އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ދާއޫދު މީގެކުރިން "މިހާރު"އަށް އިންޓަވިއުއެއް ދެއްވަނީ: ކޮރަޕްޝަންގެ ތުހުމަތައް ދޮގުކުރެއްވި - ފޮޓޯ: މިހާރު
14 އޮކްޓޯބަރ 2025 - 20:21
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ދާއޫދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއެއްގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ދާއޫދުގެ ގާނޫނީ ވަކީލުން ބުނެފި އެވެ.
ދާއޫދުގެ އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް ނާޖާއިޒް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ނާޒިމް ހުށަހެޅުއްވި ރިޕޯޓެއްގައި ވަނީ ފާހަގަކޮށްފަ އެވެ. ނާޒިމް ވިދާޅުވެފައިވާ ގޮތުގައި ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ ފައިސާތަކެއް އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.
އެ ރިޕޯޓު މާލިއްޔަތު ކޮމިޓީ އަށް ފޮނުވަން ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
ރިޕޯޓުގައި ބުނެފައިވާ ވާހަކަތައް ދޮގުކޮށް ދާއޫދުގެ ގާނޫނީ ވަކީލުންގެ ފަރާތުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ އެއްވެސް ފައިސާއެއް ވަދެފައި ނުވާނެ ކަމަށެވެ. އަދި ގާނޫނާ ހިލާފު އެއްވެސް މުއާމަލާތެއް ދާއޫދުގެ އެކައުންޓް މެދުވެރިކޮށް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން އޭނާގެ ގާނޫނީ ވަކީލުން ދެއްވި އެވެ.
ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީއާ ގުޅޭ އެއްވެސް ފައިސާއެއް ދާއޫދަށް ލިބިފައި ނުވާކަން ދައުލަތުގެ ފަރާތުން ކުރިއަށް ގެންދިޔަ ތަހިގީގުތަކުންނާއި ތަހުގީގަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދީފައިވާ ބަޔާންތަކުން އެނގި ސާފުވާނެ ކަމަށެވެ.
އަދި، އިދާރީ ތަހުގީގުތަކާ ގުޅިގެން ޕޮލިސް ބޯޑުން މީގެ ކުރީގައި ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ޝަރުއީ މަރުހަލާގައި ނިންމަވާފައިވާ ނިންމުންތަކުން ދާއޫދުގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެއްދޭނެ އެއްވެސް ޖާގައެއް ނެތްކަން ސާފުވާނެ ކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ވެ އެވެ.
"ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ޒިންމާދާރު އޮފިސަރަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ދެއްކުމަކީ ރައްޔިތުންގެ މެދުގައި ތަންފީޒީ އިދާރާތަކާ މެދު އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމަށް ވާތީ މިފަދަ ވާހަކަތައް ދެއްކުމުން ދުރުހެލިވުމަށް އިލްތިމާސްކުރަން. އަދި ތުހުމަތު ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް ފުރުސަތު ނުދީ ރައްޔިތުންގެ މަޖިލީގެ ކޮމެޓީއެއްގައި ލައިވްކޮށް ސާބިތު ނުހިފޭ ވާހަކަތައް ދެއްކުމަކީ ޒިންމާދާރު ކަމެއް ނޫންކަމުގައި ދަންނަވަން،" ދާއޫދުގެ ދިފާއުގައި އޭނާގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނުގައި ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ދައްކަވާ ވާހަކަތައް ވާން ޖެހޭނީ ޒިންމާދާރުކަމާ އެކު އެއްވެސް ފަރާތެއްގެ ގާނޫނީ ހައްގު ނުގެއްލޭ ގޮތަށް ދައްކަވާ ވާހަކަތަކަކަށް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ދާއޫދުގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައިވަނިކޮށް، އޭނާ މިއަދުން ފެށިގެން ޗުއްޓީއަކަށް ވަޑައިގަތުމާ ގުޅިގެން ހުޅުމާލެ ޕޮލިސް ހިންގުން އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އާ ވަގުތީ ގޮތުން ވަނީ ހަވާލުކޮށްފަ އެވެ. އަހުމަދު މުހައްމަދާ އެ މަސްއޫލިއްޔަތު މިއަދުން ފެށިގެން ވަގުތީ ގޮތުން ހަވާލުކުރި ނަމަވެސް ގޮތް ނޭނގޭ ފައިސާތަކެއް އެކައުންޓަށް ޖަމާކޮށްފައިވާ ކަން ފަޅާ އަރާފައިވާ ދާއޫދާ މެދު އެއްވެސް ފިޔަވަޅެއް އެޅި ކަމެއް އަދި ސާފެއް ނޫނެވެ.
މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދަނީ: ފުލުހުންގެ ކުންފުނި ޕޮލްކޯގެ ކޮރަޕްޝަންގެ ތުހުމަތާ ގުޅޭ ރިޕޯޓު މާލިއްޔަތު ކޮމިޓީ އަށް ފޮނުވަން ފާސްކުރީ ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން.
ފުލުހުންގެ އިދާރާގެ ދަށުން ހިންގާ ކުންފުނި، ޕޮލްކޯއާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން މައްސަލަ ބެލި ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވީ، ސޯސް އޮފް އިންކަމް [އާމްދަނީ ލިބުނު ގޮތް] ނޭނގޭ ގޮތަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ދާއޫދުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ފުލުހުންނަކީ ވިޔަފާރިކުރުން މަނާ ބަޔަކަށް ވާއިރު، ދާއޫދު ހިއްސާވާ އެއްވެސް ވިޔަފާރިއެއް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެ މައުލޫމާތުގެ އިތުރުން ނާޒިމް ވިދާޅުވި ގޮތުގައި، އެ މައްސަލައާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުރު ކަންކަން ވެސް ފާހަގަކުރެވިފައި ވެ އެވެ. އެކަމަކު، އެކަންކަން އޭސީސީގެ ސިއްރު ރިޕޯޓެއްގައި އޮތުމުން އެ މައުލޫމާތު ހާމަކުރެވެން ނެތް ކަން ވެސް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް ދާއޫދުގެ އެކައުންޓަށް ފައިސާތަކެއް ޖަމާވެފައިވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓުގައި ތުހުމަތު ކުރެވޭ 280 މީހެއްގެ ނަން އޮތް ލިސްޓުގައި ވެސް ދާއޫދާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާދަމާއި މިހާރު ރިޓަޔާ ކޮށްފައިވާ ދެ އޮފިސަރުން ކަމަށްވާ އަހުމަދު ޝުހާދާއި ހަސަން ހަބީބުގެ ނަން ހިމެނޭ ކަމަށް ނާޒިމް ވިދާޅުވެފައިވެ އެވެ.
ނާޒިމް ވިދާޅުވީ، ޕޮލްކޯގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލަން ފެށުމުން ވިސްލްބްލޯވަރުން ހިއްސާކޮށްފައިވާ މައުލޫމާތުން ވިޔަފާރިވެރިޔާ ހަސަން ތައުފީގާއި ދާއޫދު ބައިވެރިވެގެން އެ ދެ މީހުންގެ އަނބިންގެ ނަމުގައި 10.5 މިލިއަން ރުފިޔާގެ ރިއަލް އެސްޓޭޓް އިންވެސްޓްމެންޓެއްގެ ގޮތުގައި މއ. ތަޅަމުދިގެ 10 ބުރިއަށް އިމާރާތްކޮށް، އެ ތަނުން ނަފާ ހޯދަމުން އައި ކަން ފާހަގަވާ ކަމަށެވެ. އެ އެއްބަސްވުން ސިވިލް ކޯޓުގައި ރަޖިސްޓަރީ ކޮށްފައި އޮތުމުން، އޭގެ ކޮޕީއެއް ވެސް އެ ކޮމިޓީ އަށް ލިބިފައިވާ ކަމަށާއި އެހެންވެ، އެކަން އެގޮތަށް ހިނގާފައި އޮތްކަން ޔަގީން ކުރެވޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވެފައިވާ ގޮތުގައި، އެފްޑަބްލިއު ކޮންސްޓްރަކްޝަނުން ހަދާފައިވާ ފްލެޓް އިމާރާތަކުން ދާއޫދު އެޕާޓްމެންޓެއް ގަނެފައިވާކަން ވެސް ވަނީ އެނގިފަ އެވެ. އެއީ 4.1 މިލިއަން ރުފިޔާގެ އެޕާޓްމެންޓެކެވެ. އެ އެޕާޓްމެންޓްގެ އަގު 10 އިންސްޓޯލްމެންޓަކަށް ބަހާލައިގެން ނަގުދު ފައިސާ ދައްކައި ނިންމާފައިވާކަން ފާހަގަ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ދާއޫދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރިއިރު 2021 ވަނަ އަހަރު ޕޮލިސް ބޯޑުގެ ލަފާގެ މަތިން ވަޒީފާއިން ވަކިކުރަން ނިންމި އޮފިސަރުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ. ނަމަވެސް އޭރު އެ އޮފިސަރުންގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ނިންމުމަށް އަމަލުކުރުން ކޯޓުން ހުއްޓުވައި އަދި ފަހުން ޕޮލިސް ބޯޑުގެ ނިންމުން ކޯޓުން ބާތިލް ކުރުމުން އޭނާ މިހާތަނަށް ވެސް ހުރީ ފުލުހުންގެ ވަޒީފާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަނު
16 October 2025
ސިވިލް ކޯޓުގެ ދޯދިޔާކަމުން އިތުރު ފައިސާ ހޯދާން އިތުރު ފުރުސަތު ތަކެއް މި ލިބުނީ..
އަތުކުރި ގަޑި
15 October 2025
އެންމެ މަތީ ފޮޓޯއާއި އެންމެ ތިރީ ފޮޓޯގައި މަނިކުފާނު ތުރުކުރައްވައިގެން އިންނެވި އަގުބޮޑު ރާޑޯ ގަޑި އަށް ބަލާލުމުންވެސް އެނގޭ ކޮރަޕްޝަނޭ ކިޔައިގެން މިދައްކަނީ ހަމަ ތިޔަ ވިދާޅުވާގޮތަށް އެއްވެސް ބަރުދަނެއް ނެތް ވާހަކައެއްކަން.
މޫސާ ބަދުރުއްދީން
15 October 2025
މި އޮތީ "ވަގު" ފުލުސް ކުޅިވަރުގަ ޖެހިފަނު.ކޮންމެވެސް އެކަކު ދޮގޮ އެބަހަދާކަން ޔަޤީން.
ބޭބަ
15 October 2025
ޔާމީން ދައުރުގައި މާލެ މަގުމަތީގައި އިންދާފައި ހުރި ފެންފޯއް ރުއްތައް ކަނޑާލީވެސް މީނާގެ ބެލުމުގެ ދަށުން! ހުސައިން ވަހީދު ، ހަބީބު ، ދީދީ ، މަތީން މިމީހުންނަށްވެސް ރުށްތައް ކަނޑާލި ވަސްދޮވާފައިވާކަމަށްވަނީ! މިމީހުންވެސް އިސްދައުރެއް އަދާކުރިކަމަށްވަނީ! އެމީހުންނާ މިނާ މީ އެއްވާގަނޑަކުން އޭރު ގުޅިފައިވާ ބައެއްކަމަށް ވަނީ!
މަހާރަދުން
15 October 2025
އެކަމު ވަކީލުންގެ ޓީމުން ތިހިރީ ފައިވިއދާފަ އޭނަގެ ނަޒާހަތް ތެރިކަން ދައްކަން..ފަނޑިޔާރުންގެ ފަސްބައި ފަޅާ އަރާފާނެތީ ދެން ތިބޭނީ ފައި ވިއްދާފަ...ހޮޓުބާ ލިޔާ ސޭކުންތައް ލިޔާނެ ކޮންމެ ހުކުރަކުވެސް އާންމުން އެވާހަކަ ނުދައްކާސޭ ކިޔައިގެން ނަރަކައިގެ ވާހަކަ ވަރަށް ސަފުކޮން....!!!
ސާސްސް
15 October 2025
ފުލުހުންނާ ސުފައިންގެ ތެރޭގައި ވިޔަފާރިކުރާ ވަރަށްގިނަ ބަޔަކު އުޅޭކަމަށްވަނީ! އެކަމަކު އެއީ މަނާކަމެއްކަމަށް ގާނޫނުގަ އޮންނަނީ! އެމީހުން ވިޔަފާރި ކުރާކަން ނޭގޭބަޔަކު މިގައުމުގަ ނެތް! ހެދިކާ ވިއްކުމާ ސައިހޮޓާ ހިންގުމާ ޓެކްސީ ކުރަމުން ފެށުގެން ބޮޑެތި ހޯލްސޭޅް ވިޔަފާރި ކުރޭ!ކޮންޓެުނަރުތައް ހުރިގޮތަށް ރާއްޖެ އެތެރެކޮށް ވިޔަފާރިކުރޭ!ރިއަލްސްޓޭޓް ވިފަރާރި ކުރޭ! މާލެއާއި ހުޅުމާލޭގަ ހިންގާ"މުދާފިށި" ވުޔަފާރި އަކީވެސް ޔުނީފޯމް އެޅި ބަޔަކު ހިންގާ ވިޔަފާރި!
ލަދްލަދް
15 October 2025
ކަލޭނޭ މިރާއްޖެ ފުލުހުންގެ މިހުރަ ވިޔާނުދާ އުޅުމެއް
ރައްޔިތުމީހަ
15 October 2025
އަހުން ފުލުހުންގެ ތެރެއިން 95 % އަށް އިތުބާރެއް ނުކުރަން. ހާއްސަކޮށް މަތީ މަގާމުތަކުގައި ތިބި ގިނަ މީހުންނަށް އިތުބާރެއް ނުކުރަން. ރުފިޔާ ކޮޅެއް ލިބޭނަމަ ކޮންމެ ފަދަ ޖަރީމާއެއްވެސް ހިންގަފާނެ ތިބައިގަނޑު! މެންބަރު ނާޒިމަށް ހަމަ ސާބަސް. ގާނޫނާ ހިލާފު މިފަދަ އަމަލުތައް ހިންގަަ ފުލުހުންގެ މައުލޫމާތު މަޖުލިހަށް ރިޕޯޓުކުރެވޭނެ ގޮތެއް އެބަ ބޭނުންވޭ. ރަށު ތެރެއިން އިވޭ އަޑުތަކުން ފުލުހުންގެ ގިނަ ބަޔަކު ގާނޫނާ ހިލާފަށް ވިޔަފާރިކޮށް ޖަރީމާ ހިންގާ.
ބޭރުކުރޭ
15 October 2025
މާބޮޑަށް ވިޔަފާރިކުރާ ހިތް ވަންޔާ އަޅައިގެން ތިބި ޔުނިފޯމު ބާލާފަ އެކަމާ އުޅެބަލަ ތާހިރުގޮތުގައި! އެކައުންޓަށް ސޯސް ނޭގޭ ގޮތަށް ފައިސާ ވަނުމާ، މުސާރައާ ނުބައްދަލު އިންވެސްޓު ކުރުމާ، ލޯނެއް ނުނަގާ އެއްފަހަރާ ނަގުދު ފައިސަަ ދީފަ އެސެޓުގަތުން މިހިރީކީ އާދައިގެ ކަންކަމެއް ނޫން. މުސާރައާ ނުބައްދަލު ލައިފުސްޓައިލު އުޅޭ ފުލުހުން ވަރަށް ގިނަ. މަހު ދެކޮޅު ނުޖެހޭ ކިޔާފާ އަނެއް ދުވަހު ތިބެނީ އެންމެ ފަހުގެ އައިފޯނު ޖީބަށް ޖަހައިން. ރައްޔިތުން ގަމާރެއް ނޫން!
އަފްރާސިޔާބު
15 October 2025
ނާޒިމް ދެއްކީ ހަގީގަތާ ޚިލާފް ވާހަކައެއް ކަމުގައިވާނަމަ ހަގީގަތް ހާމަ ކޮށްލަބަލަ. ޔާމީނުގެ ވެރިކަމުގައި އަދީބު ހަދިޔާ ފޯރުކޮށްދިން މީހުންގެ ތެރޭގައި ތިޔަ ދާއޫދުވެސް ހިމެނޭ. އެވެސް ހަގީގަތާ ޚިލާފު ކަމަކީތަ.