ބައި ކިލޯ ޑްރަގާ އެކު ދިވެއްސަކު އިންޑިއާގައި ހައްޔަރުކޮށްފި

ބައި ކިލޯގެ މަސްތުވާތަކެެއްޗާ އެކު ދިވެއްސަކު އިއްޑިއާގައި އިއްޔެ ހައްޔަރުކޮށްފި އެވެ.


އިންޑިއާގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެކި ބާވަތްތަައް ހިމެނޭ ގޮތަށް ބައި ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ބެންގަލޫރުން އަތުލައިގަތީ އަނިލް އަހުމަދު ނަމަކަށް ކިޔާ މީހެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް 1.8 ކިލޯގެ މަސްތުވާތަކެއްޗާ އެކު އޭނާ ހައްޔަރުކުރި ކަމަށް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއާ ހަވާލާދީ އެ ނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ.

"އޭނާ އުޅުނީ ފިލައިގެން. އެކަމަކު އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ އަނެއްކާވެސް އޭނާ ބެންގަލޫރަށް އައި ކަމަށް،" ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ.

ނައިޖީރިއާހެ މީހަކު ވެސް އަނިލްއާ އެކު އިއްޔެ އަތުލައިގަތެވެ. އެ މީހާ އާ ގުޅިގެން އަނިލް އުޅުނީ އެހެން މީހަކަށް މަސްތުވާތަކެތި ވިއްކަން ކަމަށް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އާ ހަވާލާދީ އެ ނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ.

އެ ދެ މީހުން ބަންދުގައި ބައިތިއްބަން ކޯޓުން ހުއްދަ ދީފައިވާ ކަމަށް ނޫހުގައި ވެ އެވެ.