ސިނގިރޭޓު ވައްކަމާ ގުޅިގެން ފުލުހުންގެ ބަންދުގައި ތިބި ނުވަ މީހުން.-- ފޮޓޯ: ޕޮލިސް
02 ނޮވެމްބަރ 2025 - 23:18
ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައިވާ ދެ ސިނގިރޭޓް ކޮންޓެއިނަރު ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް، އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް ނުވަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އޭގެ ތެރޭގައި، އެކަމަށް ފަންޑު ކުރިކަމުގެ ތުހުމަތުކުރާ ދެ ވިޔަފާރިވެރިން ކަމަށްވާ، އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް ހިމެނެ އެވެ. އެ ދެ މީހުން ވެސް ކުރިން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެ މައްސަލާގައި އެންމެ ފަހުން ހައްޔަރުކުރީ ހދ. ވައިކަރަދޫ ނޫރަލީގޭ، ޝަހީމް އަދި ސ. ހިތަދޫ، ޗާނދަނީގޭ، ސާމިހު އެވެ. އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު އަމުރުކުރީ، އެ މީހުންގެ ބަންދަށް މިދިޔަ ހަފުތާގައި ދިން ހަތް ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުންނެވެ.
ދެން އެ މައްސަލާގައި ހައްޔަރުކުރީ؛
1. ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް - ޝަރީއަތް ނިމެންދެން ބަންދު
2. ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒް އަލީ - ޝަރީއަތް ނިމެންދެން ބަންދު
3. ވައްކަން "ކާމިޔާބުކުރަން" އެހީވި ކަމަށް ތުހުމަތުކުރާ ހަސަން އަބްދުއްރަހްމާން - ޝަރީއަތް ނިމެންދެން ބަންދު
4. ސިނގިރޭޓް ދެ ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދު - ޝަރީއަތް ނިމެންދެން ބަންދު
5. އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަހުމަދު ޝަހީމް - ޝަރީއަތް ނިމެންދެން ބަންދު
6. އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަހުމަދު ފިރުޝާން - ޝަރީއަތް ނިމެންދެން ބަންދު
7. އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ހުސައިން ސާމިހް - ޝަރީއަތް ނިމެންދެން ބަންދު
ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާންމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.
އެ ސިނގިރޭޓް ކޮންޓެއިނަރުތައް އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި އެ ކުންފުނީގެ ބެލުމުގެ ދަށުގައި ބެހެއްޓީ އެ ސިނގިރޭޓުތައް ވަގަށް ރާއްޖެ އެތެރެކުރި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ނުފޮނުވޭތީ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ. ނަމަވެސް އެ ކޮންޓެއިނަރުތައް ވަގަށް ނެގިކަން ކަސްޓަމްސްއަށް އެނގުނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy