ޖެނެރޭޝަން ބޭން ފާހަގަކުރަން އެކުވެނި ޓްރެކްގައި ބާއްވާ ދުވުމުގައި ބައިވެރިވި ބައެއް މީހުން.--ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
31 އޮކްޓޯބަރ 2025 - 18:43
ޖެނެރޭޝަނަލް ބޭންއަށް އަމަލުކުރަން ފާހަގަކުރުމަށް 24 ގަޑިއިރުގެ ދުވުން މިއަދު ފަށައިފި އެވެ.
މާލޭގެ އެކުވެނި ޓްރެކްގައި ހަވީރު 4:00 އިން ފެށިގެން މާދަމާ ހަވީރު 4:00 އާ ހަމައަށް އެ ދުވުން އެ ކުރިއަށް ގެންދާނެ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލުގައިވާ ގޮތުން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް އަދި އުފަންވާނެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެ އެވެ. އެއާ އެކު، ކޮންމެ އުމުރެއްގެ މީހަކަށް ވިއަސް އެ ފަދަ ބާވަތެއް ދެން ވިއްކޭނީ އުމުރު ކަށަވަރު ކުރުމަށް ފަހުގަ އެވެ.
ޖެނެރޭޝަނަލް ބޭން ފާހަގަކުރަން އެކުވެނި ޓްރެކްގައި ބާއްވާ ދުވުން، ހެލްތު މިނިސްޓަރު ނާޒިމް ފައްޓަވައިދެއްވަނީ.--ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ރާއްޖެ އިން ޖެނެރޭޝަނަލް ބޭން އަށް އަމަލުރަން ފެށުން ފާހަގަކުރުމުގެ ދުވުން ފެށުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއް ލިބުމަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުހުރި ނިއުމަތް ކަމަށެވެ. އަދި އެ ނިއުމަތަށް ޝުކުރުވެރިވުމަކީ، އެކަމަށް އިހުމާލު ނުވެ، ރައްކާތެރިވުން ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ސަލާމަތް ސިއްހަތެއްގައި ހުރުމަކީ ދިރިހުރުމާއި ދިރިއުޅުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ ކަމެއްކަން އަބަދުވެސް އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަންޖެހޭ،" ނާޒިމް ވިދާޅުވި އެވެ.
ޖެނެރޭޝަން ބޭން ފާހަގަކުރަން އެކުވެނި ޓްރެކްގައި ބާއްވާ ދުވުމުގައި ކުދިންތަކެއް ބައިވެރިވަނީ--ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ސިއްހީ ދާއިރާގެ ސިޔާސަތަކީ، ދުޅަހެޔޮ ފަރުދެއް، ދުޅަހެޔޮ އާއިލާއެއް އަދި ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމެވެ.
ރާއްޖޭގައި ދިމާވާ ސިއްހީ ގިނަ މައްސަލަތައް ގުޅިފައިވަނީ ދިރިއުޅުމުގައި ގެންގުޅޭ، ސިއްހަތާ ބީރައްޓެހި އަދި ބޮޑެތި ބަލިތަކަށް ހުށަހެޅޭ އާދަތަކާ ކަމަށާއި އެހެންވެ، އެ ފަދަ އާދަތަކުން މުޖުތަމައު ރައްކާތެރިކޮށް އަދި ދުޅަހެޔޮ އާދަތަކަށް އާއްމުން އަހުލުވެރިކޮށް ސިއްހީ ގޮތުން ދުޅަހެޔޮކަމަށް މަގުފަހިވާނެހެން ކަންކަން ތަރުތީބު ކުރުމަކީ އެންމެ ސަމާލުކަން ދޭންޖެހޭ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޖެނެރޭޝަން ބޭން ފާހަގަކުރަން ބާއްވާ ދުވުމުގައި ޑަބްލިއުއެޗްއޯގެ ރާއްޖޭގެ މަންދޫބު، މިސް ޕޭޑެން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޑަބްލިއުއެޗްއޯ އިން ރާއްޖެ ކަނޑައަޅާފައިވާ މަންދޫބު، ޕޭޑެން ވަނީ ދުންފަތުން ދިވެހިން ސަލާމަތްކުރަން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ވޭޕް މަނާކުރުމާއި ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ބޮޑުކުރުން އަދި އެ ފަދަ ތަކެތި އިސްތިހާރުކުރުން މަނާކުރުން ހިމެނެ އެވެ.
އެ ކަމަށް އެއްބާރުލުންދީ، ދުންފަތުން ސަލާމަތްވެފައިވާ ގައުމަކަށް ރާއްޖެ ހަދައި އެކަން ކާމިޔާބުކޮށްދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
މީގެ ހަތަރު އަހަރު ކުރިން އާއްމުކުރި ސްޓެޕްސް ސާވޭ ދައްކާގޮތުން، ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލް ކުރެ އެވެ. ސްކޫލު އުމުރުގެ ކުދިންގެ ގާތްގަނޑަކަށް 45 ޕަސެންޓް ކުދިން ދުންފަތުގެ ކޮންމެ ވެސް ބާޥަތެއް ބޭނުން ކުރާ ކަމަށް 2019 ގައި ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާއްޖެ
31 October 2025
ތިހާ އިޙްލާސްތެރިއްޔާ ސިގިރެޓާއި ދުންފަތް އެތެރެކުރުން މަނާކޮށްބަލަ
ޖޯކެއް
31 October 2025
ވޭޕް ވެސް ރާއްޖޭގަ ބޭން ކޮއްފިއޯ. ހެހެހެ
ދެކޮޅުޖެހޭތޯ؟
31 October 2025
ޖެނެރޭޝަނަލް ބޭން އަކަށް 24 ގަޑިއިރު ދުވާއިރު ދައުލަތުގެ މުއައްސަސާގެ ތެރެއިން ދަންވަރުގެ ވަގުތު ލައްވާލާ މީހުން ނިދުން މަހުރޫމު މި ވާންޖެހެނީ ކީއްކުރަން؟ ޞިއްޙީ ގޮތުން ދުޅަހެޔޮ ނޫންކަމެއް ކުރުމަށް މި މަޖުބޫރު ކުރަނީ ސުރުޚީއެއް އަޅަން. ސުރުޚީ އެޅުމަށް ކުރާ ކަންކަން ދެކޮޅު ޖައްސަންޖެހޭ. ޤައުމީ ދުވަހާއި މާދަރީ ދުވަހާއި ދެންވެން އަންނަ ހުރިހާ ދުވަހަކީ ހެދުން އެޅުމުން ފުދޭ ދުވަސްތައް ގޮތައް. މިކަންވެސް ދެން ތާކުން ތާކު ނުޖެހޭ.
ލާފްމް
31 October 2025
ހުސް ޔަންގް ޖެން ޒީގެ، 2007 ގެ ފަހުން އުފަންވި ކުދިންނާ ޖެން އަލްފާ ކުދިން ތިތާ ތިދުވަނީ. ބޫމާސްތަކެއް އެބަ ހިނގާ!
ޖެރާ
31 October 2025
އުމުރު ކަށަވަރުކުރާނީ ކިހިނެއް.. ހަރުގަނޑަކުންތަ?
އިއްޒަތު
31 October 2025
ރަގަޅީ ދުން ފަތުގެ އިސްތިޢުމާލު ނުކުރާ ޤައުމަކަށް މިޤައުމު ވެގެން ދިއުން އެކަންކުރަން ފަސޭހައެއްނުވާނެ! ދުންފަތުގެ އިސްތިޢުމާލު ނުކުރާ ޤައުމަކަށް މިޤައުމު ހަދައިގެން ނޫނީ މިކަން ފަސޭހަގޮތަކަށް ނުހުއްޓޭނެ! އެކަން ކޮށްފިއްޔާ ވެރިކަންކުރަން ފަސޭހައެއްނުވާނެ ދެންއޮތް ގޮތަކީ ޒުވާނުން ބިޑިއަނބުރަ އަނބުރާ ތިބުން މިކަމުންވެސް ލިބެނީ ބޮޑެތި ގެއްލުން އަޅުގަނޑު ދެކޭ ގޮތުގައި ކުރިއަށްވުރެ މިހާރު ލިބޭ ގެއްލުން މާ ނުރައްކާވެފަ ޞިއްޙަތަށް ލިބޭ ގެއްލުން މާބޮޑު.
ރަމަ
31 October 2025
ކިތަންމެ ވަރަކަށް ދުވިދާނެ އެކަމަކު ތަންފީޒްކުރަން އުދަގޫވާނެކަމެއްތީ! ސަރުކާރަކުން ކަންކަން ނިންމާއިރު ދިރާސާ ކުރުމެއްނެތި ހާލަތު ދެނެ ނުގަނެވި އަވަސް އަރުވައިގެން ކަންކުރުމުގެ ނަތީޖާއަކަށް މިއަދު ވެފައިވަނީ ސިނގިރޭޓްބޯ މީހުން ކުރިއަށްވުރެ މަދު ވެފައި ނުވާކަން. އަދި މިކަމަށްދޭ ތަރުހީބު ކުޑަކަމާއި، ޒުވާނުން މިކަން ބަލައި ގަންނަލެއް ކުޑަކަން!
ޑީިޑީި
31 October 2025
ނަސީރު ބައިވެރިވިޔަސް ރައީސް ބައިވެރިނުވަންޏާ އެއްޗަކަށްވާނެތަ؟
ސިއުނާ
31 October 2025
ބޮޑު މާކެޓެއް ތިޔާ ގާއިމުވީ އަނެއްކާ
ރަދީފްއޮފިޝަލް / ދުންފަތަށް ނޫނެކޭ ބުނަމާ
31 October 2025
"ކޮންމެ އުމުރެއްގެ މީހަކަށް ވިއަސް އެ ފަދަ ބާވަތެއް ދެން ވިއްކޭނީ އުމުރު ކަށަވަރު ކުރުމަށް ފަހުގަ އެވެ." މިއީ ވާނެ ކަމެއް ނޫން.ވ.ވެދުން