ފޭދޫގެ ވޯޓު ފޮއްޓެއްގެ ކިއު ބަންދު ކުރި ކަން އީސީގެ އޮފިޝަލް އިއުލާން ކުރަނީ.---ފޮޓޯ: ނިޝާން އަލީ | މިހާރު
25 އޮކްޓޯބަރ 2025 - 20:40
އައްޑޫގެ ތިން ރަށް ކަމަށްވާ ފޭދު އާއި ހުޅުދު އާއި މީދޫގައި ވަކި ކައުންސިލް އުފައްދަން ފެނޭތޯ ބަލަން މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގައި އެ ތިން ރަށާއި މާލެ އިން ވޯޓުލާން ނުކުތީ ހައްގު ލިބިގެންވާ މީހުންގެ 47 ޕަސެންޓް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.
ތިން ރަށުން ޖުމްލަ 9،576 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭކަން އީސީން އޮތީ އިއުލާންކޮށްފަ އެވެ. އެކަމަކު މީގެ ތެރެއިން 50 ޕަސެންޓް މީހުން ވެސް ވޯޓުލާކަށް ނުނުކުމެ އެވެ.
ވަގުތީ ނަތީޖާ ދައްްކާ ގޮތުން މި ރިފަރެންޑަމްގައި ފޭދޫގެ 4،355 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 2،436 މީހުންނެވެ. މީދޫން 2،347 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 1،008 މީހުންނެވެ. ހުޅުދޫން 2،874 މީހަކަށް ވޯޓުލެވޭ އިރު ވޯޓުލީ 1،069 މީހުންނެވެ.
މި ވޯޓުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާންކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ފޭދޫ:
ވަކި ކައުންސިލް ހަދަން ފެންނަ: 616
ނުފެންނަ: 1،784
ހުޅުދޫ:
ވަކި ކައުންސިލް ހަދަން ފެންނަ: 723
ނުފެންނަ: 329
މީދޫ:
ވަކި ކައުންސިލް ހަދަން ފެންނަ: 847
ނުފެންނަ: 144
އައްޑޫގެ ވަކިވަކި ރަށްތަށް ސިޓީއެއްގެ ގޮތުގައި ގުޅުވާލަން ބޭނުންވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ރަށްތަކުގެ ރައްޔިތުންގެ ރުހުން ހުރި ގޮތް ބަލަން އޮކްޓޫބަރު 9، 2010 ގައި ވޯޓެއް ނެގި އެވެ.
އައްޑޫގައި އުފެދިފައިވާ ރަށްތައް އިދާރީ ގޮތުން އެއްކޮށްލައި ސިޓީ ކައުންސިލެއް އުފައްދައި އެ ކައުންސިލްގެ ދަށަށް ދިއުމާ މެދު މީގެ 15 އަހަރު ކުރިން ނެގި ފެންނަ ނުފެންނަ ވޯޓުގައި ސިޓީ ކައުންސިލެއް އުފައްދަން ފޭދޫން ވޯޓު ދިނީ 397 މީހެކެވެ. ނުފެންނަ ކަމަށް 494 މީހުން އެ ދުވަހު ފޭދޫން ވޯޓުލި އެވެ. އެ ވޯޓަށް ފޭދޫން ޝަރުތު ހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީ ކުރީ 3،571 މީހެކެވެ.
މީދު އަށް ބަލާއިރު އައްޑޫ ސިޓީ ކައުންސިލެއް އުފައްދަން ފެންނަ ކަމަށް މީގެ 15 އަހަރު ކުރިން ވޯޓުލީ 77 މީހެކެވެ. ނުފެންނަ ކަމަށް އެ ރަށުން 271 މީހަކު ވޯޓު ދިނެވެ. މީދޫގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ އޭރު 1،880 އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާން މިހާރު ވެސް ބޭނުންވާ ރައްޔިތުންތަކެއް ތިބި ހުޅުދޫން މީގެ 15 އަހަރު ކުރިން ފެންނަ ކަމަށް ވޯޓު ދިނީ 102 މީހެކެވެ.
ސިޓީ ކައުންސިލެއް އުފައްދައި އެ ކައުންސިލްގެ ދަށުން މަސައްކަތް ކުރުމާ ދެކޮޅަށް އޭރު ހުޅުދޫން 93 މީހަކު ވޯޓު ދިނެވެ. ހުޅުދޫން އެ ވޯޓަށް ޝަރުތު ހަމަވީ 2،566 މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
26 October 2025
ފުރަމާލެ، ވިލިމާލެ، ހުޅުމާލެ ވަކިކޮށް ކޮންމެ އަވަށަކަށް ކައުންސިލަކާއި މޭޔަރެއް ލައިގެން ހިންގަން ފެނޭތޯ ނުފެނޭތޯ، އުސޫލެއްގެ ގޮތުން، މިހާރުން މިހާރަށް، ބަލަން އެބަ ޖެހޭ.
އަބްޑޫޅް +
26 October 2025
"ކިޔޫ ބަންދުވީ" ކަމުގެ ނުޖެއްސަސް، އޭނަ ފެނުނީމަ، ވަގުތުން އެނގޭނެ، ކިޔޫ އެއޮތީ ބަންދުވެފައި ކަމުގައި.
އޮނަރަބްލް އަފީފު ދީދީ
25 October 2025
ޤާނޫނުއަސާސީގައި ރައީސަށް ބާރެއްދީފައި ވީކަމަށްވިޔަސް އައްޑޫސިޓީގެ 40 ހާސް ރައްޔިތުންގެމައްޗަށް ގޮތްނިންމަން 2176 މީހުނަށް ފުރުސަތުދިނުމަކީ ޑިމޮކްރަޓިކް އަދި ޤާނޫނީ އެއްވެސްހަމައަކުން ކުރެވޭނެކަމަކަށް ނުވާނެތީވެ، އައްޑޫސިޓީގެ އަވަށްތަކެއްވަކިކޮށް އެތަންތަނުގައި ރަށުކައުންސިލް ހަދާން ފެންނަތޯ ނުވަތަ ނޫންތޯބަލަން ނެގިވޯޓަށް އަމަލުކޮށް ކުރިންއޮތް ހާލަތު ބަދަލުކުރުމަކީ އެއްވެސްގޮތަކުން ކޮށްގެންވާނެ ކަމެއްނޫން. ވީމާ ރަށު ކައުންސިލް ހަދައިގެން ނުވާނެ.
މުޅިންވެސް ދޮގު
25 October 2025
މިއީ އެކަމު ރައްޔިތުން މިކަމަށް ގޮވާވަރުން ބޭއްވި ވޯޓެކޯ!
އޮނަރަބްލް އަފީފު ދީދީ
25 October 2025
ރާއްޖޭގެ ސިޔާސީ ކަންކަމުގައި އާދަޔާއި ޙިލާފު ހިތްވަރު ކުރާ އަދި އިންތިޙާބީ ވޯޓް ތަކުގައި އެހެން ހުރިހާ މީހުންވެސް ނަމޫނާ ބައެއްގެ ގޮތުގައި ބަލަމުން އަންނަ "އައްޑޫސިޓީ މީހުން" އެމީހުންގެ މުސްތަޤުބަލާއި ގުޅުން ހުރި ކަމެއްގައި މާލޭސަރުކާރުން އަވަސް އަރުވާލައިގެން ނެގި ވޯޓްގައި ބައިވެރިވެ މިކަމަށް މަސައްކަތްނުކުރީ އެތައް ސަބަބު ތަކެއް ހުރުމުން. މި ވޯޓްގެ ނަތީޖާ ނިކުމެފައިވާގޮތަށް ބަލާފައި އައްޑޫސިޓީ ރޫޅާލަން ރައީސް ނުނިންމަވާނެކަމަށް އުއްމީދު ކުރަން.
މުއިއްކޮ
25 October 2025
47 ވީމާ ގޯހެއްނޫން. ކައުންސިލް އިންތިހާބުތައްވެސް ވަރަށް ދައްކޮށްދާފަހަރު އާދޭ. ދީދީ ހަޖަމްކުރޭ.
ފެނޭދޯދޯ
25 October 2025
ވޯޓުލާން ނުކުތީ 47 ޕަސެންޓް މީހުން ކަމަށްވިނަމަވެސް ގާނޫނަކުން ވޯޓްލާން ނިކުންނަން ޖެހޭނެ އަދަދެއް ކަނޑަނާޅާނަމަ %3 މީހުން ނިކުމެލާ ވޯޓްގެ ނަތީޖާ ވެސް ވާނީ ގާނޫނީ ގޮތުން ސައްހަ ނަތީޖާ އަށޭ ހުޅުދޫ މީދޫ އަކީ ސްޓްރެޓެޖިކަލީ ގޮތުން ބަލާއިރު އައްޑޫ ތަނެއް ކަމަށް ނުފެނޭ އެހެންވެއްޖެނަމަ މާލެ ވެސް ވާނީ އައްޑޫ ތަނަކަށޭ ހުޅުދޫ އަދި މީދޫ އެއީ ވަކި އަތޮޅެކޭ އެއަތޮޅަށް ކިޔާނެ ނަމެއް އެދެރަށުގެ މީހުންގެ މެދުގައި ރިފަރެންޑަމް އަކަށް ގޮސްގެން ވެސް ބެލިދާނެއޭ
ފޭދޫމީހާ
25 October 2025
ތި ނިސްބަތް ބަލާނީ ކޮންމެ ރަށެއްވެސް ވަކިން. މިސާލަކަށް ފޭދު އިން ވޯޓު ލެވެނީ 4،355 މީހުން. ވޯޓުލީ ކަމަށް ވަގުތީ ނަތީޖާއިން ދައްކަނީ 2436 މީހުން ކަމަށް. އެއީ 55.94 އިން ސައްތަ. އެއީ ފޭދޫ ވޯޓުލާ އާބާދީގެ މެޖޯރިޓީ. ހުޅުދޫ އިން ވޯޓު ލައިފައި ވަނީ ހައްގު ލިބޭ މީހުންގެ 37.20 އިން ސައްތަ މީހުން. މީދޫ އިން ވޯޓު ލައިފަވަނީ ހައްގު ލިބޭ މީހުންގެ 42.95 އިން ސައްތަ މީހުން. އެހެންވީމަ، ވޯޓުގައި ފަހުން މި ބުނި ދެ ރަށުން ދަށޭ ބުނޭ.