ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި ގޮތުގައި ފުލުސް އޮފީހަށް ހާޒިރުވާން އެންގީ މިރޭ 8:30 އަށެވެ. ނަމަވެސް ފުލުސް އޮފީހަށް ހާޒިރުވާން އެންގި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް 30 ދުވަސް ވަންދެން ރާއްޖެ އިން ބޭރަށް ފުރާވަޑައިނުގެންނެވޭނެ ކަން ވެސް ފުލުހުން އެންގި ކަމަށް ވެ އެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރުވާން އެންގިއިރު، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ މިދިޔަ ހޯމަދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާގެ ފޯނު އަތުލައިފަ އެވެ. އަދި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ވަނީ އިއްޔެ ހަވީރު ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.
ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު، ރިޔާޒް ނޫސްވެރިންނަށް ވިދާޅުވީ އޭނާގެ މައްޗަށް ކުރަނީ ދެ ތުހުމަތެއް ކަމަށެވެ. އޭގެ ތެރެއިން އެއް ތުހުމަތަކީ އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ރާއްޖޭގެ ހިންގުން މާފިއާ ގޭންގަކާ ހަވާލުކުރާކަށް ގަބޫލެެއް ނުކުރެވޭ" ކަމަށް ރިޔާޒް ވިދާޅުވި މައްސަލަ އެވެ. ދެވަނަ ތުހުމަތަކީ ސަރުކާރުގެ މުއައްސަސާތަކުގެ ވަރަށް ގިނަ މައުލޫމާތު އޭނާ އަށް ލިބިވަޑައިގަތުމެވެ.
އިދިކޮޅު ހަރަކާތުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކުރާއިރު، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވުމުގައި ވެސް އިސްކޮށް ތިއްބެވީ އެބޭފުޅުންނެވެ.