މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
06 ނޮވެމްބަރ 2025 - 12:42
ރާއްޖޭގެ ރިއަލްއެސްޓޭޓް ވިޔަފާރިން ލިބޭ އާމްދަަނީގެ ބޮޑުބައެއް ބޭރު ފައިސާގެ ގޮތުގައި ރާއްޖޭން ބޭރަށް ގެންދަނީ ބޭރުގެ ކުންފުނިތަކުން ކަމަށާއި އެކަން ބަދަލުކުރަން ސަރުކާރުން ހާއްސަ އުސޫލަކަށް އަމަލުކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ތަަރައްގީއާ ގުޅުން ހުރި 206 މަޝްރޫއުއެއް ދިވެހި ކުންފުނިތަކާ ހަވާލުކުރަން ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ބޭރުގެ ކުންފުނިތަކުން ރާއްޖޭގެ ރިއަލްއެސްޓޭޓް ވިޔަފާރީގެ ބޮޑު ހިއްސާއެއް ބޭރުގެ ކުންފުނިތަކަށް ފުރޮޅިފައިވާ ކަމަށެވެ. އެ ކުންފުނިތަކުން ރާއްޖޭގައި ބޮޑެތި މަަޝްރޫއުތައް ހިންގަނީ ރާއްޖޭގެ މާލީ އަދި ބޭންކިން ނިޒާމު މެދުވެރިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މިއަދު އަމިއްލަ ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރި ބައެއް ކުންފުނިތަކުގެ ވެރިން، ސޮއިކުރި އެއްބަސްވުންތަކާ އެކު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ނިޝާން އަލީ/މިހާރު
"ދިވެހިރާއްޖޭގެ ރިއަލްއެސްޓޭޓް މާކެޓްގެ ބޮޑު ހިއްސާއެއް މި އޮތީ ބޭރުގެ ކުންފުނިތަކުގެ މައްޗަށް ފުރޮޅިފައި. އެބައިމީހުން އެ ދަނީ ރާއްޖޭގެ ބޭންކިން ނިޒާމުގައި ހުރި ފައިނޭންސް މެދުވެރިކޮށް، ދިވެހިންނަށް ރިއަލްއެސްޓޭޓް އެސެޓްތައް ވިއްކައިގެން ލިބޭ ދިވެހި ރުފިޔާ އެމެރިކާ ޑޮލަރަށް ބަދަލުކޮށްގެން ދިވެހިރާއްޖޭގެ މާލީ ނިޒާމުން ބާރުމިނުގައި ބޭރުކުރަމުން،" ޒަމީރު ވިދާޅުވި އެވެ.
އެކަން ބަދަލުކުރުމަށް ދިވެހި ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނާއި ވިޔަފާރިތަކަށް އިސްކަންދޭން ދައުލަތުގެ ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން މިހާރު އަންގާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެއާ އެކު، ދިވެހި ކުންފުނިތަކާ މިހާރު ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މިއަދު އަމިއްލަ ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރި ބައެއް ކުންފުނިތަކުގެ ވެރިން ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ނިޝާން އަލީ/މިހާރު
ރާއްޖޭގެ އަމިއްލަ ކުންުފުނިތަކާ މަޝްރޫއުތައް ހަވާލުކުރުމުގެ ބޭނުމަކީ ވެސް ދިވެހި ކުންފުނިތައް ބާރުވެރިކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"[މަގުސަދަކީ] ހާއްސަކޮށް ބޮޑެތި އަދަދުތަކުން ޓެކްސް ދައްކާ ދިވެހި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށްޖަހައި އާ އުސްމިންތަކަކަށް ގެންދިއުން،" ޒަމީރު ވިދާޅުވި އެވެ.
އެ މަސައްކަތްތައް ރާއްޖޭގެ ކުންފުނިތަކާ ހަވާލުކުރުމާ އެކު ރާއްޖޭގެ ބޭންކިން ސެކްޓާ އަކީ ދިވެހި ކުންފުނިތަކާ ރަށްޓެހި ސެކްޓާއަކަށް ހަދަން ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަދު 206 މަޝްރޫއެއްގައި ސޮއިކުރި އިރު އެ މަޝްރޫއުތަކުުގެ މަސައްކަތްތައް ނިންމާކަން ކަށަވަރުކުރަން ސަރުކާރުގެ މުއައްސަސާތަކުން މަސައްކަތް ވަޒަންކުރަމުން ގެންދާނެ އެވެ. ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހިންގާ ކުންފުނިތަކަށް ހަމައަށް ފައިސާ ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުތަކާ އެއްގޮތަށް ބޭންކިން ފައިނޭންސް މެދުވެރިކޮށް މި މަޝްރޫއުތައް ހިންގުމާ ހަވާލުވާ ދިވެހި ވިޔަފާރިތަކަށް ބަރާބަރަށް ފައިސާ ލިބޭނެ،" ޒަމީރު ވިދާޅުވި އެވެ.
އެ މަޝްރޫއުތަކަށް ފައިނޭންސް ކުރާ ކުންފުނިތަކަށް މިނިސްޓަރު ވިދާޅުވީ އެ ކުންފުނިތަކުން ސަރުކާރަށާއި ރާއްޖޭގެ އިގްތިސާދަށް ކުރާ އިރުބާރު ސަރުކާރަށް މުހިއްމު ކަމަށެވެ. މިއަދު ސޮއިކުރި އެއްބަސްވުންތައް ހިމެނޭނީ އާއްމު އިންވެސްޓްމެންޓް ފްރޭމްވޯކެއްގެ ތެރޭގައި ކަމަށާއި ރިސްކް ކުޑަކުރުމަށް، ފައިސާ ދޭކަން ޔަގީންކުރުމާ އެކު މަސަައްކަތް މޮނިޓާކުރާނެ އިންތިޒާމްތައް އެ ފްރޭމްވޯކްގައި ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންކަމުން ބޭންކްތަކަށް ވެސް ރަނގަޅު ފައިދާއެއް ލިބި، އިތުރު މަޝްރޫއުތަަކަށް ވެސް ފައިސާ ފޯރުކޮށްދިނުމުގެ މަގުފަހިވެގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.
ސަރުކާރުން މިއަދު އަމިއްލަ ކުންފުނިތަކާ ހަވާލުކުރި 206 މަޝްރޫއަކީ 123 ރަށެއްގެ އެކި މަސައްކަތެވެ. އެ މަސައްކަތްތައް ހަވާލުކުރީ ތަފާތު 53 ކުންފުންޏަކާ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޮނުއަނގަ
06 November 2025
ބޭރުގެ ކުންފުނިތަކަށް މަޝްރޫޢުތައް ދޭންފެށީ ޓާޓާ ކިޔާ ބަޔަކަށް. ބަޔަކު މީހުންނަށް ފައިދާ ލިނޭގޮތައް. އޭގެފަހުން އައި ސަރުކާރުތަކުންވެސް އެކަން ކުރަމުންްއައީ ހަމަ އެގޮތައް. މިގޮތަށް ގޭރުކުރެވެނީ ޑޮލަރކަން އެނގޭ. އެކަމަކު މިކުރެވެނީ ކޮންކަހަލަ ބޯގަޅި ކަމެއްކަން ވިސްނާކަށް އޭރަކު ބޭނުމެއްނުވި. މިހާރު ދައުލަތަށް އިންތިހާއަށް ބޭނުން ވެފައިވާ އެއްޗެއްކަން ދެނެގަނެ މިއަޅާ ފިޔަވަޅުތަކަކީ ދިވެހިންނަށް ކޮށްދޭ ރަނގަޅު ކަމެއް.
މިނިސްކް
06 November 2025
ފޮރެއިން އިންވެސްޓްމެންޓް ގަވާއިދަށް ގެނެވުނު އިސްލާހުގައި ފޮރިން އިންވެސްޓްމެންޓް ކްރައިޓީރިއާތަކަށް ގެނައި ބަދަލު ބަލާލުމުން ފެންނަނީ ދިމާ އިދިކޮޅު
ދިވެހި ކުންފުނި
06 November 2025
ދިވެހި ކުންފުނީގަ ކިތައް ދިވެހިންތޯ މަސައްކަތް ކުރަންތިބީ. އެކުންފުނިތަކައް ލިބޭ އާމްދަނީގެވެސް ބޮޑުބައެއް ޑޮލަރައް ބަދަލުވެ ބޭރައްދަނީ. މިކަން ބަދަލުކުރުމައް މިގައުމުގަ މަސައްކަތްތައް ފަރުމާކޮއް ރާވާގޮތް ބަދަލުކުރަންޖެހޭ. ހުނަރުވެރި މަދު މަސައްކަތްތެރިންނައް ކުރެވޭނެ ގޮތައް މަސައްކަތް ފަރުމާކޮއް އެގޮތައް މަސައްކަތް ކުރަން ބޭނުންވާ ވަސީލަތްތައް ގާއިމުކުރަންޖެހޭ. އޭރުން މިގައުމައްލިބޭ ފައިސާ ގައުމުގަ ހިފެހެއްޓޭނީ.
ހަސަންތަކުރު1
06 November 2025
ކުންފުނީގައި އުޅޭ ދިވެހި މީހާއަށް ލާރި ލިބުނަސް، އެއަށް ގަންނަ ޒަރޫރީ ތަކެތި ގަންނަނީ ޑޮލަރު ދީފައި ބޭރުން. އެންމެފަހުން ކާށިވެސް މިހާރު ޑޮލަރު ދީފައި ބޭރުން. ބޭސްފަރުވާ ބޭރުން. ޗުއްޓީ ބޭރުން. ދެނޯ
ނަދާއްކޮ ފިރިމީހާ
06 November 2025
ތި ޖަލްސާ ބޭއްވި ބާސެލޯ އެއީ ލަންކާ ބަޔަކު ނުގަވާއިދުން ލަންކާ މީހުންތަކެއް ޓުއަރިސްޓ ވިސާގަ ގެނެސް މަސައްކަތް ކުރުވައިގެން ހުޅުވި ތަނެއް. ސަރުކާރުގެ އިދާރާތަކުން ނުފެންނަ ކަމަށް ހެދީ. މިހާރު ވެސް އެމީހުން އެހެން އެ ހަދަނީ.
އަހްމަދުު
06 November 2025
ކޭ ޕާރކް މައްސަލަ ހައްލު ކޮށްދެއްވުންއެދެން
ކައްޒަދޮންތުއްތު
06 November 2025
އަނެއްކާ ތިއުޅެނީ ވެމްކޯއަށް ހޮސްޕިޓާއަޅާންދޭންތޯ؟
ޖާގަ
06 November 2025
މޮޅުވާހަކައެއްދައްކާފާ ތިއުޅެނީ ބަޔަކަށް ބައިއަޅާން.
އަހަންމަދާ
06 November 2025
މި ކަމެއް ކުރާކަމެއް ކަމެއްވެސް އަދި ކިހިނެތް ކަމެއް މަސައްކަތެއް ހޯދާނީ ލިބޭނީ ވެސް ނޭންގެ. ގެޒެޓްގަ ނެތް މީންކަމެއް އިއުލާން ކޮށްފަ ވެސް. މި ވާނެބާ އަނެއްކާ ކަރެޕްޝަނަށް
ބަރު ބާދު
06 November 2025
ރިއަބަރު ބާދުލްއެސްޓޭޓް އެކަނި ދޯ؟ ހަމައެއް ލަމައެއް ގަވާއިދެއް ތަންފީޒު ނުވާތީވެ ހުރިހާ ވިޔާފާރި އެއްހެން އޮތީ ބޭރު މީހުންގެ އަތްމަތީގައި؟ މި ކޮޅަށް ލިބެނީ އެކަން ގަވާއިދާއި ޚިލާފަތް ބޭރު މީހުންނަށް މަގު ހުޅުވާދީފައިވާ ފަރާތްތަކަށް ލިބޭ 1000 ޑޮލަރު ހަމަނުވާ ކުޑަ ކުޑަ ޖިޒީ އެއް