ހިރިމަރަދޫ: ހަނިމާދޫއަށް ބަދަލުކުރާތީ ހިރިމަރަދޫގައި ގޯތި ބެހުމުގެ ކަންކަން ނުކުރަން ހައުސިން މިނިސްޓްރީން ވަނީ އެދިފައި.
26 އޯގަސްޓް 2025 - 10:56
ހދ. ހިރިމަރަދޫގެ ރައްޔިތުން ހދ. ހަނިމާދު އަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ އެ މަސައްކަތް ކުރަމުންދާ މުއްދަތުގައި އެެއްވެސް މީހަކަށް މިހާރު ލިބިފައިވާ ގޯއްޗެއް އެހެން މީހެއްގެ ނަމަށް ބަދަލުކުރުމުގެ ކަންކަން ނުކުރުމަށް ހައުސިން މިނިސްޓްރީން އެދިއްޖެ އެވެ.
ހަނިމާދު އަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރުގެ ތެރޭގައި ގާއިމްކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ސަރުކާރުން ވަނީ މިދިޔަ އާދީއްތަ ދުވަހު ހަވާލުކޮށްފަ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެޗްޑީސީއާ އެކު ހެދި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން ހިރިމަރަދޫ ރައްޔިތުންނަށް ގެދޮރު އިމާރާތްކުރުމާ ގުޅޭ ތަފްސީލީ ސާވޭތައް ހެދުމާއި މުނިސިޕަލް އިންފްރާސްޓްރަކްޗާ ދެނެގަތުމާއި މުޅި މަޝްރޫއު އަށް ހިންގާނެ ފުރިހަމަ ހަރަދު ދިރާސާ އާއި ބަޖެޓް ތައްޔާރުކުރުން ހިމެނޭ ކަމަށެވެ.
އެ މަސައްކަތަށް ފަހު 18 މަސް ދުވަހުގެ ތެރޭގައި ހިރިމަރަދޫގެ ރައްޔިތުން ހަނިމާދު އަށް ބަދަލުކުރާނެ ކަމަށް ބުންޏެެވެ.
މިނިސްޓްރީން ބުނި ގޮތުގައި ހިރިމަރަދޫން ހަނިމާދު އަށް ބަދަލުވާ ރައްޔިތުންގެ ތެރެއިން މިހާރު ގޯތިގެދޮރު ހުރި ކޮންމެ ރައްޔިތަކަށް ހަނިމާދު އަށް އަލަށް ބަދަލުވާ ސަރަހައްދުން ގެ ލިބޭނެ އެވެ. އަދި މިހާރު ގޯތި އޮވެ، އިމާރާތެއް ނެތް ކޮންމެ ރައްޔިތަކަށް ވެސް ގެ ލިބޭނެ ކަމަސް މިނިސްޓްރީން ބުންޏެވެެ.
"މި ހުރިހާ ފަރާތެއް ހިމެނޭ ގޮތަށް ކުރިއަށްދާ މި މަޝްރޫއުގެ ސަބަބުން ހިރިމަރަދޫން ހަނިމާދު އަށް ބަދަލުވާ އެއްވެސް ރައްޔިތަކަށް ގެދޮރެއް ނެތި ނުތިބޭނެކަން ކަށަވަރުކުރެވޭނެ އެވެ،" ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ބުނީ ހިރިމަރަދޫން މި މަހުގެ 24 ގެ ނިޔަލަށް ގޯތި ލިބިފައިވާ މީހުންނަށް ހަނިމާދޫން ގޯތި ލިބޭނެ ކަމަށެވެ.
"އެހެންކަމުން އެއްވެސް ފަރާތަކަށް މިހާރު ލިބިފައިވާ ގޯއްޗެއް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރުމާއި ގޯތި ބައިކުރުމާއި އެއްމަދު ކުރުން ފަދަ ގޯތީގެ ރަޖިސްޓްރިއަށް ބަދަލު އަންނަ އެއްވެސް ކަމެއް ނުކުރުމަށް މި މިނިސްޓްރީން އިލްތިމާސް ކުރަމެވެ."
ހދ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިރިމަރަދު އަށް ވަޑައިގެން ވިދާޅުވީ އެ ރަށުގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގެއެއް ލިބޭނެ ކަމަށާއި އަދި 18 މަސް ތެރޭގައި އެ ތަނުގެ ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް އެ ރަށަށް ބަދަލުވާން މަޖުބޫރު ކުރުމެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެކަމަކު ރައީސް ވިދާޅުވި ގޮތުގައި ހިރިމަރަދޫން ބަދަލުވާ ރައްޔިތުންނަށް އެލަވަންސެއް ދިނުމުގެ އިތުރުން އިގްތިސާދީ ނަފާއެއް ހޯދޭނެ މަގު ސަރުކާރުން ތަނަވަސް ކޮށްދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހރމރދ
27 August 2025
މިނިސްޓްރީއަކުންވެސް އަދި ރައީސް އޮފީހަކުންވެސް ތިގޮތައް ބަޔާނެއް ނުނެރެވޭނެ.. އަހަރުމެންގެ ހައްގުތައް އަހަރުމެނަށް ލިބެންޖެހޭނެ.. ވަކިބަޔަކު ގެ ބަހާ ނިމުނީމަ ބާކީތިބި ރައްޔިތުންނަށް އެކަންނުކުރެވޭނޭ ބުނުމަކީ ވަރަށް މުނާފިގުކަމެއް.. ގޯތި ބަހަން ބޭނުން މީހަކަށް ގޯތި ބެހެންވެސްޖެހޭނެ ބައިކުރަންބޭނުން މީހާއަށް ބައިވެސް ކުރެވެން ޖެހޭނެ އަދި ހަމަ ބައިކުރާ ކޮންމެ މީހަކަށް ގެ ވެސް ލިބެންޖެހޭނެ
އެޑްމުންޑޯ
26 August 2025
މިހަމަ ހިމޭން ހިތގައިމު ރަށްވެސް ދެން ފެންނާނީ ބޮޑު ޖަންގެއްޔެއްގެ ގޮތުގައި ފަޅުވެފައި ވާތަން ، ކުރާނެ ކަމެއްނެތް ، ތަރައްގީ އާއި ތަހްޒީބަކީވެސް މުހިއްމު އެއްޗެއް ،
އޯކމ
26 August 2025
ކުދި އާބާދީ އޮތް ހުރިހާ ރަށެއް އެ އަތޮޅެއްގަ އޮންނަ އެންމެ ބޮޑު ރަށަށް ބަދަލު ކުރަންވީ.
ފެކްޓްް
26 August 2025
ހެޔޮނުވާނެ މުއިއްޒޫ... އެންމެންނަކީ ކޮންކްރީޓް ޖަންގަލި ތަކުގައި އުޅެން ބޭނުންވާނެ ބައެއް ނޫން. ތި ޚަބަރުގައިވާ ފޮޓޯއިންވެސް ހިތަށް ހިތްހަމަޖެހުން ލިބޭ. އާރުޓީއެލް ފެރީތައް މުޅި ރާއްޖެއަށް ފުޅާކޮށްބަލަ. އަސާސީ ޚިދުމަތްތަށް މުޅި އަތޮޅަށް ފުރިހަމަ ކުރީމާ އެވީއެއްނު. ހިތާމަ ހުރި. ރަށަކަށް ކަމެއް ކޮށްދޭން ވީމާ 1 މިލިއަން ވިޔަސް އެއީ ވަރަށް ބޮޑު އަދަދެއް ކަމަށް ހަދާ ޓީވީ ގައި ކިޔާނެ. އެކަމަކު ޕޮލިހާ އެމްއެންޑީއެފް ގެ ކެއުމަށް އަހަރު 1 ބިލިއަން. ވެދުން
ޖައިޝަމ
26 August 2025
އިންސާފު ނިންމުމެއް
ބަސަރާކަދުރު
26 August 2025
ހަނިމާދޫ މީހުން ކައިރީ އަހާލިންތަ ކޮންކަހަލަ ކަމެއް ތޯ ތީނަގެ ހިތައް އަރައިގެން މިއުޅެނީ؟
ކޮބާ
26 August 2025
ކޮބާ ކުރިއަށް އޮތްތަނުގައި ގޯއްޗަށް އޮތް ފުރުސަތު ތިތަނުގައި. ހިރިމަރަދޫގައި ތިބި ނަމަ ލިބޭނެ ފުރުސަތުތައް
އ.ނ.ތ
26 August 2025
ކަލޯ ނުދާތި ކާބަފައިގެ ރުއްތަކާއި މަހާނަތަށް ދޫކޮށްފައި. ހަހަހަ
ރަދީފްއޮފިޝަލް / ރީތި މަގުތައް
26 August 2025
އާޓިކަލްގަ އިން ފޮޓޮއިން ހިތަށް ފިނިކަމާއި އުފާވެރިކަން ގެނެސްދޭ.ފޮޓޯ ފެނުނީމަ ސިފަވަނީ 1980ގެ މެދުތެރޭގަ އައްޑޫ ހިތަދޫގެ މަގުތައް.އޭރުގެ ހަނދާންތައް އާވީމަ ލޮލުންކަރުނަ އާދޭ.