ހދ. ހިރިމަރަދޫ: މީހުން ބާލަން ނިންމާފައި އޮތަސް ކުނި މެނޭޖްކުރުމަށް ހަތަރު މިލިއަނުގެ ޕްރޮޖެކްޓެއް އެ ރަށުގައި ހިންގަން ވަނީ ހަވާލުކޮށްފައި. -- ފައިލް ފޮޓޯ
07 ނޮވެމްބަރ 2025 - 18:58
ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުމައަށް ބަދަލުކުރަން ނިންމާފައި އޮތަސް އެ ރަށުގައި ވެސް ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްގެން، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އަޅަން އިއްޔެ ހަވާލުކޮށްފި އެވެ.
އެކި ރަށްރަށުގައި 206 ޕްރޮޖެކްޓެއް ހިންގަން ތިން ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު އިއްޔެ ހަވާލުކޮށްފައި ވާއިރު، ކުނި މެނޭޖްކުރާ ސެންޓަރެއް ހިރިމަރަދޫގައި އަޅަން ހަވާލުކުރީ 4.1 މިލިއަން ރުފިޔާއަށް، ބިލްޑްޓެކް ކިޔާ ކުންފުންޏަކަށެވެ.
މި މަޝްރޫއު ފަށަން ސޮއިކުރިއިރު، ދޮޅު އަހަރުގެ ތެރޭގައި ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން އިއުލާންކުރައްވައިފަ އެވެ.
ހދ. އަތޮޅުގެ ރަށްތަކަށް މިދިޔަ އޮގަސްޓް މަހު ފެއްޓެވި ދަތުރުފުޅުގައި ހިރިމަދުއަަށް ވަޑައިގެން، ރައީސް ވަނީ އެ މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ގާއިމްކުރަން އެޗްޑީސީއާ ވެސް ހަވާލުކޮށްފަ އެވެ.
އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫއިން ގެއެއް ލިބޭނެ ކަމަށާއި އަދި 18 މަސް ތެރޭގައި އެތަނުގެ ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް އެރަށަށް ބަދަލުވާން މަޖުބޫރު ކުރުމެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެންމެ ގިނަވެގެން 18 މަސް ދުވަސް، ދޮޅު އަހަރު ތެރޭ ނިންމައި ހަވާލުކުރާނަން. ގޯތި ހަވާލުކުރާނީ އެއްކޮށް ނިންމައި ރައްޔިތު މީހާއަށް ތަޅުދަނޑި ހަވާލުކުރާ ގޮތަށް. އަޅުގަނޑުމެން އެއްވެސް ރައްޔިތަކަށް މަޖުބޫރެއް ނުކުރާނަން ބަދަލުވާކަން، ދާން ބޭނުން ރައްޔިތުންނަށް އެ ފުރުސަތު ދެނީ،" ރައީސް ވިދާޅުވި އެވެ.
މީހުން ބަދަލުކުރަން ނިންމާފައި އޮތުމުން، ހިރިމަރަދޫން ގޯތި ދޫކުރުން ވެސް ހައުސިން މިނިސްޓްރީން ވަނީ ހުއްޓުވައިފަ އެވެ.
ހައުސިން މިނިސްޓްރީން މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ނެރުނު އިއުލާނުގައި ބުނީ ހިރިމަރަދޫން އެ މަހުގެ 24 ގެ ނިޔަލަށް ގޯތި ލިބިފައިވާ މީހުންނަށް ހަނިމާދޫން ގޯތި ލިބޭނެ ކަމަށެވެ. އެހެންވެ، ގޭގެ ރަޖިސްޓްރީ ބަދަލުކުރުން ފަދަ ކަންކަން ނުކުރަން ވަނީ އެދިފަ އެވެ.
ހިރިމަރަދޫ އަކީ ހދ. އަތޮޅުގައި މީހުން އުޅޭ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުގެ ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގައި ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާހާނޖީ
08 November 2025
ވޭސްޓް މެނޭޖްމަންޓް ސެންޓަރު އަޅަނީ އެއްރަށުން އަނެއްރަށަށް ބަދަލުކުރެވޭ ފުރޮޅުލާފަ ކަމަށް ވަނީ. މީހުން ބަދަލުވާއިރު ސެންޓަރު ވެސް ބަދަލު ކުރާގޮތަށް.
ލިހާޒް ނުހުދިން
08 November 2025
ސަރުކާރުން ކަމެއް ކޮށްދޭތީ ބަޔަކަށް ހަޖަމް ނުވަނީ ދޯ؟
އަޖައިބެކޭ
08 November 2025
ވެއްޓުނު ރައީސް 3 ޑިންގީ ގެންގުޅޭރަށެއްގައި 56 މިލިއަން ހަރަދުކޮށްގެން ބަނދަރުހެދީ އެފައިސާ އަނބުރާލިބޭނެތީތޯ؟ ކުޑަރަށެއް ބޮޑުރަށެއްނުބަލާ ތަރައްގީއޭކީމަ އެއްމެންތިބީ ނިދިޖެހިފަތަ؟
ައަލީ ތ
08 November 2025
ސޯލިހު ވެރިކަމުގަ ސާޅިސް މީހުން ދިރިއުޅޭ ވ.ރަކީދޫ ގަ އެތަށް މިލިއަނެއް ހަރަދުކޮށްގެން ބަނދަރެއްވެސް ހެދި. އެންމެން ހައްޕުކިޔައިގެން ތިބީ؟؟؟
މަބުނޫ
08 November 2025
ކިޔަވާނެދަރިވަރުންނެތި އެތައްމިލިއަން ހަރަދުކޮށްގެން ބޮޑު ސްކޫލެއްވެސްހެދި. އެގޮތަށް ނުކުރާށޭ މިކިޔަނީ. އެކަމަކު މީހުންއުޅޭނަމަ ކުނިއުފެދޭނެ. އަދިއެނައްތާލެވޭނެގޮތެއްވެސް ހަދައިދޭންޖެހޭނެ.
ހ6ޔ7ގ7
09 November 2025
އެތަށް މިލިއަނެއް؟ މީލަގެރި އެތެއްތަ ؟؟
އަބޫ
08 November 2025
ސޮއިކުރިލެއް ގިނަކަމުން ވީނުވީއެއް ނޭގުނު ... އަނެއްކާވެސް ރެކޯޑެއް
ޝަހުމް އާދަމް
08 November 2025
ކަލޯ ހަނިމާދޫގަ ހިރިލަންދޫއިން ބަދަލްވާ ރައްޔިތުންނަށް އަޅާ ތަނެއް މިއީ.
ރ5ރ5
09 November 2025
ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުމައަށް ބަދަލުކުރަން ނިންމާފައި އޮތަސް އެ ރަށުގައި ވެސް ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްގެން، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އަޅަން އިއްޔެ ހަވާލުކޮށްފި އެވެ
ހުމާމު ހުސެން
08 November 2025
ކުނި މެނޭޖް ކުރާ ރަށަކީ މީހުން ދިރިއުޅޭ ރަށަކަށް ވާކަށް ނުޖެހޭ. މިހާރު ވެސް އެކި ސަރަހައްދު ތަކުގައި ކުނި މެނޭޖްކުރަން ވަކި ރަށްތަކެއް ހުންނާނެ. ފަޅުރަށަކަށް ބަދަލުވިޔަސް ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ.
ކިހަށްކާނީ ރިހާކުރާ ޖަހައިގެން-ދުނިޔެ ކާނީ މަކަރާ ޖަހައިގެން
08 November 2025
ކޮންޓރެކްޓް ހަވާލު ވި ކުންފުނިން ގޮސް އެތަނުގައި ދަނޑި ރޯނުން ސަރަހައްދު ފާހަގަ ކުރާނެ. ސިމެނތިގަށާ މެޝިންއަކާ އުވަ ދެއްޔެއް ގެންގޮސް ބާއްވާނެ. މަސައްކަތް ފަށާތަނުން ސަރުކާރުން މަސައްކަތް ހުއްޓުވާނެ، އެ ރަށުން މީހުން ފައިބާތިއްޔޭ ކިޔާފަ. ކޮންޓރެކްޓް ގަ އޮންނާނެ ރަނގަޅަށްވިއްޔާ ލިޔެފަ، އެއްވެސް ސަބަބަކާ ހުރެ މި ކޮންޓރެކް ސަރުކާރުން ބާތިލް ކޮށްފި ހާލަތެއްގައި، ކޮންޓްރެކްޓްގެ އަގު އަދި މިނޫން އެހެން ގެއްލުމުގެ ބަދަލު ދޭން ޖެހޭނެއޭ. ސަޅިއެއްނުން
މިވަރުވީމާދެން ގޯސް
08 November 2025
18 މަސްތެރޭ މީހުން ބަދަލުކޮށް ނިންމަން ރާވާފަ 4.1 މިލިޔަން ތިޔަ ތަޅާލަނީ. ޢެއް ވެސް ވަރެއްގެ ދުރު ވިސްނުމެއް ނެތްކަން ފެނިގެން ތިދިޔައީ. ރައީސްގެ ވިސަންއާ މިނިސްޓަރުންގެ ވިސަން ދިމާނުވަނީބާ؟
ނިހާލް ސަލީމް
08 November 2025
ނޫން ބޭފުޅާ. މިތަން ހަދަނީ ހަނިމާދޫގަ. ހިރިލަންދޫއިން ޗޭންޖްވާ މީހުންނަށް. ސާފް؟
އައްލާ ބެެއްޔާ
08 November 2025
ތިޔަކު އަނެއްހެން މާބޮޑު މައްސަލައެއް ނެތް، އެ ރަށުމީހުން ހަނިމާދޫ އަށް ބަދަލު ކުރަނީ ހަނިމާދުއަށް ކުނި ނާޅާ ގޮތައް ކަމަށް ވެދާނެ. އެހެން ވީމަ އެމީހުން އުފައްދާ ކުނި ހަނިމާދުއިން ބޭރުކޮށް ކުނި ނައްތާލަން ހަދާތަނަކަށް ވާނީ. މި ސަރުކާރުގައި ތިބީ އިލްމީ ގާބިލް ޕީއެޗްޑީ ނަގައިގެން ތިބި މޮޅެތި ބޭފުޅުން. އެ ބޭފުޅުން ހަމަނުޖެހޭ ކަމެއް ނުކުރާނެ. މަޝްރޫއުތައް ރާވާނީ ވަރަށް ދުރަށް ވިސްނާފައި.
މަބުނީ
07 November 2025
މީހުންބޭލުމަށްފަހުވެސް އެސަރަހައްދުގެ ރަށްރަށުގެ ކުނި ހިރިމަރަދޫގައި މެނޭޖުކުރެވިދާނެނޫންތޯ ރަނގަޅުފެންވަރުގެ ކުނިމެނޭޖުކުރާ ސެންޓަރެއް ގާއިމުކޮށްގެން. މިސާލަކަށް ރ. ވަންދޫއަކީ ސަރަހައްދީ ކުނިމެނޭޖުކުރާރަށެއް.