ގައުމިއްޔަތު ދިރުވުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމީ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ދިވެހިންނަކީ އެއް ބަހަކުން ވާހަކަ ދައްކާ އަދި އެއް ނަސްލަށް ނިސްބަތްވާ، އެއްބައިވަންތަ ބައެއް ކަމަށާއި އަމިއްލަ ނަފުސަށް ވުރެ ދިވެހި ގައުމު އިސްކޮށް، އާކުރަންޖެހޭ ކަމެއް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ދިވެހި ވަންތަކަން، ދަރިންނާއި ދަރިންގެ ދަރިންނަށް އަދި އަންނަން އޮތް ޖީލުތަކަށް ދަސްކޮށްދޭން ޖެހޭ ކަމަށެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ރައީސްގެ ދެކަނބަލުންނާއި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ނަސްރުގެ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ރައީސްގެ ދެކަނބަލުންނާއި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ގައުމިއްޔަތު ދިރުވައި އާލާކުރަންޖެހެނީ އެހެންވެގެން ކަމަށާއި މިއަދާ ހަމައަށް ގައުމު ގެނެސްދިނުމަށް މަސައްކަތްކޮށް އަދި ގުރުބާންވީ ކޮން ބައެއް ކޮން ގޮތަކުން ކަމަށް ދަސްކޮށްދޭން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

އެކަންކަން ހާސިލްކުރުމުގެ މަގުސަދުގައި ގައުމިއްޔަތުގެ ސިޔާސަތެއް ކަނޑައަޅައި އެ މަސައްކަތް ފަށާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި، ނޮވެމްބަރު 3 ގެ ހަމަލާގައި ޝަހީދުވި މީހެއްގެ އާއިލާއަށް ރައީސް އެރުވި އައްޑަނައަކާއެކު، ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް

"އިރާދަކުރެއްވިއްޔާ އެ މަސައްކަތުގެ ނަތީޖާ ފެންނަމުން އެބަދޭ. އަޅުގަނޑުމެން ފެށި ގިނަ މަސައްކަތްތައް އޭގެ ފުރިހަމަ ކާމިޔާބީއާ ހަމައަށް މި ދަނީ ހަމަ ޔަގީނުން ވެސް ދިވެހި ލޮބުވެތި ރައްޔިތުން އެކަން ބަލައިގަނެ، އެކަމަށް ދެއްވާ ފުރިހަމަ އެއްބާރުލުމުގެ ސަބަބުން، ކުރައްވާ އިތުބާރުގެ ސަބަބުން." ރައީސް ވިދާޅުވި އެވެ.

"ވަތަނީ ހިދުމަތް"ގެ ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަށް ހުޅުވާލުމުން އެއީ މުހިއްމުކަމެއްކަން ގަބޫލުކޮށް، ހުޅުވާލި ޖާގައަށް ވުރެ ހަތަރު ގުނަ މީހުން ކުރިމަތިލި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އޭގައި ބައިވެރިވާ ފުރަތަމަ ބެޗުގެ ތަމްރީނުތައް މިދިޔަ މަހުގެ ކުރީކޮޅު ވަނީ ފަށައިފަ އެވެ.

އެ ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި 350 މީހުންނަށް ޖާގަ ކަނޑައެޅިއަސް، އެ ފުރުސަތު ހޯދަން 1،242 މީހުން ކުރިމަތިލި އެވެ. ރައީސް ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު ވެސް ވަތަނީ ހިދުމަތަށް ވަނުމަށް ހުޅުވާލާނެ ކަމަށެވެ.