މި އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ: ރައީސް ޑރ. މުހައްމަދު މުއިއްޒު ނަސްރުގެ ދުވަހުގެ ހާއްސަ ޝަރަފުގެ އައްޑަނަ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް އަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް
03 ނޮވެމްބަރ 2025 - 10:15
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް ނަސްރުގެ ދުވަހު ހާއްސަ ޝަރަފުގެ އައްޑަނައެއް މިއަދު އަރުވައިފި އެވެ.
މި ޝަރަފުގެ އައްޑަނަ މައުމޫނަށް އެރުވީ ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށް ގެންދާ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫނަށް ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އެރުވުމަށް ރައީސް މުއިއްޒު ނިންމެވީ، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރުމުގެ ގޮތުންނެވެ.
ނަސްރުގެ ދުވަހުގެ ހާއްސަ ޝަރަފުގެ އައްޑަނަ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް އެރުވުމަށް ފަހު އެމަނިކުފާނުގެ ބޭފުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ރައީސް އޮފީސް
މިއަދު ނަސްރުގެ ދުވަސް ފާހަގަކުރަނީ ނޮވެމްބަރު 3، 1988 ގައި ދިވެހީންގެ ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ތަމަޅައިންގެ ގްރޫޕަކުން ރާއްޖެ އަރައި ދިން ހަމަލާގެ ނާކާމިޔާބުވެ ދިވެހިންނަށް ލިބުނު ނަސްރުގެ ހަނދާން އާ ކުރުމަށެވެ.
އެ ޓެރަރިސްޓް ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ސިފައިންގެ 8 މީހަކާއި އާންމުންގެ 11 ބޭފުޅެކެވެ.
އެ ހަމަލާ ނާކާމިޔާބުވުމުން ތަމަޅަ ހަނގުރާމަވެރިން ފިލައިގެން ދިޔައީ މާލޭ ބަނދަރުގައި އޮތް އާގުބޯޓެއް ކަމަށްވާ ޕްރޮގްރެސް ލައިޓްގަ އެވެ. އެކަމަކު ކަނޑުމަތިން އެ ބޯޓު ހުއްޓުވައި، އިންޑިއާ ސިފައިން ހަމަލާދީ ފައްތާލި އެވެ. އެ ހަމަލާގެ ޒިންމާ ނަގަންޖެހޭ ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރުގެ އިތުރުން، މަރުނުވެ ތިބި ޓެރަރިސްޓުން އަތުލައިގަނެގެން މާލެ ގެނަ އެވެ. އަދި ރަހީނުކޮށްގެން ގެންދިޔަ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ސަލާމަތްކުރި އެވެ.
ލުތުފީ އާއި ނާސިރުގެ މައްޗަށް އޭރުގެ އެންމެ މަތީ ކޯޓު، ހައި ކޯޓުން، އިއްވީ މެރުމުގެ ހުކުމެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ އަށް އޭރުގެ ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން، ރައީސް މައުމޫން އެ ހުކުމް ބަދަލުކުރެއްވީ އުމުރު ދުވަހުގެ ޖަލު ހުކުމަަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޭހޮއްކޮ
03 November 2025
ނަސްރުގެ ދުވަހުގެ ހާއްސަ ޝަރަފުގެ އައްޑަނަ ހަގީގަތުގަ އަރުވަންޖެހޭނީ އިންޑިޔާއައް. ކޮންހާ ބޭކާރު ވާހަކައެއް ދައްކާކައް.. ދިވެހި ރާއްޖޭގެ ދޯހަޅި ގާނޫނުތަކާހެދީ މުޖުރިމުން އެތިބީ މިނިވަންވެ ގޭގަ ގިޓާކުޅެން.
ރާވެރިބެ
03 November 2025
މަރުހަބާ އިއްޒަތްތެރި ރައީސް މައުމޫން. މަނިކުފާނަކީ މިގައުމު މިދެކޭ ތައުލީމާ ތަރައްގީގެ ހަގީގީ ބައްޕަ. ރ.މައުމޫން އަކީ ދިވެހި ރާއްޖޭގެ "ލީކުއަންޔޫ". ކިތަންމެ ގިނަ ޝަރަފާ އިއްޒަތް ރައީސް މައުމޫންއަށް އެރުވިޔަސް އެ މަނިކްފާނަނަށް ދިވެހިން ދޭންޖެހޭ ހައްގު ޝަރަފް އޮންނާނީ މަދުވެފަ. ތިފަދަ ޝަޚްސިއްޔަތެއް މިހާރު ރާއްޖެއަކު ނެތް.
ހިމާރުލްގައުމު
03 November 2025
3 ނޮވެމްބަރަކީ އިންޑިއާ ވަކަރަށް ޖަހާލި ދުވަސް، ކާމިޔާބު ނުވީމަ ފިކުރީ ގޮތުން ހަނގުރާމަ ފެށި ދުވަސް، އެ ހަނގުރާމަ އަދިވެސް ދަނީ ކުރަމުން.
ދޮޅި ހުސޭނު
03 November 2025
މިއީ ކާކަށް ހައްޤު ޝަރަފެއް؟ ހަމަ ގައިމުވެސް އަހަރެމެން ދިވެހިން އަހަރެމެން އަމިއްލައަށް އަހަރެމެންގެ އަގު ވަޒަން ނުކުރާނަމަ އެކަން ކުރާނެ ދެވަނަ ބަޔަކު ނާންނާނެ. އެކަމުވެސް މި ޝަރަފުވެސް އަރުވަންވީ އިންޑިޔާ މީހުންނަށްތޯ؟ އެހެން ކަމަށްވާނަމަ އެބުނެވެނީ އެދުވަހު އަމިއްލަ ޤައުމުގެ ދިފާއުގައި މަސައްކަތްކޮށް ގުރުބާންވީވެސް އެއްވެސް އަގެއް ނެތް ބަޔެކޭ ނޫންތޯ؟ އެއީ ހަމަ އެކަން އޮތް ގޮތްތޯ؟؟؟
އަހުމަދު ކަމާލް
03 November 2025
ރާއްޖޭގައި 6 މީހުން ވެރިކަން ކުރިތަން އަހަރެން ދެކެފިން. އޮވަރޯލް ހުރިހާ ކަމަކަށް ބަލާއިރު މައުމޫން އެންމެ ރަނގަޅު ކަމަށް ފެންނަނީ. އެކަމަކު އަހަންނަކީވެސް މިއީ ދިގު 30 އަހަރުގެ އެ ވެރިކަން ނިންމަން ވެގެން މާލެ މަގުމަތީގާ މުޒާހަރާ ކުރި މީހެއް. ކަންކަން އަޅާ ކިޔަން މި އެނގެނީ ދެން އައި މީހުން ވެރިކަން ކުރި ތަން ފެނުނީމާ.
ބޮޑު ގޮހޮޑާ
03 November 2025
"ނޮވެމްބަރ 3 އަކީ ރާއްޖެއަށް އިންޑިއާގެ ނުފޫޒު ފެށުނު ދުވަސް." ދެން އާދޭ މަށާ ދިމާލަށް އެއްޗެހި ގޮވަން.
ހިމާރުލްގައުމު
03 November 2025
އަސްލުވެސް. ހަގީގަތަކީ އެއީ،. އަޑީގަ ތިބީ ކޮން ބައެއް ކަން ވަރަށް ސާފު.
ސާބަހޭ ރާބަޑާ
03 November 2025
ފަންސާސް ޕަސެންޓް ރިއެކްޓްކޮށްފައި ވަނީ ރުޅި ވިއަސް. އެއީ މައުމޫނަށް ހައްޤު ޝަރަފެއް. އެދުވަހު މައުމޫނުގެ ހިކުމަތު ޢަމަލީ ބޭނުންކުރި. ނަމަވެސް ދެރައީ 19 ދިވެހިން ޝަހީދުކުރި ބާޢީންތައް މަރުގެ ހުކުން ތަންފީޒު ނުކުރިކަން.
އައިމިނާ
03 November 2025
މަރުޙަބާ އާއި ތަހުނިޔާ ރައީސް މައުމޫން.
އަބްޑޫޅް +
03 November 2025
އެންމެ ކުރުމީހާ ގެ އިއްޒަތުގެ ވެރިކަންވެސް ލިބިފަ ދޯވ؟
ރަމަ
03 November 2025
މައުމޫނަށްވުރެ ތިޝަރަފު އަރުވަން ޙައްޤީ އިިންޑިއާއަށް އެއްވެސް ގޮތަކުން މައުމޫނަށް އަރުވަން ޙައްޤު ޝަރަފެއްނޫން ތިއެރުވީ!