް ހޫ އިޒް ޓޯކިންގ.
މަންނާނު
02 October 2025
މިސަރުކާރުންވެސް މިފެންނަނީ ޤައުމު ލޫޓުވާތަން ކޮންމެރަށަކު 200 އެސްޕީޑީން ލައިގެން އެމީހުނައް ބޮޑުމުސާރަދޭން ނިކަމެތިރައްޔިތުން ނަންމަތީ ބޮޑެތިލޯނު ނަގާތަން މިފެންނަނީ ކުރާ އުމްރާނީ މަސައްކަތެއް ހަރާން
އިބްރާމް
02 October 2025
ތީ އެންމެ ރަނގަޅުމީހާ ތިހެން ބުނަން... ވަރަށް ސަލާމް
އޮނަރަބްލް އަފީފު ދީދީ
02 October 2025
ވެރިކަމުގައި އޮތް ޕާޓީ އާއި އެމީހުނާއި ވާދަވެރި ޕާޓީތަކުންވެސް "ވައްކަމާއި ޙިޔާނާތުގެ ވާހަކަ ދެއްކުމަށް ނިކުމެ ތިއްބެވީ މިކަންކަމުގެ ތުހުމަތު އެމީހުންގެ މައްޗަށް ކުރެވޭ އަދި ޝަރުޢީ ކޯޓުތަކުން އެމީހުންގެ މައްޗަށް ޙުކުމް ކޮށްފައިވާ މިކަމުގެ މާޒީއޮތް މީސްމީހުން" ކަން ފާހަގަ ކޮށްލަންޖެހޭ. ވައްކަމާއި ޙިޔާނާތުގައި އަމަލީގޮތުން އުޅެ "ތަޖުރިބާ ޙާސިލް ކޮށްފައިވާ ތަޖުރިބާ ކާރުންނަށް" ވައްކަމުގެ ވާހަކަ ދެއްކިޔަސް ވައްކަންހުއްޓުވުމަށް މަސައްކަތެއްނުކުރެވޭނެ.
މަބުނީ
02 October 2025
ހުރިހާބާރެއް އޮވެމެ ތިހެން ނުކިޔާ ހުއްޓުވަންވީނު.
ރާވެރިބެ
02 October 2025
ފެނަކަ އެކަންޏެއް ނޫން. ސަރުކާރުގެ ހުރިހާ ކުންފުނިތަކުން ކޮރަޕްޝަންގެ ބޮޑެތި އަމަލުތަށް މިހާރު ވެސް ހިންގާ ކަމަށް ވަރަށް ބޮޑަށް ޝައްކު ކުރެވޭ. ނުހައްގު މުއްސަނދިކަން ވަރަށް ގިނަ. އޭގެ ތެރޭގަ މަޖިލިސް މެމްބަރުންނާ ސަރުކާރުގެ ބައެއް އިސްވެރިން ހިމެނޭ ކަމަށް ގިނަ މީހުން ގަބޫލް ކުރޭ. އެކަމަކު މިފަދަ މައްސަލަތަކެއް ބަލާނެ ފަރާތެއް ނެތް. ހުސް ސިޔާސީ ވާހަކަ ދެއްކުން ކަމަކީ.