23 އެޕްރީލް 2025 - 14:31
ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން، ޕޮލްކޯ މެދުވެރިކޮށް ފުހުންނަށް ފްލެޓު އިމާރާތްކުރުމުގެ މަޝްރޫއުގެ ތެރެއިން ނުހައްގުން ހޯދި ފައިސާއިން ގަނެފައިވާ ބިންތަކާއި މުދާތައް ދައުލަތަށް ނަގަން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކުން ހުށަހަޅަން ހިމަނައިފި އެވެ.
ޕޮލްކޯ އިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް މިހާތަނަށް 1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެއީ، 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށް އޮޑިޓު ރިޕޯޓުން ވަނީ ހާމަވެފަ އެވެ.
އެއާ އެކު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މި މައްސަލަ ބަލަން އިސް ނަގައި، އެކަމަށް ސަބް ކޮމިޓީއެއް ވަނީ އެކުލަވާލައިފަ އެވެ.
އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ހިޔާނާތުގެ ބޮޑެތި މައްސަލަތައް އިތުރަށް ބެލުމަށް ފަހު، ސަބް ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓުގައި ހުރި މައުލޫމާތުތައް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހިއްސާ ކުރައްވަމުން، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ، ފުލުހުންގެ ފްލެޓުތަކާ ގުޅޭގޮތުން ޕޮލްކޯއިން ތިން ކުންފުންޏަކާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ފާހަގަވެފައިވާ މައްސަލަތައް ވަކިވަކިން ކޮމިޓީގެ ރިޕޯޓުގައި ބަޔާން ކޮށްފައި ވާނެ ކަމަށެވެ.
ނޫމަޑި، އައިލެންޑް އެކްސްޕާޓް އަދި އަމިން ކޮންސްޓްރަކްޝަނާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ހުރި މައްސަލަތައް ވަކިވަކިން ފާހަގަކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުން. --ފޮޓޯ: މަޖިލީހުގެ އިދާރާ
ހުޅުމާލެ 1 ގެ 13 ބުރީގެ 3 ޓަވަރުގެ މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ހަވާލުކުރީ ޖޫން 19، 2013 ގައި 580.2 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއު ނޫމަޑިއާ ހަވާލުކުރީ 24 މަސް ދުވަހުން ނިންމައި ހަވާލުކުރާ ގޮތަށެވެ. އެ މަޝްރޫއުގައި އެންމެ ފުރަތަމަ ހަވާލުކުރީ 300 ހައުސިން ޔުނިޓް އަޅާށެވެ. އެކަމަކު އެކި ފަހަރު މަތިން ހައުސިން ޔުނިޓްތަކުގެ އަދަދު ބަދަލުކޮށް އެންމެ ފަހުން ހަވާލުކޮށްފައި ވަނީ 361 ހައުސިން ޔުނިޓް އަޅާށެވެ.
އެކަމަކު ނޫމަޑިއަށް މަސައްކަތް ނުނިންމިގެން އައިލެންޑް އެކްސްޕާޓްއާ ހަވާލުކުރިޔަސް ފަހުން އެ ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލަން ޖެހުނީ ވެސް އެތަން ނުނިމި ދިގުލައިގެން ދިއުމުންނެވެ.
އެންމެ ފަހުން 2021 ގައި އެ ފްލެޓްތައް ނިންމަން ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަނާ އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، އައިލެންޑް އެކްސްޕާޓަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ފުލުހުންގެ ބޯޑުން ނިންމާފައިވާ ނިންމުންތަކާ ހެދި އެތައް މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
މިގޮތުން، ދެ ފަރާތުން އެއްބަސްވެގެން، ކޮންޓްރެކްޓު އުވާލިއިރު، 129.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ޑޮލަރު އެ ކުންފުންޏަށް އިތުރަށް ދޫކޮށްފައިވާ ކަމަށާއި އެ ފައިސާ ޕޮލްކޯއަށް އަދިވެސް ލިބިފައިނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޕޮލްކޯއިން ދިން ފައިސާ އެ ކުންފުނިން ބޭނުންކޮށްފައިވަނީ ހުޅުމާލޭން ބިމެއް ހޯދައި 17 ބުރީގެ އިމާރާތެއްގެ ކޮންކްރީޓް މަސައްކަތް ކުރުމުގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރަކު ހުޅުމާލޭން ބިމެއް ގަތުމަށެވެ.
މީގެ ތެރެއިން ހިންގާފައިވާ ހިޔާނާތަށް ބާރު ލިބޭ ހުރިހާ ލިޔެކިޔުންތަކެއް ހޯދާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގެން އެބަ އޮތް މިއީ ޕޮލްކޯގެ ފައިސާ ބޭނުންކޮށްގެން ކްރިއޭޓްކޮށްފައިވާ އެސެޓެއް ކަން،" އޭނާ ވިދާޅުވި އެވެ.
"ޕޮލްކޯގެ ފައިސާއިން ހުޅުމާލޭގައި އުފަންކޮށްފައި ހުރި މި އެސެޓުތަކަކީ ދައުލަތުގެ ފައިސާއިން އުފަންކޮށްފައިވާ އެސެޓުތަކެއް ކަން. އެހެންވީމާ، މި ރިޕޯޓުގައި އަޅުގަނޑުމެން މި ރެކަމެންޑުކުރަނީ، މި އެސެޓުތައް ސަރުކާރަށް ނެގުމަށްޓަކައި ކުރަންޖެހޭ ކަންކަން ކޮށް، މި އެސެޓުތައް ދައުލަތަށް ނެގުމަށް."
މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުން. --ފޮޓޯ: މަޖިލީހުގެ އިދާރާ
ނާޒިމް ވިދާޅުވި ގޮތުގައި، މި ކަމުގައި އެއްބަސްވުންތަކާ އެއްގޮތަށް އަދި އެއްބަސްވުމާ ހިލާފަށް ޕޮލްކޯގެ ތެރެއިން ފައިސާ ދޫކުރުމުގައި ޝާމިލުވި ވަކިވަކި ފުލުހުންގެ ތަފްސީލުތައް ވެސް ރިޕޯޓުގައި ހިމަނާފައިވާނެ އެވެ.
"ވަކިވަކި ފުލުހުން ޒިންމާދާރު ކުރެވޭ ވަރަށް އަޅުގަނޑުމެންނަށް މި ވަނީ ހޯދިފައި،" އޭނާ ވިދާޅުވި އެވެ.
މިކަމުގައި އިހުމާލުވެފައިވާ ފުލުހުންނަށް ފިޔަވަޅު އަޅަން ވެސް ނާޒިމް ވިދާޅުވި ގޮތުގައި ކޮމިޓީ ރިޕޯޓުގައި ހިމަނާނެ އެވެ.
ސަބް ކޮމިޓީގެ މި ރިޕޯޓު މައި ކޮމިޓީއާ ހިއްސާ ކުރުމުގެ ކުރިން ޕޮލްކޯގެ އިސްވެރިންނާ ބައްދަލުކޮށް، އެ ބޭފުޅުންގެ ބަހެއް ހޯދުމަށް އަންނަ ހޯމަ ދުވަހު ސަބް ކޮމިޓީގެ އިތުރު ބައްދަލުވުމެއް ތާވަލުކުރެވިފައިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.
އޭގެ ފަހުން، ކޮމިޓީން އަމާޒު ހިފާފައިވަނީ، މަޖިލީހުގެ މި ދައުރު ނިންމައި، ޗުއްޓީއަށް ދިޔުމުގެ ކުރިން މި ރިޕޯޓު ތަޅުމުން ފާސްކުރުން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ފުލުހުންގެ ބްލޫ ހައުސިން ޕްރޮޖެކްޓަށް ޕޮލްކޯ އިން 2014-2017 އާ ދެމެދު ގެނައި ބައެއް ވެހިކަލްތައް ގެއްލިފައިވާ އިރު މަޝްރޫއު ކުރިއަށް ދިޔަ މުއްދަތުގައި 24 ވެހިކަލަކަށް 3.8 މިލިއަން ރުފިޔާ ޕޮލްކޯ އިން ހަރަދުކުރި ކަން ވެސް ދާދި ފަހުން ވަނީ ހާމަވެފަ އެވެ. އަދި ބައެއް ވެހިކަލްތައް "ގެއްލިގެން" ރައްޔިތުންގެ މަޖިލިހުން ވެސް ވަނީ އެ ވެހިކަލްތަކުގެ މައުލޫމާތު ދިނުމަށް ޕޮލްކޯ އަށް މިހާރު އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެއާރީ
24 April 2025
ބައި ޑިފޯލްޓް އަތުލެވެން ޖެހޭނެ އެއް ނޫންތަ؟!!! އަދިވެސް ހުށަހަޅަނީ އޯ!!! މަ ހަމަ އަޖައިބެގޭ އަންތަރީސްވެގޭ!!!
ބަބޫ
24 April 2025
%200 ގެރެންޓީ މިދެނީ ކިތައްމެ ފޮނުއަރުވާފަ ތިހެން އަނގަތެޅިޔަސް އާޚިރުގަ ނިމިގެންދާނީ އެއްކަމެއްވެސް ނުވެ. ތިކަންތައް 13-14 އަހަރު ވެގެން ދާއިރު ކޮށްމެ ސަރުކާރަކަށްވެސް އެނގޭ ބޮޑުސިއްރެއް. ތި ދެ މުއައްސަސާ އަކީ މިހާރު ވިޔަފާރުކުރާ ދެ ކުންފުނި
ޢެއެކަމއެ
24 April 2025
ޢެއްކަމެއްވެސް ނުވާނެ ތިބުނާ ވައްކަމެއްކުރި ބަޔަކަން ކުލަ ޔާ މެދައްޔާ ދީ މުސާރަދީފަ ނުވިތާކަސް މައްސަލަ ބާލާ ކޮމިޓިތައްވެސް ލާރި ވޭސްޓް ކުރަނީ
ނަނާ241
23 April 2025
ތީ ފުލުހުންނާ ސިފައިންގެ ކުންފުނީގެ ހާލަތު. ދެންވިސްނާ އެހެން ކުންފުނިތަކުގެ ޙާލަތު. ކަލޯމެނޭ އެންމެގާތީ މަރު މަރު މަރު ދުވާލާއި ރޭގަނޑު ކިތައްމަރު ވިސްނާ ﷲއަކްބަރ
ބަބްސް
23 April 2025
355 މިލިއަން ގެންލުންވީމަ ހުންނާނީ ފިސާރި ކެވިފަ. ދެން މިކިޔަނީ މުދާ ނަގާށޯ އަތުލާށޯ ... ކުރި ވައްކަމެއް އޭގެން މީހަކަށް އަދަބެއް ނުލިބޭތަ.
ކުދުބެއްޔާ
23 April 2025
އިތުބާރުއުފެއްދުމުގެ ވާހަކަތައް ދެކެވެމުން އަންނަ ދުވަސްވަރެއްގާ މިޒާތުގެ ވާހަކަތަކެއް އަޑުއިވުނީމާ ދެންވާނީ ކިހިނެއްހެއްޔެވެ!!!!!!!
123321
23 April 2025
ބަލަ ފަޒުލު، ބޯފަން އަބުދުﷲ، މުއާޒު، މެންގެ ކޮރޮޕްޝަން ކަންތައްބަލާފަ ވަގައްނެގި އެއްޗެހި ހޯދަބަލަ، މިއީ ފްރެޝް ކޭސްތައް ހޯދަންފަސޭހަވާނެ، ދެން ނޫމަޑީގެ ކަންތައްވެސްތިފޯރީގަ ބަލާތަހުގީގުކޮއްބަލަ
ނާޒިމް
23 April 2025
ނޫމަޑި. މުއިއްޒު. ނާޒިމޫ ތިކަންވާނެބާ؟
ބޯކުޑޭ
23 April 2025
ފުލުހުން ކުންފުނި ހަދައިގެން ވިޔަފާރިކުރުވީ ސަރުކާރުތަކުން. އެމީހުން ކުރަންޖެހޭ މަސައްކަތުގެ ސަބަބުން އެމީހުން ތިބެންޖެހޭނީ ކޮރަޕްޝަނާއި ފަސާދައަށް ނވަދެވޭގޮތަށް. ހަމަމިހާރުން މިހާރަށް ފުލުހުން ހިންގާ ވިޔަފާރިތައްހުއްޓުވަން ސަރުކާރަށް ގޮވާލަން
މަބުނީ
23 April 2025
5 އަހަރު ހަމަވާނަވާއިރަށް ވެސް ތިޔަކަން ވެއްޖެއްޔާ ކޮންމެވެސް އެއްބައެއްގެ ނަސީބު.