"އޮޑިޓުގައި ބުނީ ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުންތަކަށް ބަދަލުގެނެސްފައިވުމާއި ފްރޯޑާއި ކޮރަޕްޝަނުގެ އަމަލުތަކަށް ޝައްކުކުރެވޭ ކަމަށް"
ޕޮލިސް ފްލެޓް: މި ފްލެޓްތައް އެޅީ 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަމަށް އޮޑިޓުގައި ފާހަގަކުރޭ. .-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
24 ޖެނުއަރީ 2025 - 17:23
ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް މިހާތަނަށް 1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެއީ، 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.
ޖޫން، 23، 2013 ގައި ފެށި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިންއާ ގުޅިގެން ހަދައި އާއްމުކޮށްފައިވާ އޮޑިޓުގައި ބުނީ އެ މަޝްރޫއުއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަކަ ފޫޓަކަށް 1،851 ރުފިޔާގެ ރޭޓުން ހަރަދުކޮށްފައިވާ އިރު މިހާތަނަށް ކުރި ހަރަދަކީ މަޝްރޫއުގެ ދެގުނަ އަގު ކަމަށް އޮޑިޓުގައިވެ އެވެ.
އޮޑިޓުގައި ބުނީ ފިނޭންސް މިނިސްޓްރީގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތާއި އަމިއްލަ ފަރާތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ އަގުތަކަށް ބަލާއިރު އެފަދަ މަޝްރޫއެއްގެ އެވްރެޖް އަގު ކަމަށް ބެލެވެނީ އަކަ ފޫޓަކަށް 1300 ރުފިޔާ އާއި 1500 ރުފިޔާގެ ރޭޓު ކަމަށެވެ.
"މި އަންދާޒާ އަގުތަކަށް ބަލާ ނަމަ، މި މަޝްރޫއުއަށް 354.7 މިލިއަން ރުފިޔާ އާއި މަދުވެގެން 240.1 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް މި އޮފީހުން ދެކެމެވެ،" އޮޑިޓް ރިޕޯޓުގައިވެ އެވެ.
އެ ރޭޓުން ބަލާ ނަމަ، އޮޑިޓުގައި ބުނި ގޮތުގައިއެ މަޝްރޫއުގެ އަގަށް ޖެހެނީ 745.3 މިލިއަން ރުފިޔާ އެވެ. އަދި އެންމެ ބޮޑުވެގެން ވެސް 859.9 މިލިއަން ރުފިޔާ ކަމަށް އޮޑިޓުގައި ވެ އެވެ.
"މި އަންދާޒާ އަގުތަކަށް ބަލާ ނަމަ، މި މަޝްރޫއުއަށް 354.7 މިލިއަން ރުފިޔާ އާއި މަދުވެގެން 240.1 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް މި އޮފީހުން ދެކެމެވެ،" އޮޑިޓް ރިޕޯޓުގައިވެ އެވެ.
އޮޑިޓުގައި ބުނީ އެ މަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގެ އަގު ކަމުގައިވާ 580 މިލިއަން ރުފިޔާއާ އަޅާބަލާއިރު މި މަޝްރޫއުއަށް މިހާތަނަށް ހިނގާފައިވާ ހަރަދު 481 މިލިއަން ރުފިޔާއަށް އިތުރުކަމަށެވެ.
ފުލުހުންގެ ހައުސިން ޕްރޮޖެކްޓްގެ ޓައިމްލައިން.
އޮޑިޓުގައި ބުނީ އަގު ގާތްގަނޑަކަށް ދެގުނަ ހަރަދުކޮށްފައިވުމުން ދައްކުވައިދެނީ މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ގާބިލުކަން ޕޮލްކޯގައި ނެތް ކަމެވެ. ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުންތަކަށް ބަދަލުގެނެސްފައިވުމާއި ފްރޯޑާއި ކޮރަޕްޝަނުގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަން މި މަޝްރޫއުގެ ތެރޭގައި ހިންގާފައިވާ ކަމަށް ވެސް އޮޑިޓުގައި ބުންޏެވެ.
ފުލުހުންގެ ހައުސިން ޕްރޮޖެކްޓްގެ ޓައިމްލައިން.
އޮޑިޓުގައި ބުނި ގޮތުގައި ޕޮލްކޯ އިން މަސައްކަތް ކޮށްފައި ވަނީ ވަކި ފަރާތަކަށް މަންފާ ލިބޭ ގޮތަށް މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާށެވެ.
އޮޑިޓުގައި ފާހަގަކުރާ ގޮތުގައި ޕޮލްކޯ އިން ހަދާފައިވާ 628.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓްތަކަކީ ވަކި ފަރާތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެސޯޝިއޭޓެޑް ކުންފުނިތަކެއް ކަމަށް ބެލެވެ އެވެ. އެގޮތުން އެ ފަރާތަކީ ނޫމަޑީގެ ރެޕްރެސެންޓަޓިވް، އައިލެންޑް އެކްސްޕާޓްގެ މެނޭޖިން ޑިރެކްޓަރު އަދި ދެ ކޯމަސްގެ މެނޭޖިން ޑިރެކްޓަރާ އާއިލީ ގުޅުން އޮންނަ މީހެއް ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.
"މީގެ އިތުރުން އައިލެންޑް އެކްޕާޓުން ސަބްކޮންޓްރެކްޓް ކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ގްލޯބަލް އެކްސްޕްރެސް އާއި ފުނާކީ އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯގެ އޭނަރަކީ ވެސް mr.x ކަން ފާހަގަކުރަމެވެ." އޮޑިޓުގައިވެ އެވެ.
ޕޮލްކޯ ފްލެޓު މަޝްރޫއުގައި އަމަލުކުރީ ވަކި ފަރާތަކަށް ފައިދާވާ ގޮތަށް ކަމަށް އޮޑިޓުގައި ބުނޭ.
އޮޑިޓުގައި ބުނި ގޮތުގައި ޕޮލްކޯ އިން ކޮންޓްރެކްޓަރުންނާ އެކު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން ދީފައިވާ މާލީ ލުއިތަކާއި އަގުތައް އިތުރުކޮށްދިނުމާއި ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުން ފަދަ ހުރިހާ ފައިދާއެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެ ފަރާތަށް ލިބިފައިވެ އެވެ.
- ނޫމަޑި - 96،324،299ރ.
- އައިލެންޑް އެކްސްޕާޓް - 441،944،785ރ.
- ގްލޯބަލް އެކްސްޕްރެސް - 70،024،572ރ.
- ފުނަކީ އިމްޕޯޓް އެންޑް އެކްސްޕޯޓް - 36،223،214ރ.
- ޑީކޭއެމް ވޯލްޑްވައިޑް - 24،013،521ރ.
- ދެކޯމަސް - 14،225،777ރ.
ހުޅުމާލޭ ފޭސް އެކެއްގައި 13 ބުރީގެ 3 ޓަވަރުގެ މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ހަވާލުކުރީ 19 ޖޫން 2013 ގައި 580.2 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއު ނޫމަޑިއާ ހަވާލުކުރީ 24 މަސް ދުވަހުން ނިންމައި ހަވާލުކުރާ ގޮތަށެވެ.
އެ މަޝްރޫއުގައި އެންމެ ފުރަތަމަ ހަވާލުކުރީ 300 ހައުސިން ޔުނިޓް އަޅާށެވެ. އެކަމަކު އެކި ފަހަރު މަތިން ހައުސިން ޔުނިޓްތަކުގެ އަދަދު ބަދަލުކޮށް އެންމެ ފަހުން ހަވާލުކޮށްފައި ވަނީ 361 ހައުސިން ޔުނިޓް އަޅާށެވެ.
އެކަމަކު ނޫމަޑިއަށް މަސައްކަތް ނުނިންމިގެން ފަހުން އައިލެންޑް އެކްސްޕާޓްއާ ހަވާލުކުރިޔަސް ފަހުން އެ ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލަން ޖެހުނީ ވެސް އެތަން ނުނިމި ދިގުލައިގެން ދިއުމުންނެވެ.
އެންމެ ފަހުން 2021 ގައި އެ ފްލެޓްތައް ނިންމަން ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަނާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަމާލު
26 January 2025
ސިފައިންގެ ފިލެޓްތައް ބަހާލީ އޮތް އުސޫލާ ޙިލާފަށް. އެއްފަހަރާ އެޑްވާންސް ދައްކަން ފޯމްގައި ޖެހި ބައެއް އޮފިސަރއިންނަށް ދެއްކޭގޮތް ނުވުމުން ސިފްކޯއިން އޮންނަ އުސޫލާ ޙިލާފަށް އިތުރަށް ލޯނު ދީގެން. މިވެސް ބެލެންޖެހޭ ކަންކަން
ދޮންނަ ޝަރީ
26 January 2025
ސިފައިންގެ ފްލެޓްތައްވެސް ތިހެން. ނުވިތާކަށް އެތަންތަން ބަހާލީ އެެއިރަކު ތިބި ވެރިންނަށް ފެންނަގޮތަކަށް. ޖެނެރަލުންނަށް ޕެންޓަހައުސް ކިޔާފަ އާދައިގެ ސިފައިންގެ މީހާއަށް ލިބުނު ފްލެޓްއަށް ވުރެ 2 ގުނަ ބޮޑު ތަންތަން. އަދި މާލޭގަ ބޮޑެތި ގެ ހުރި ވެރިންވެސް އެތަންތަނުން ފްލެޓް ނަގާފަ. ޝަމާލުމެން އެތަނުން ފޮލެޓް ހައްޤު ވީ ގޮތެއްވެސް ނޭންގެ. ވެލްފެއަރ އޮފިސަރ ސިފައިންގެއަށް ނުވެސްވަދޭ ތިތަން ހެދަން ފެށިއިރު އެކަމު އޭނައަށް ވެސް ލިބިފަ.
ބިޔަ ބޭއިންސާފު
25 January 2025
ދައުލަތުގެ ވަކި އިދާރާއެއްގައި އުޅޭތީ ގެދޮރު ލިބުން މީ ހާދަހާ ބޮޑު ބޭއިންސާފެކެވެ. މީގައި އެންމެ ދެރަކަމަކީ އެންމެ އާދައިގެ މުވައްޒަފުންނަށް ނުލިބޭހާ ބޮޑު މުސާރަައާއި، އެހެނިހެން ގިނަ ކަންކަން ދައުލަތުން ހިލޭ ނުވަތަ ލުއި ގޮތަކަށް ހަމަޖައްސައިދީފައި ހުންނަ އިދާރާތައް އެންމެ މިކަމުގެ އެންމެ ކުރީގައި އުޅުމެވެ. މީ އަރަތެެއް ކަހަލަ ކަމެކެވެ. ޞ ބޮޑުވެގެންވާ ތަފާތުކުރުމެކެވެ. މާސިންގާ ޖަރީމާއެކެވެ. ހުއްޓާލަންޖެހޭ ކަމެކެވެ.
ބެކްސް
25 January 2025
ކާކު އޮޑިޓަރ ޖެނެރަލް ހޭލުއްވާލައިގެން މިއުޅެނީ؟ މިދޔަ 5 އަހަރު ނާނާފުޅުގަ.
ނާށި
25 January 2025
ކޮރޮޕްޝަން މިގައުމުގައި ހެދި އަރަ ފޯދިފައި އޮތް މިންވަރަކީ މާތްވެގެންވާ ރަމްލާން މަހާވެސް މިކަން ގުޅުވާފަ އޮތް މިންވަރު. އަންނަ ރޯދަމަހާ ދިމާކޮށްވެސް ފެންނާނެ. ދަތި ނިކަމެތި ހާލުގައި އާއި ބަލި ހާލުގައި އުޅެމުންދާ ރައްޔިތުން ވަޒީފާ ނެތިތިބި ރައްޔިތުން އިސްތިސްނާކޮށް ރޯދަ އިނާޔަތުގެ ނަމުގައި އެތައް މިލިޔަން ރުފިޔާއެއް ވަޒީފާ ތަކުގައި ތިބި އަދި ތަނަވަސް މީހުންނަށް ދައުލަތުގެ ފައިސާ ފާޅުގައި ބަހާތަން. އިންސާފު ކޮބާ؟ ދީނުގަ މިކަން އޮންނަނީ މިހެންތޯ؟
މުސްތަފާބެ
25 January 2025
މި ދެން މި ގައުމުގަ އާދާއިގެ ކަމެއް ނު ، ކީވެ ހަބަރަކަށް ވީ ! މަ ހަމަ ހާރާންވެއްޖެ.
ޕޮލިސްގޭމު
25 January 2025
ޕޮލިހުގެ އިސްކޮށް ތިބި މީހުންގެ ތެރޭގަ އެބަތިބި ހުޅުމާލެއިން ލަގްޒަރީ 2 އެޕާޓްމަން ގަނެގެން އުޅޭ މީހުންވެސް.. ކިހިނެއް ހޯދި ލާރިއެއްބާ؟ އަދި މިޕޮލިސް ފުލެޓު ލިބިފަ ވެސް އެބަތިބި އެ މީހުންގެ އަމިއްލަ ނަމުގަ ނުވަތަ އަނބިންގެ ނަމުގަ ސޯޝިއަލް ހައުސިންގ ލިބިފަ ތިބި މީހުންނަށް ވެސް..މި މީހުންގެ ޖަރީމާ ބަލާނެ ބަޔަކު ނެތް..
އަގީލް
25 January 2025
މީ ރައްޔިތުން ރިހާކުރު ފުޅި ވަގަށް ނެގިމީހާގެ ވާހަކަ ދައްކާ ސަބަބަކީ. މިލިއަނު މުދަލާ ފައިސާ ވަގަށް ނަގާ މީހެއްގައިގަ އަތް ނުލެވޭ، ނިކަމެއްޗެއް ވިއްޔާ އަވަސް ހުކުމާ، ބޮޑު އަދަބުގަ...
މުހައްމަދު
25 January 2025
ޗެކު ކުރުމާ އޮޑިޓް ކުރުން 12 އަހަރު ފަހުން ކުރަން ލަސްކުރި ސަބަބުވެސް ބަލަން ޖެހޭނެ. މިބާވަތުގެ ބޮޑެތި މަސައްކަތް ކުރުވާއިރު ކަން ހިނގާވަރު ބަލާނެ ފަރާތެއް އޮންނަން ވާނެ އޮތްނަމަ އެފަރާތުގެ ޒިންމާ މާބޮޑު.
ހުވަނދުމާ އާދަމް
25 January 2025
ސަރުކާރުތަކުން މިކަހަލަ ކަންތައްތަށް ބަލާ ތަހުޤީގެއް ނުކުރޭ. ބަލަނީ ކަރަޕްޝަނުން ފައިދާ ހޯދަން . އެނގޭ ނޫހުގައި ޖެހިޔަސް ރައްޔިތުން ނަށް ކުރެވޭނެ ކަމެއް ނެތްކަން. ދެން ފައިދާ ހުރި ގޮތަކަށް ކަންކަން ނިންމާލާ ތަން މި ފެންނަނީ
ހަޖާމްބެ
25 January 2025
ގާނޫނީގޮތުން އޭސީސީ އަށާއި، އޮޑިޓަރ ޖެނެރަލްއަށް ލާޒިމްކޮއްފަ ހުންނަ ކަންކަން ނުބަލަ މަހުންމަހަށް މުސާރަނެގީމަ އެ މުސާރަ ހަލާލްވޭތަ؟ އޭސީސީން ބަލާފަ ފުލުހުންނަށް މައްސަލަ ތަހުގީގުކުރަން ފޮނުވީމަ ފުލުހުންގެ ބޮޑުންގެ މައްސަލަ އެމީހުން ބަލާނެތަ. ވަގުންގެ ގައުމެއް.