ޕޮލިހުންގެ ފްލެޓް: ޕޮލްކޯ ފްލެޓް މަޝްރޫއުން ވަކި ބަޔަކު ފައިދާ ހޯދަން އުޅުނު މައްސަލަ އޭސީސީއަށް ހުށަހަޅަން ވަނީ ލަފާދީފައި.
24 ޖެނުއަރީ 2025 - 17:38
މަސައްކަތް ފެށިތާ އެތައް އަހަރެއް ހޭދަވެ، އެތައް މައްސަލައެއް ދިމާވި ފުލުހުންގެ ފްލެޓް މަޝްރޫއުގައި މަސައްކަތްކުރީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަމަށް ބެލެވޭތީ އެކަމުގައި ޝާމިލުވާ އެންމެން ހޯދައި ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން އަންގައިފި އެވެ.
"ބްލޫސް ހައުސިން"ގެ ނަމުގައި ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯއިން ހުޅުމާލޭ 1 ގައި އިމާރާތްކުރި ފްލެޓް މަޝްރޫއުއާ ގުޅިގެން ހަދާފައިވާ އޮޑިޓުގައި ބުނީ ފްލެޓް މަޝްރޫއުއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކުކޮށްފައި ވާއިރު 355 މިލިއަނުގެ ގެއްލުން ވެފައިވާ ކަމަށެވެ.
ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވާ އެ ރިޕޯޓުގައިވާ ގޮތުން މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާ އެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު ބޮޑެތި ބަދަލުތައް ގެނައުމާއި ކޮންޓްރެކްޓަރުން ނިންމާ މަސައްކަތްތަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި އެކި ނަންނަމުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާފައިވާ ކަމަށެވެ.
އެ މުއާމަލާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަށް ނުވަތަ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށް ބެލެވޭތީ މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް، އޭސީސީ އާއި އެހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް ވަނީ ލަފާދީފަ އެވެ.
އެ ރިޕޯޓުގައި ބުނީ މަޝްރޫއުގެ މަސައްކަތްތައް ނުނިމި ލަސްވެގެން ދިއުމާއި ކޮންޓްރެކްޓަރަށް ސީދާ ފައިދާވާ ގޮތަށް އަދި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެކަންކަން ކުރިއަށް ދިޔައިރު ޕޮލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބި ފަރާތްތަކާއި އިސްވެރިން، އެކަމުގައި ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އަޅާފައިނުވާތީ އެ ފަރާތްތައް ޒިންމާކުރުމަށް ވެސް އޮޑިޓު އޮފީހުން ވަނީ ބުނެފަ އެވެ.
- ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ޓެންޑާ ކުރުމުގެ އުސޫލާ އެއްގޮތަށް ކުރިއަށް ގެންދިއުން.
- މަސައްކަތް ހަވާލުކުރި އައިލެންޑް އެކްސްޕާޓާ އެކު ވެފައިވާ އެއްބަސްވުން އުވާލިއިރު އެ ކުންފުންޏަށް އިތުރަށް ދައްކާފައިވާ ފައިސާ ވީހާ ވެސް އަވަހަށް ހޯދުމުގެ މަސައްކަތް ޕޮލްކޯ އިން ކުރުން. އެ ފައިސާ ހޯދުމަށް އައިލެންޑް އެކްސްޕާޓް، އެންސިސް، ތަނބުރުމާ އަދި ޕޮލްކޯއާ ދެެމެދު ވެފައިވާ އެއްބަސްވުން މިއީ ދައުލަތަށް ގެއްލުންވާ ގޮތަށް ހަދާފައިވާ އެއްބަސްވުމަކަށްވާތީ މިކަން ތަހުގީގުކޮށް ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި، އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައިފި ނަމަ ކޯޓަށް ހުށަހެޅުން.
- އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކުގައި އެޑްވާންސް ފައިސާ ދެއްކުމާއި ސަބްކޮންޓްރެކްޓަރުންނަށް ފައިސާ ދެއްކުމާއި އެއްބަސްވުން އުވާލުމުގައި ދައުލަތުގެ މާލިއްޔަތު ގަވައިދަށް އަމަލުކުރުން.
- ޕޮލްކޯ އިން ކުންފުނިތަކާ އެކު ހެދި އެއްބަސްވުމުގެ ދަށުން މަސައްކަތް ނުކުރުމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުން ހިސާބުކޮށް ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދިއުން.
- މަސައްކަތް ނުނިންމުމުގެ ސަބަބުން، އެއްބަސްވުން ބާތިލުކުރަން ޖެހުނު ކުންފުނިތަކާ މެދު ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީއަށް ވަނީ ލަފާދީފައި.
- ދައުލަތުން ކުރިއަށް ގެންދާ އިމާރާތްކުރުމުގެ މަޝްރޫއުތަކުގެ މަސައްކަތްތައް އާންމުކޮށް އިއުލާންކުރުމުގައި އެ މަޝްރޫއުއަކަށް ރާއްޖެ އެތެެރެކުރެވޭ މުދަލުން އިމްޕޯޓް ޑިއުޓީ މާފުކުރާ ގޮތަށް ނިންމާފައިވާ ނަމަ، އެކަން އިއުލާނުގައި ސާފުކޮށް އެނގެން އޮތުން.
- ހައުސިން މަޝްރޫއު ފަދަ ބޮޑެތި ޕްރޮޖެކްޓްތައް ޕޮލްކޯ ފަދަ ކޯޕަރޭޓިވް ސޮސައިޓީން ކުރިއަށް ގެންދިއުމުގެ ބަދަލުގައި ކަމާ ގުޅޭ މިނިސްޓްރީއަކުން ކުރިއަށް ގެންދިއުން.
- ދައުލަތުން ކުރިއަށް ގެންދާ އިމާރާތްކުރުމުގެ މަޝްރޫއުތަކުގައި އާންމުކޮށް ބޭނުންކުރާ ރޭޓްތަކެއް ފިނޭންސް މިނިސްޓްރީން އާންމުކުރުން.
ފުލުހުންނަށް އަޅާ ފްލެޓްތަކުގެ މަސައްކަތް ފަށައިފައި ވަނީ 2013 ގަ އެވެ. އޭރު ރާއްޖޭގައި ހަރަކާތްތެރިވަމުން އައި ނޫމަޑި ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ނޫމަޑިން ކޮންޓްރެކްޓަ ފައިނޭންސް ކުރާ އުސޫލުންނެވެ. އެކަމަކު ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ފައިސާގެ ދަތިކަމާ ހެދި ނޫމަޑީގެ އެގްރިމެންޓް ޖެނުއަރީ 27، 2016 ގައި ބާތިލް ކުރި އެވެ.
ދެން އެ މަޝްރޫއު ހިންގާފައި ވަނީ އައިލެންޑް އެކްސްޕާޓުންނެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، މަޝްރޫއު އިތުރަށް ކުރިއަށް ނުގެންދެވުމުން އެއްބަސްވުން އުވާލީ އެވެ. އޭގެ ފަހުން އެ ފްލެޓްތަކުގެ މަސައްކަތްކުރީ އަަމިން ކޮންސްޓްރަކްޝަނުންނެވެ. އެކަމަކު 2022 ގައި އެ މަޝްރޫއު އެއްކޮށް ނިންމަން އޮތަސް ފަހުން ނިންމީ މުއްދަތު އިތުރުކޮށްދީގެންނެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރި ތިން ކޮޓަރީގެ 361 ފްލެޓުގައި މިދިޔަ އަހަރުން ފެށިގެން ފުލުހުން އަންނަނީ ދިރިއުޅެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮކަޑި
26 January 2025
ޕޮލްކޯ އަކީ އެތަން އުފެއްދި އިރު ފުލުހުންގެ ވެރިންގެ ގޮތުގައި ތިބި މަންނާނުމެން އަމިއްލަ ފައިދާއަށް އުފައްދާފަ އޮތްތަނެއް، ޕޮލްކޯ އަކާ ޕޮލްވެކާ އަދި ޕޮލްކެޓެއް ހަދައިގެން ނުކުރާ ވަށްކަމެއް ނެތް. ޕޮލްކޯގެ ދަށުން ހިންގާ ފިހާރާގަ އަގުބޮޑުކޮށް ވިއްކާ ނަގަނީ ފުލުހުންގެ ވެރިން ބެންކޮކަށް ގޮއްސަ ގެންނަ މުދާ، ތަނުގަ ސާފުތާހިރު ކަމެއް ނެތް، ސްޓާފުންގެ ހަމައެއް ލަމައެއް ނެތް. އާންމު ރޭންކުތަކުގެ ފުލުހުންނަށްވުރެ މި ޕޮލްކޯ ސްޓާފުންގެ ނުފޫޒު މާވަރުގަދަ.
ޑަރޮގާ
25 January 2025
ދެން ފަހެ، މީހުން ހަނދާން ނެތެންދެން އޭސީސީގައި މައްސަލަ ބޭއްވުމަށްފަހު، އެހެން ސަރުކާރެއް އައުމުން "ކޮރަޕްޝަނުގެ ކުށެއް" ނެތްކަމަށް ކަނޑައަޅާނޫއެވެ. ޢަދި މައްސަލަ ފައިލު ކުރާނެތެވެ. މިއީ ޒަމާނުއްސުރެ ތިޔަ ކޮރަޕްޝަން ކޮމިޝަން ހިނގަ ހިނގާ އޮންނަގޮތް ވިއްޔާއެވެ. ޢަލިފް ހާ. ތިޔަ ކޮމިޝަނަކީ ބޭނުމެއް ހިފޭތަނެއް ނޫނެވެ.
ހީހީ ސުލީހް
25 January 2025
ތިނޫންވަރެއްވޭތަ މިގައުމުގަ
ސާރަ
25 January 2025
ކުށެއްކުރި ތާރީޚުން ފެށިގެން ވަކި އަހަރެއްގެ ތެރޭގައި ދައުވާއުފުލޭނީ
ރާއްޖެ
25 January 2025
އޭސީސީން މިހާތަނަށް ނެރުނު ނަތީޖާ ސުމެއް.
ޟޮހޮދުބެ
25 January 2025
އޭސީސީގެ ތަހުގީގުކޮށް ޔާމީން، އަދީބު ޖަލަށް ލީވެސް ދެން އެ މީހުންނަށް އަފޫއާންމު ދިނީ އިބޫ
ބަލަދު
25 January 2025
އޭސީސީން ޔާމީނުއާއި އަދީބު ޖަލަށް ލީމަ އަހަރެމެން އެއްވެސް ފައިދާއެއް ލިބިއްޖެތަ؟ އެދެމީހުން ވަގަށް ނެނގި އެންމެ ލާރިއެއް ވެސް ނުލިބޭ. ޖަލުގަ ވީއައިޕީ ފެންވަރުގެ ބަކަރިއާއި ކުކުޅު ކާންދޭން ޖެހުނީ ހަމަ އަހަރެމެންގެ ޓެކްސް ފައިސާއިން.
ފެންނަގޮތް
25 January 2025
ޕޮލްކޯއަކާއި ސިފްކޯއަކާއި ކޯތައް ހަދައިގެން، ވަކިބަޔަކު ނާޖާއިޒު ގޮތުމުއްސަނދިވެ، ގައުމު ދާރާ ، އާންމުން ބިކަ ވަނީ،، އެކަން އިސްލާހުކުރަން ކެރޭ ވެރިއެއް ނާދޭ، އަނެއްކާ އެތަންތާ ތިބޭ ވެރިންވެސް ބޭނުމެއް ނުވޭ،، މުސާރަވެސް 100% ކުރިއެރުންދޭންވީ އާންމުން ނުކައި އުޅޭއިރު.. ވިސްނާ، ވިސްނައިދީ، މިކަހަލަ ކަންކަން އިސްލާހު ކުރަންޖެހޭ. ކެރޭނެބާ،،،
މަންނާނު
25 January 2025
މަށޭ ކިޔާތަ؟
ޗައިނާ ލިފްޓު
25 January 2025
އާނއެކޭ! ހަމަ ބޮޑުކޮށް އެބަ ކިޔައޭ
އެނދި މަރިޔަނބު
25 January 2025
ކޮރަޕްޝަނާ ދެކޮޅަށް އެޅޭނެ އެންމެ ފަސޭހަ، އެންމެ މުހިންމު، އެންމެ އިމްޕެކްޓްފުލް ކަމަކީ ޕޮލްކޯއާ ސިފްކޯއާ އުވާލާ ދައުލަތުގެ މުއައްސަސާތަކުން މިކަހަލަ ވިޔަފާރި ކުރުވިޔަ ނުދިނުން.
ހަޖާމްބެ
25 January 2025
ދިވެހިރާއްޖެ ކިޔުން ހުއްޓާލާފަ، ވަގުންގެ ރާއްޖެ ކިޔާހިސާބަށް ކަންތައްހިގައްޖެ. މިހާރު ނީވެ ކަސްޓަމްސްގެ 400 މިލިޔަން ރުފިޔާގެ ވާހަކައެއް.
ވޯލް
24 January 2025
ތިޔަ ޕޮލްކޯ އަކާ ސިފްކޯ އެއް ތ8 ވަގުތުން ހުއްޓާލަންޖެހޭ ދެބައި މިހުން. ފަޔަތ ވޯކްސް ނޫން އެއްވެސް ވިޔަފާރިއެއް ސިފައިންނަށް ބައިވެރިވެވިގެން ނުވާނެ. ތިއޮތް ކުޑަ ކުދިންގެ ބަގީޗާގެ ބޮޑުބައެއް ނަގާގެން ވެޑިން ޕާޓި ބާވައިގެން ކޮން ވިޔަފަރިއެއް ހިންގާކަށް. އެރަނުގެ ބިމުގެ ކުލިން ދައުލަތެއް ސީދާގިތުންވެސް ގެއްލުން އަދި ނުސީދާ ގޮތުން ކުޑަކުދިންތައް ހާއްސަކޮށްފަ އޮތްތަނެއް ކަޓުވާލައިގެން.