ފުލުހުން ބޭނުންކުރަން ގެނައި ބޮޑީ ވޯން ކެމެރާ ބޭނުން ކުރާގޮތް ފުލުހަކު ދައްކާލަނީ: އެ ކެމެރާތައް ހޯދައިދިނުމުގައި އޮޅުވާލުމެއް ނޯންނާނެ ކަމަށް ޒެޓާ ކުންފުނިން ބުނި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
22 ނޮވެމްބަރ 2025 - 12:43
ފުލުހުންގެ އިދާރާއިން 2022 ވަނަ އަހަރު ބޮޑީވޯން ކެމެރާ ހޯދައިދިނުމުގައި އެއްވެސް ކަމެއް އޮޅުވާލައި، އުސޫލުން ބޭރުން ކަމެއް ކޮށްފައި ނުވާނެ ކަމަށް ޒެޓާ އެންޓަޕްރައިޒަސް އާއި ޒެޓާ ޓެކްނޮލޮޖީސްގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފި އެވެ.
އެ ދެ ކުންފުނީގެ ވަކީލުންގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެ ކުންފުނިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި ވަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި، ފުލުހުން 1،400 ބޮޑީވޯން ކެމެރާ ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ހޯދުމަށް ކުރިއަށް ގެންދިޔަ ޓެންޑާގައި ޒެޓާސް އެންޓަޕްރައިޒަސް ޓެންޑަރު އެވޯޑު ނުކުރުމަށް ޓެންޑާ ބޯޑުން މައިގަނޑު ގޮތެއްގައި ނިންމާފައި ވަނީ އެ އުސޫލުން ޓެންޑާ ކުރިއަށް ގެންދަން އެ ބޯޑަށް ނުފެންނާތީ އެވެ.
ޒެޓާސް އެންޓަޕްރައިޒަސް "ކޮލިފައި ނުވާތީ"، އެ ކުންފުނީގެ ވެރިން ހިމެނޭ ޒެޓާސް ޓެކްނޮލޮޖީއާ މަސައްކަތް ހަވާލުކުރި ކަމަށް މާލިއްޔަތުގެ ސަބް ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެފައި ވިޔަސް، އެކަން ހިނގާފައި ވަނީ އެގޮތަށް ނޫން ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ އެ މަސައްކަތް ކުރަން ޒެޓާސް އެންޓަޕްރައިޒަސް އިން ޓެންޑާއަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ހުށަހަޅައި އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ސާބިތުކޮށްދިނުމަށް ލިޔެކިޔުންތައް ހުށަހަޅާފައިވާ ކަމަށާއި އެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލަކީ ފަސް އަހަރުގެ ޕޭމަންޓް ޕްލޭނަކާ އެކު، ދައުލަތަށް މާލީ ގޮތުން ލުއިވާނެ ގޮތަށް ހުށަހެޅި އެއްޗެއް ކަމަށެވެ.
ފުލުހުން 200 ބޮޑީވޯން ކެމެރާ ހޯދަން ފަހުން ކުރި އިއުލާނުގެ ދަށުން ހުޅުވާލި ބީލަމަށް ކުރިމަތިލީ ޒެޓާ ޓެކްނޮލޮޖީސް އިން ކަމަށާއި ފުލުހުން ކުރި އޯޕަން ޓެންޑާ އެ ކުންފުނިން ކާމިޔާބުކޮށް، އެއްބަސްވުމުގެ ދަށުން މަސައްކަތް ފުރިހަމަކޮށްފައިވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"މި ބީލިން ކުރިއަށް ގެންދިއުމުގައި އަދި އެވޯޑްކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް ހިނގާފައިނުވާކަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު ނިންމާފައިވެ އެވެ،" އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ އިތުރު 1،200 ބޮޑީވޯން ކެމެރާ ގަތުމަށް ނޮވެމްބަރު 27 2022، ފުލުހުން ޒެޓާ ޓެކްނޮލޮޖީސްއާ ހަވާލުކުރީ ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ޓެންޑާ ކާމިޔާބުކޮށްގެން ކަމަށާއި އެއްބަސްވުމުގައި ސޮއިކޮށް އެ މަސައްކަތް ވެސް ފުރިހަމަކޮށްފައިވާނެ ކަމަށެވެ.
އެ މަސައްކަތަށް ހުށަހެޅި އަގަށް ވުރެ ބޮޑު އަގެއްގައި މަސައްކަތް ކުރި ކަމަށް ކޮށްފައިވާ ތުހުމަތާ ގުޅިގެން ވަކީލުންގެ ބަޔާނުގައި ބުނީ އެއީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ހާމަކޮށްފައިވާ ވާހަކައެއް ކަމަށާއި އެ ދެ ކުންފުނީގެ ފަރާތުން ހުށަހެޅި އެއްވެސް ބީލަމެއްގައި މަސައްކަތުގެ އަގުގެ ގޮތުގައި 48 މިލިއަން ރުފިޔާ ހިމަނައި ޕްރޮޕޯސަލެއް ހުށަހަޅާފައި ނުވާނެ ކަމަށެވެ. ޒެޓާ ޓެކްނޮލޮޖީސް އިން 1،200 ބޮޑީވޯން ކެމެރާ ގަތުމަށް ހުށަހެޅި ބީލަމުގައި މަސައްކަތުގެ އަގުގެ ގޮތުގައި ޓެކްސް ހިމެނޭ ގޮތަށް ހުށަހަޅާފައި ވަނީ 66.4 މިލިއަން ރުފިޔާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ އަދަދަށް އެއްވެސް ބަދަލެއް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިންނާއި ފަހުން ވެސް އައިސްފައި ނުވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މާލިއްޔަތު ކޮމިޓީން މައްސަލަ ބަލައި ދިރާސާކުރުމުގައި އެ ދެ ކުންފުނީގެ ބަހެއް މިހާތަނަށް ހޯދާފައިވާ ނުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މާލިއްޔަތުގެ ސަބް ކޮމިޓީގައި ނާޒިމް ވިދާޅުވެފައި ވަނީ ކެމެރާ ގަތުމުގެ ކަންކަން ހިންގި ޓައިމްލައިން މިހާރު ވަރަށް ފުރިހަމައަށް ސާފުވެއްޖެ ކަމަށާއި ޒެޓާ އެންޓްޕްރައިޒަސް އަކީ ކޮލިފައި ނުވާ ބައެއް ކަމަށް ނިންމުމުން އަނެއްކާވެސް އެއް ހިއްސާދާރުން ހިމެނޭ އެހެން ކުންފުންޏަކަށް ދީފައި އޮތް ކަން ސާފުކޮށް އެނގޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝާމީ
24 November 2025
ތި ކެމެރާގެ އަގަކީ 390 ޑޮލަރު. ކެމެރާގެ ނަމަކީ Axon Body 3. ދެން ހިސާބު ޖައްސަވާ؟
ފިޒާމް
23 November 2025
ކޮރަޕްޝަނެއް ނެތް. 1200 ކުޑަކުޑަ ކެމެރާ ގަންނަން 60 އެތައް މިލިއަން ރުފިޔާ.
މައޫލޫމާތު
23 November 2025
މިލިޔުމުގައި އެންމެ މުހިންމު މަޢުލޫމާތު ނެތް، ޒެޓާ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަކީ އެމްސީ ހަމީދު އެއިރުގެ ޕޮލިސް ކޮމިޝަނަރ. ދެން ވިސްނޭ ބަޔަކަށް ވިސްނޭނެ.
މާތުރަ
23 November 2025
ކަމެއް ނުހިނގާނަމަ، ތިޔަކަން ހިނގިއިރު ހުރި ކަމިޝަނަރު މަގާމުން ވަކިވެގެން އެނުންފުނީގެ ވެރިއަކަށް ހުންނާނެބާ؟
ބޭޓާސް
22 November 2025
އަވަހަށް ނާޒިމްއަށް ދައުވާކުރަންވީ. މެމްބަރުންނަކަށްވީތީ ބޭނުންހާއެެއްޗެއް ކިއިގެންނުވާނެ. ހިތުން މާމޮޅުބައެއް އެއީ.
ވަންޗޫ
22 November 2025
އެހެންވީއިރު ކަލޭމެން ބުނެދީބަލަ ފުރަތަމަ ކަލޭމެންގެ ކުންފުއްޔަން ހަވާލުކުރަން ޓެންޑަރ ކޮމެޓީން ރިޖެކްޓްކުރީމަ ދެވަނަ ފަހަރަށް ކަލޭމެންނަށް އެމަސައްކަތްކުރަން ލިބުނީ މުއުޒިޔާތަކުންތައް ނުވަތަ ކަލޭމެންގެ މޮޅުކަމުންތަ ނޫނީ ކަލޭމެންނަށް މަސައްކަތް ހަވާލުކުރި މީހުންނަށް އޮޅުމަކުންތަ؟ މިސުވާލުތަކަށް ބުއްދި ގަބޫލުކުރެވޭ ޖަވާބެއް ދީބަލަ! ވަގުން ވައްކަން ކޮށްފަ އެއްބަސްވާނެތަ ފަސޭހަ ރަހުމަތެއްގަ؟
ނޭމާސް
22 November 2025
އަލުން ލިޔުން ކިޔާލަންވީނު؟
ކޮރަލް
22 November 2025
ހުށަހަޅާފައި ވަނީ 66.4 މިލިއަން ރުފިޔާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. ކެމެރާ އެއްގެ އަގު އޮންލައިން ކޮށް ބަލާލަ ބަލާށެވެ. ކިތައް އަހަރު ވީ ކުންފުންޔެއްތޯވެސް ބަލާލަ ބަލާށެވެ. އެވޯޑު ކުރުމުގަ މައްސަލަ އެބަ ހުއްޓެވެ.
ކެމެރާ
22 November 2025
އަވަސް އަރުވައިގެން ނޫސްބަޔާން ނެރުމާއި ޙަބަރުފެތުރުން މިހާރު އެންމެނައް އެނގޭ ތިޔައޮތީ ގޯސްހަދައިފައިކަން
މިސްޓަރ އެމްޑީ
22 November 2025
ކިތަންމެވަރަކަށް ޑެމޭޖުކޮންޓްރޯލް ކުރަން އުޅުނަސް ކަލޭމެން ތިއޮތީ ފަނިހާދާފައި. ދެންވާނެ ސެނެޓައިޒެއްނެތް.
ޢެޑްމުންޑޯ
22 November 2025
ބަޔާނެއް ނެރުނީމާ އެ ކްލިއަރވީ ، އެއްވެސް މައްސަލައެއް ނޯންނެ. އޭސީސީ އަކީ މިމީހުންނަށްވުރެ ބޮޑު ކޮރޮޕްޓް މީހުންތިބި ތަނެއް ، އެވަގުތަކު އޮންނަ ސަރުކާރެއްގެ ވެރިން ބުނާހާ ގޮތަކަށް މައްސަލަތަށް ބަލަމުންދާނީ ، އެވަރުތަނެއްގެ ނަންބުނީމާ ސާފްހުދު ކާފޫރަށްވާނެ