ސްރީ ލަންކާގެ ވެލަމްޕިޓިއާގައި ފެންބޮޑުވެފައިވާ މަގަކުން، އުމުރުން ދުވަސްވީ މީހަކު އުފުލާލައިގެން ޒުވާނަކު ފެންގަނޑު ހުރަސްކޮށްދާން އިއްޔެ މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
01 ޑިސެމްބަރ 2025 - 15:13
ތޫފާން ދީތުވާގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވާ ސްރީ ލަންކާއަށް އެހީވުމަށް ބޭއްވި ޓެލެތޯން މިއަދު ނިންމާލި އިރު 11.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
ރާއްޖޭގެ މީޑިއާތަކުގެ ބައިވެރިވުމާ އެކު އިއްޔެ ހެނދުނު 9:00 ގައި ފެށި ޓެލެތޯން މިއަދު މެންދުރު ފަހު 2:00 ގައި ނިންމާލި އިރު 10،892،357.82ރ. އަދި 43،631.31 ޑޮލަރު (672،795ރ.) ލިބިފައިވެ އެވެ. މިއީ ޖުމްލަ 11.5 މިލިއަން ރުފިޔާ ކަމަށް ވާއިރު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ބެހެއްޓި ފަންޑު ފޮށިތަކުން ލިބުނު ފައިސާ އަދި ގުނާ ނުނިމޭތީ، މި އަދަދު އަދިވެސް އިތުރުވާނެ އެވެ.
ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދު "މިހާރު" އަށް ވިދާޅުވީ އެއީ މެންދުރު 2:00 އާ ހަމައަށް ހަމައެކަނި ޓެލެތޯންގެ ބޭންކް އެކައުންޓްތަކަށް ޖަމާވެފައި ހުރި ފައިސާގެ އަދަދުތައް ކަމަށެވެ.
ޔާމީން ވިދާޅުވީ ޕީއެސްއެމްގައި ބަހައްޓާފައި ހުރި ފަނޑު ފޮށި ފިޔަވައި ބާކީ ހުރި ހުރިހާ ފޮށިތަކެއް މިހާރު ބަންދުކޮށްފައިވާ ކަމަށެވެ. ޕީއެސްއެމްގެ ފޮށި ވެސް މިހާރު ތިބި މީހުން ނިމުމުން ބަންދު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ފޮށިތައް ގުނަން ފަށާނީ އޭގެ ފަހުން ކަމަށް ވިދާޅުވި އެވެ.
ޖުމްލަ 37 މީޑިއާއަކުން ބައިވެރިވި އެ ޓެލެތޯން ކުރިއަށް ގެންދިޔައީ ލަންކާ އަކީ ޒަމާނުއްސުރެ ދިވެހިންނާ އެންމެ ގާތް ގުޅުން އޮންނަ، އެންމެ ކަރިރީގައި އޮތް އަވައްޓެރި ގައުމު ކަމަށް ވާތީ ދިވެހިންގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދިނުމުގެ ގޮތުންނެވެ.
ލަންކާ އަށް ވެފައިވާ ގެއްލުންތަކާ ގުޅިގެން، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ވެސް 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަން ވަނީ ނިންމައިފަ އެވެ.
ތޫފާން ދީތުވާގެ ސަބަބުން ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ އެކި ހާދިސާތަކުގައި ލަންކާއިން މަރުވި މީހުންގެ އަދަދު 350 އިން މައްޗަށް ވަނީ ގޮސްފަ އެވެ. މިއީ ލަންކާއަށް 2004 ގެ ސުނާމީއަށް ފަހު އެންމެ ބޮޑު ގެއްލުމެއްވި އަދި އަދި އެންމެ ގިނަ މީހުން މަރުވި ގުދުރަތީ ކާރިސާއަށް މިހާރު ވަނީ ވެފަ އެވެ.
ލަންކާއަށް އެރި މި ތޫފާނަކީ 2017 ވަނަ އަހަރު އެ ގައުމުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 200 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ގެއްލުނު ފަހުން ކުރިމަތިވި އެންމެ ނުރައްކާތެރި މިފަދަ ކާރިސާ އެވެ. ޖޫން 2003 ގައި ވެސް ވަނީ ހަމަ މިފަދަ ހާދިސާތަކެއްގައި 254 މީހަކު މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙުސަ
01 December 2025
ދިވެހިންގެ ފަރާތުން ލަންކާއަށް މިދިން އެހީއަކީ ވަރަށް ބޮޑު އެހީއެއް!! ލަންކާ ރުޕީސްއިން ބަލާނަމަ މިއީ ގާތްގަޑަކަށް 450 މިލިޔަން ސްރީލަންކަން ރުޕީސް!! ދިވެހިންގެ ހިތްހެޔޮކަމާ ދީލަތިކަން ލަންކާ ރައްޔިތުންނަށް ދިވެހި އެންމެހާ ރައްޔިތުން މިހާމަކޮށްދިނީ!
ކަލޭގެސަން
02 December 2025
ތީނީ ހިސާބު ދެގުނަ ކޮއްލާފައެންނު؟
ދެން ތައްޔާރުވޭ އިންޑިއާ އަށް އެހީދޭން!
01 December 2025
ތޫފާން މިހާރު ލަންކާ ދޫކޮށް އިންޑިއާ އަށް މިސްރާބު ޖެހިއްޔޯ!
ދިއްދާ
01 December 2025
ފައިސާތައް ފޮނުވުމުގެ މުޢާމަލާތުގެ ޚަރަދަށް ކަމަށްބުނެ (ޖުމްލަ ފައިސާގެ) އެއްވެސް % ނުނަގާނެ ކަމަށް އުއްމީދުކުރަން.
ސިސެނާ
01 December 2025
ދިވެހިން ހާދަ ރަގަޅޭ..
ސޭކު
01 December 2025
ކޮންމެސް އެހެން ދިވެހިންތަކެއް އޭތިކޮޅު ނުކާލާތޯ ދުއާކުރޭ