ދިވެހި ސަރުކާރާއި ޕީއެސްއެމުން ބޭއްވި ޓެލެތޯނުން އަދި އަމިއްލަ ފަރާތްތަކުން ހަދިޔާކުރި ފައިސާއާ އެކު ރާއްޖެ އިން 2.4 މިލިއަން ޑޮލަރު ލަންކާ އަށް ދީފައިވޭ.
ދިވެހި ސަރުކާރުން ލަންކާ އަށް ދިން 50،000 ޑޮލަރުގެ ލިޔުމާ އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ ހަވާލުވެވަޑައިގަންނަވަނީ: މި އެހީ ހަވާކުކޮށްދެއްވީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު.---ފޮޓޯ: ލަންކާ ފޮރިން މިނިސްޓްރީ
06 ޑިސެމްބަރ 2025 - 21:10
ސްރީ ލަންކާ އަށް މިދިޔަ ހަފުތާގައި ކުރި ވިއްސާރައިގެ ފެންބޮޑުވެ، ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭރުގެ އެހީގެ ގޮތުގައި 6.5 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އެހީއެއް ދީފައިވަނީ ރާއްޖެ އިން ކަމަށް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފި އެވެ.
ތޫފާން ދީތުވާގައި 600 އަށް ވުރެ ގިނަ މީހުން މަރުވެ އަދި 200 އާ ގާތްކުރާ އަދަދަކަށް މީހުން ގެއްލުމުގެ އިތުރުން އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެއީ 2004 ގެ ސުނާމީގެ ފަހުން އެ ގައުމަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ކާރިސާ އެވެ.
ލަންކާގެ ރައްޔިތުންނަށް އެހީވާން ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް (1.2 މިލިއަން މަސްދަޅު) އެ ގައުމުގެ ސަރުކާރާ އިއްޔެ ހަވާލުކޮށްފަ އެވެ. އޭގެ އިތުރުން ޕީއެސްއެމުން އިސްވެ ރާއްޖޭގެ ގިނަ މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) އާއެކު، ޖުމްލަ 850،352 ޑޮލަރު ވެސް ލަންކާ ސަރުކާރާ ހަވާލުކުރި އެވެ.
އޭގެ ފަހުން ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ވެސް ވަނީ ލަންކާ އަށް މާލީ އެހީ ދީފަ އެވެ. އޭގެ ތެރޭގައި ސަން ކުންފުންޏާއި ވިލާ ގްރޫޕުްގެ އިތުރުން މެދުފަންތީގެ ބައެއް ވިޔަފާރިވެރިން ވެސް ހިމެނެ އެވެ.
ލަންކާގެ ބައެއް ނޫސްތަކުގައި މިއަދު ރިޕޯޓުކުރި ގޮތުގައި ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭރު ގައުމުތަކާއި އެޖެންސީތަކުން މިހާތަނަށް 6.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އޭގެ ތެރެއިން އެއް ގައުމަކުން އެންމެ ބޮޑު އެހީއެއް ދިނީ ރާއްޖެ އިން ކަމަށް ނޫސްތަކުގައި ވެ އެވެ. އެއީ ދިވެހި ސަރުކާރާއި ޓެލެތޯން އަދި އަމިއްލަ މީހުން ހަދިޔާކުރި ފައިސާއާ އެކު ޖުމްލަ 2.4 މިލިއަން ޑޮލަރު (37 މިލިއަން ރުފިޔާ) އެވެ.
އެމެރިކާއިން ވެސް ވަނީ ލަންކާ އާރާސްތުކުރުމަށް އެ ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ދެ މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.
ނޫސްތަކުން ރިޕޯޓުކުރިގޮތުގައި ޗައިނާ އިން 1.1 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާ ސަރުކާރާއި ރެޑް ކްރޮސް މެދުވެރިކޮށް ލަންކާ ރެޑް ކްރޮސްއަށް ދިން 100،000 ޑޮލަރާއި ޗައިނާގެ ވިޔަފާރިވެރިން އެއްކުރި 32،500 ޑޮލަރުގެ އިތުރުން އިތުރު އިމަޖެންސީ އެހީގެ ގޮތުގައި ދިން އެއް މިލިއަން ޑޮލަރު ކަމަށެވެ.
އިނގިރޭސި ވިލާތުން 675،000 ޔޫރޯ އަދި އޮސްޓްރޭލިއާ އިން ވެސް އެއް މިލިއަން ޑޮލަރުގެ އެހީ ދީފައިވެ އެވެ.
ލަންކާގެ ސަރުކާރުން ވަނީ ތޫފާނުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ހަތް ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުރަބޯ
07 December 2025
ކަންކަން ކޮށްދީފަ “ކަލަ” ނުގޮވުން ރަނގަޅުވާނެ. އެމީހުން އެމީހުންގެ ނޫސްތަކުގައި ތިޔަ ވާހަކަ ޖެހިޔަސް މައްސަލައެއް ނެތް. އަހަރެމެން އަހަރެމެންގެ ނޫސްތަކުގައި ތިޔަވާހަކަ ޖެހުން އެއީ ކަލަ ގޮވުން.
ހިތްހެޔޮބައެއް
07 December 2025
ޖެހިގެންހުރި ބަދިގެއިން ތެލި ފޫކަހާލީމަ އަނެއްގެއިން ކާއެއްޗެހި ގެނެސްދޭ ވާހަކައަކީ ތޯތޯއެއްނޫންކަން މިއަދު ތަގީންވެއްޖެ.
ދިވެހިނ
07 December 2025
އެއީ މާޒީ. މިހާރު ފޫކަހާ އަޑު އިވުނީމަ ނޮއިސް އޭ ކިޔާފަ ކުރާނީ ޝަކުވާ. ނޫނީ އެހީވެފަ ފޭސްބުކް ޕޯސްޓެއް ކޮށްލާނީ.
ލަމުހާ
07 December 2025
މިޔަށް ކިޔާނީ ކަލަގޮވުން. ނުވަތަ އާ ކުކުޅަކަށް ގާބިހެއް އެޅުން.
މަހަލްދީބު
07 December 2025
ލަންކާއަށް އެންމެ ގިނަ ފައިސާ ދިނީ ދިވެހިން. އެހެން ގައުމުތަކުން ފައިސާގެ އިތިރުން އެހީވާން ރެސްކިއު ހެލިކޮޕަޓަރާއި މަތިންދާ ބޯޓާއި މީހުން ވަނީ ފޮނުވާފައި. އެ މަސައްކަތް މިހާރިވެސް ކުރިޔަށް އެބަ ދޭ. ހަލާކުވެފައިވާ އިންފްރާސްޓްރަކްޗަރ ހަދަން ވަނީ އެހީވެފައި. މިޢި އެތަކެއް މިލިއަނެއް ހަރަދުކޮއަގެން ގިނަ ދުވަހުން ކުރެވޭނެ ކަންތައް. އެހެންވީމައި އެންމެ ބޮޑު އެހީއެއްވީ އަހަރުންނޭ ކިޔައިގެން ވާހަކަ ދެއްކުން ރަނގަޅެއް ނޫން.
ދަރި
07 December 2025
ދެން އެކަމުގެ އުފަލުގައި ޕާޓީއެއް ބާއްވަމާ.
މހއމ
07 December 2025
ހަވާ އެރުވުމެއް ނެތް ތަ؟ އެވެސް އަދި ވިޔަފާރި އުސޫލުން ހަމަ.
ހަފްޒާ
07 December 2025
ދެނެ އެހީ ދިނަސް އަބަދު މިވާހަކަ ދެއްކުން ރީއްޗެއްނޫން.
ހަސަންފުޅުހަސަން
07 December 2025
ދެން އަބަދު މިވާހަކަ ނުދައްކަބަލަ. އެއްޗެއް ދީފަ އެވާހަކަ ނޫސްތަކުގަޔާ ހަބަރުތަކުގަ ގޮވުމަކީ ރަނގަޅުކަމެއް ނޫން. އެއީ ކަލަ ގޮވުން. މިހާރު 1 ހަފްތާ މިވަނީ ހޭޔަންބޯގަ ވެސް އެވާހަކަ. ބޯހަލާކު.
މަރީނަ
07 December 2025
ލަންކާ ގެ ވިސާ އޮފީހުން ދިވެހިން ނަށް ޤަދަރު ކުރާނެ ކަމަށް ހީކުރަން ދެން!
އޮނަރަބްލް އަފީފު ދީދީ
07 December 2025
އެވޭލާ ޒަމާނުން ފެށިގެން ސިލޯނަކީ އަހަރުމެންގެ ކާބަފައިން ވެސް އަހަރުމެންގެ ދެވަނަ ގެދޮރު ކަމަށް ބަލައި ޙާއްސަކަމެއް އަހަރުމެންގެ ހިތުގައި ދެވިފައިވާ އަހަރުމެނަށް މުހިންމު ޤައުމެއް. މާތް ވެގެންވާ އިޤިރޭސި ދައުލަތް ނަގާފައި ރާއްޖޭގެ މައްޗަށް ވެސް އެންމެ ޙާއްސަކަމެއް ދީފައިވާ އަދި އެގޮތުގައި ދެމިއޮތް ޤައުމަކީ އަވަށްޓެރި ރަޙްމަތް ތެރި ސިލޯނު ކަމާއި މެދު ދެބަސްވާނެ ދިވެއްސަކު ނުހުންނާނެކަމަށް ވެސް ބުނެވިދާނެ. އެހެންވެ އަހަރުމެން ކުރީ މުހިންމު ކަމެއް.
ފަސްމާލި
07 December 2025
ކޮން މާތްވެގެންވާ އިނގިރޭސި ދައުލަތެއް؟ ކޮން ގޮތަކުން މާތްވަނީ؟ ބޯ ހަލާކު!
މހއމ
07 December 2025
@ޑިސްއޮނަރަބްލް އަފީފު ދީދީ: ދެބަސްވާ ދިވެހިން އެބަ ފެނޭތަ؟ ފެނޭތަ؟ ނޭތަ؟ ތަ؟
އަބްޑޫޅް +
06 December 2025
ބަނޑަށް ޖެހިފަ އޮތް ތަނަކުން ކިހިނެއް އެހީ ދެވޭނީ؟ ސިންގަޅައިންނަށް ކޮއްތު ދީފަ ދިވެހީން ބަނޑަށް ޖައްސަން ތަ ތިޔަ އުޅެނީ؟ ރާއްޖޭގަ ތިބި އެތަކެއް ހާސް ނިކަމެތީންގެ މަތީން ހަނދާން ނުވަނީ ދޯވ؟
މހއމ
07 December 2025
އެމީހުންނަށް އެހީ ވިޔަކަސް ހަބަރަކަށް ނާރާނެ. އެހެންވީމަ އެއީ.