ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ކޮރަޕްޝަންތައް ހާމަވާ ރިޕޯޓްގައި ހުރި ވާހަކަތަކާ މެދު ހިތާމަކޮށް "ރޮވޭ ވަރުން އެ ރިޕޯޓް ނުވެސް ކިޔޭ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ފެނަކަ ކޯޕަރޭޝަނުން މުދަލާއި ހިދުމަތް ހޯދާފައިވާ ގޮތާއި ކުންފުނީގެ މާލީ ހާލަތު ބެލުމަށްފަހު އޮޑިޓާ ޖެނެރަލް އެކުލަވާލާފައިވާ ރިޕޯޓް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އެ ރިޕޯޓް ކިޔަން ފަށާއިރަށް ލޮލުން ފެން އަންނަ ކަމަށެވެ. އެހެންވެ އެ ރިޕޯޓް ދިގުކޮށް ވިދާޅުވާން ހުންނެވޭނެހެން ހީނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިއްޒަތްތެރި ރައީސް އަޅުގަނޑު ހަމަ ލޮލުން ފެން އާދޭ މި ރިޕޯޓް ކިޔަން ފަށާ އިރަށް އިނގޭތޯ. އެހެންވީމާ ދިގުކޮށް ކިޔާކަށް ހިޔެއް ނުވޭ މިތާ ހުރެވޭނެހެނެއް. ހަމަ ކަރުނަ އަންނަނީ، ކަރުނަ ސީދާ. އެއީ މިހިރީ ވައްކަން ކޮށްދީފައި މިހިރީ،" އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު ވިދާޅުވި އެވެ.
ފެނަކައިގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ހުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ ކޯޕަރޭޝަނުން މުދަލާއި ހިދުމަތް ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކެވެ. އަދި އޭގެ ތެރެއިން އެއް މައްސަލާގައި ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ޖަލު ހުކުމެއް ވެސް އިއްވި އެވެ.
ފަލާހު ވިދާޅުވީ އެހެން އެކަން އޮތްއިރު އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރަށް ގޮން ޖައްސަވައި ބަހުސަކަށް ވަޑައިގަންނަވަން ގޮވާލައްވާފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި މަޖިލީހުގެ ރައީސަކަށް އިންނަވައިގެންނާއި މަޖިލީހުގެ ރައީސްކަމުން ވަކިވި ފަހުން ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމީރަށް ފާޑު ވިދާޅުވި ކަމަށް ފަލާހު ވިދާޅުވި އެވެ.
"އަމީރު މިތަނަށް ދައުލަތުގެ ބަޖެޓް ހުށަހެޅީމާ [ރައީސް ނަޝީދު] ވިދާޅުވަނީ ކޮންމެ ފަހަރަކު ވެސް، އަމީރުއޭ، ވައްކަމުގެ ރަސީދެކޭ އަމީރު ތިޔަ ފޮނުވަނީ ކޮންމެ ފަހަރަކު،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވި ގޮތުގައި ނަޝީދު މިހާރު އަމީރު އަރިސް ބޭފުޅަކަށް ހައްދަވައިގެން އުޅުއްވާތީ ވެސް އޭނާ ދެރަވެ އެވެ. އަދި އަމީރަކީ ވަރަށް މޮޅު އިކޮނޮމިސްޓަކަށް ހަދައިގެން ނަޝީދު އުޅުއްވާއިރު އަމީރު ކޮށްފައި ހުރި ކަންތައްތައް ރިޕޯޓުން ފެންނަން އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ފެނަކަ ސައީދު އެކަނި މަރާލާ ކަހަލަ އެތިފަހެއް ނޫނޭ. މީގައި ބައިވެރިވާ ކިތައް މީހުންތޯ މިތިބީ. މިއީ ހިތާމަކުރަން ޖެހޭ، ލަދުގަންނަން ޖެހޭ، ދެރަވާން ޖެހޭ ކަންކަމޭ،" ފަލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް މީހަކު ޖަލަށް ލާން އެދިވަޑަައިނުގަންނަވާ ކަމަށާއި އެކަަމަކު ދިވެހި ރައްޔިތުން އެކަމާ ދޭތެރޭ ދެކޭނެ ގޮތް ވިސްނާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.