ކުރީގެ ފަނޑިޔާރު އަލީ ސަމީރު: ރުޅީގެ ވަރި، ވަރިއަށް ނުވުމަކީ އެއްވެސް މީހެއްގެ ހައްގެއް ގެއްލޭ ކަމެއް ނޫން ކަމަށް ވިދާޅުވި
03 ޑިސެމްބަރ 2025 - 17:26
ރުޅި އައިސްގެން ހުރެ ކުރާ ވަރި ބައެއް ހާލަތްތަކުގައި ވަރިއަކަށް ނުވާނެކަމަށް ކަނޑައެޅުމަކީ އެކަމުގެ ސަބަބުން އެއްވެސް މީހެއްގެ ހައްގު ގެއްލޭނެ ކަމެއް ނޫން ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ވިދާޅުވެއްޖެ އެވެ.
ސަމީރު މިހެން ވިދާޅުވީ "ތިއިނީ ވަރިކޮށްފައި" ކަމަށް ބުނެ، އަނބިމީހާ ވަރިކުރަން އިބާރާތް ބޭނުން ކުރެވުނީ އަމިއްލަ ނަފުސަށް ކޮންޓްރޯލް ނޯންނަ މިންވަރަށް ރުޅި އައިސްގެން ހުރެ ކަމަށް ޝަރީއަތުގެ މަޖިލީހުގައި ހުވާކުރުމުން، އެ ވަރި ސާބިތުނުވާ ކަމަށް ފެމެލީ ކޯޓުން ނިންމި ނިންމުމަކާ މެދު އުފެދުނު ބަހުސުގެ ތެރޭގަ އެވެ.
އާއިލީ ގިނަ މައްސަލަތަކެއްގައި ހުކުމް ކަނޑައަޅުއްވާފައިވާ ކުރީގެ ފަނޑިޔާރު ވިދާޅުވީ ކަންކުރާ މީހާގެ ނިޔަތް ދެނެގަތުމަކީ، އިސްލާމީ ޝަރީއާގައި އޮންނަ ހަމައެއް ކަމަށާއި އަދި ކަންކުރާ މީހާގެ ނަފްސާނީ ހާލަތުގެ މައްޗަށް ރިއާޔަތްކޮށް މީހުން ކުރާ ބައެއް ކަންކަމަށް އަދަބު ނުދީ ދޫކޮށްލުމަކީވެސް އިސްލާމީ ޝަރީއާ ބަލައިގަންނަ ހަމައެއް ކަމަށެވެ.
ކަންކުރާއިރު ގަސްދު އޮތްގޮތެއްގެ މައްޗަށް ފަނޑިޔާރުން ހުކުމް ކުރާއިރު ބަލަންޖެހެނީ އެ ސަބަބަށްޓަކައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މިންގަނޑުން ބަލައި، ވަރިކުރުމުގެ ގަސްދުނެތި މީހާގެ ބުއްދީގެ މައްޗަށް ރުޅި ނުވަތަ އެ ނޫންވެސް އެފަދަ ސަބަބެއް އިސްވެފައިވާކަން އެނގެން އޮތްނަމަ "ތި ހުރީ ވަރިކޮށްފައި" ކަމަށް ބުނެ ދުލުން ބޭރުކުރާ ލަފްޒެއްގެ ސަބަބުން އެއީ ވަރިއަކަށް ނުވާނެ ކަމަށް ކުރީގެ އަދި ފަހުގެ އިލްމުވެރިންގެ ރައުޔުތައް ދެއްވާ އެކަމުގެ މައްޗަށް ޝަރުއީ ގޮތުން ދަލީލުވެސް ދައްކަވާފައި އެބަހުރި،" ސަމީރު ވިދާޅުވި އެވެ.
ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމު ވެސް ފުރުއްވި ސަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ އާއިލާއާބެހޭ ގާނޫނުގައި، ވަރި ސާބިތުކުރުމުގައި ކޯޓުތަކުން ބަލަންޖެހޭނެ މިންގަނޑުތަކަކީ ކޮބައިކަން ބުނެދީފައެއް ނުވެ އެވެ. ގާނޫނުގައި ބުނަނީ، ވަރިކުރަން ނުވަތަ ވަރިވާން ބޭނުންވެއްޖެ ނަމަ ކަންކަން ކުރަންޖެހޭނެ ގޮތެވެ. ކޯޓުން ބޭރުގައި ވަރިކުރީމާ ދެވޭނެއަދަބުތަކެވެ. އާއިލީ މައްސަލަތަކުގައި އަމަލުކުރަން އޮތް ގަވާއިދުތަކުގައި ވެސް ވަރި ސާބިތުކުރުމަށްޓަކައި ބަލަންޖެހޭނެ މައިގަނޑު ހަމަތަކެއް ބުނެދީފައެއް ނުވެ އެވެ.
ގާނޫނާއި ގަވާއިދުތަކުން ވަކި ގޮތަކަށް ބުނެފައި ނުވާ ކަންކަމުގައި ފަނޑިޔާރުން ބަލަން ޖެހެނީ އިސްލާމީ ޝަރީއާގައި އެކަން އޮންނަ ގޮތް ކަމަށާއި ވަރި ވަރިއަކަށް ވާގޮތާއި، ވަރި ސާބިތުވާނެ ގޮތްތަކަކީ އެކަމުގައި އިލްމުވެރިންގެ ޚިލާފު އޮތްކަމެއް ކަން ސަމީރު ފާހަގަކުރެއްވި އެވެ. އަދި ހިލާފު އޮތްނަމަ އެކަމުގައި ބަލަން ޖެހެނީ އިލްމުވެރިން ބުރަވާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
"ފެމިލީ ކޯޓުން ނިންމަވާފައިވާ "ވަރިކުރީ ރުޅި އައިސްގެންކަމަށް ވާތީ ވަރިއަކަށް ނުވުން" އެގޮތަށް ކަނޑައެޅި ގަޒިއްޔާގައި ގެނެސްދީފައި އެވަނީ، ރުޅިއައިސްގެން ހުރެ ކުރާ ވަރި ވަރިއަކަށް ވާނެކަން ނުވަތަ ނޫންކަމާއި މެދު އިލްމުވެރިންގެ މެދުގައި ދެކެވިފައި ހުރި ވާހަކަތަކުގެ ބައެއް ތަފްސީލުތަކެވެ. އާދަޔާ ހިލާފަށް ރުޅި އައުން ވެސް ހިމެނޭނީ ނަފްސަށް ކުރިމަތިވާ ކަމެއްގެ ގޮތުގަ އެވެ. އޮޅުންއެރުން، މޮޔަވުން، މަޖުބޫރުވުން ފަދަ ހާލަތެއްގެ ގޮތުގަ އެވެ." ސަމީރު ލިޔުއްވާފައިވެ އެވެ.
ކުރީގެ ފަނޑިޔާރު ވިދާޅުވި ގޮތުގައި މޮޔަ މީހަކު އޭނާގެ އަނބިމީހާ ވަރިކުރީމާ ވަރިއަކަށް ނުވާނެކަމަށް ބުއްދީގެ ހަމައިން ވިސްނޭއިރު އާދަޔާ ހިލާފަށް ރުޅި އައުމަކީ ވެސް އެ ހާލަތު ކުރިމަތިވެދާނެ ކަމެއްކަން ބުއްދީގެ ހަމައިން ވިސްނޭންޖެހެ އެވެ. ނަފްސަށް ދިމާވާ ހާލަތަށް ރިއާޔަތްކޮށް ހުކުމް ނެރެވޭނެ ގޮތްތައް އިސްލާމީ ޝަރީއާގައި ބުނެދީފައި އެބައޮތް ކަން ވެސް ފާހަގަކުރެއްވި އެވެ.
އެހެންކަމުން، ސަމީރު ވިދާޅުވީ ރުޅިއައިސްގެން ހުރެ ކުރާ ވަރި، ވަރިއަކަށް ނުވުން އެއީ ހެއްވާ ގޮތެއްކަމަށް ކުރެވޭ ސުވާލަށް އޮތް ޖަވާބަކީ ރުޅި އައިސްގެން ކުރާ ވަރި ވަރިއަކަށް ނުވާނެ ގޮތް އެއީ ހަމަ ވެދާނެ ގޮތެއް ކަމަށެވެ. އަދި އެއީ އިސްލާމީ ޝަރީއާ އާއި ގާނޫނުތަކާއި ހިލާފު ގޮތެއް ކަމަށް ބުނެވެން ވެސް ނެތް ކަމަށެވެ.
"ދެން އޮތީ، މިފަދަ ވަރިއެއް ވެސް ވަރިއަކަށް ވާންޖެހޭނެކަމަށް ކަނޑައަޅަން ބޭނުން ނަމަ ކަންކުރަން ޖެހޭނެގޮތެކެވެ. އާއިލާއާބެހޭ ގާނޫނުގައި ނުވަތަ އެފަދަ ގާނޫނެއްގައި، ފިރިމީހާ ކޮންމެ ހާލަތެއްގައި ހުރި ނަމަވެސް ވަރީގެ ބަސް އަނގައިން ބޭރުކޮށްފި ނަމަ އެއީ ވަރިއަކަށްވާނެ ކަމަށް ގާނޫނުގައި ކަނޑައަޅަން ވީއެވެ. އޭރުން އެކަމުގެ މައްޗަށް އިތުރު މާނަކުރުމެއް ނުގެނެވޭނެއ އެވެ. އެކި ފަނޑިޔާރުން އެކިގޮތަށް ނިންމަން ވެސް ދަތިވާނެ އެވެ. އެއް ބާވަތުގެ މައްސަލަތަކުގައި ތަފާތު ނިންމުންތަކެއް ނާންނާނެ އެވެ،" ސަމީރު ލިޔުއްވި އެވެ.
ސަމީރު ވިދާޅުވި ގޮތުގައި ފިރިމީހާ ރުޅި އައިސްގެން އެ ކުރާ ވަރި ވަރިއަކަށް ނުވުމަކީ، ވަރިވާން ބޭނުންވާ އަނބިމީހާ ވަރިވުމަށް އެދުމަށް އޮތް ހުރަހެއް ނޫނެވެ. އަދި ފިރިމީހާއާ އެކު އުޅެވެން ނެތް ނަމަ ވަރިވާން އޮތް ފުރުސަތު އެބައޮތެވެ. ރުޅި އައިސްގެން ހުރެ ކުރާ ވަރި ބައެއް ހާލަތްތަކުގައި ވަރިއަކަށް ނުވާނެކަމަށް ކަނޑައެޅުމަކީ އެކަމުގެ ސަބަބުން އެއްވެސް މީހެއްގެ ހައްގެއް ގެއްލޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"މި މައްސަލައިގައި ފެމިލީ ކޯޓުން ނިންމެވި ނިންމުން އެއީ އާދަޔާ ހިލާފު ގޮތަކަށް ނިންމަވާފައިވާ ނިންމުމެއް ނޫނެވެ. އިސްލާމީ ޝަރީއާ އަދި ދިވެހިރާއްޖޭގެ ގާނޫނުތައް އެގޮތަށް ހުއްދަކުރާތީ ނިންމަވާފައިވާ ނިންމުމެއްކަމަށް ދެކެމެވެ." ސަމީރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕަކާސް
04 December 2025
މި ހުކުމަށްފަހު ދެން ފިރިހެނުންނަށްވަރަށް ގަދަބާރެއް މިލިބުނީ. ކޯޓަށްދައްކަންޖެހޭ ފައިސާއިންވެސް ރެކެވޭނެ މަޅިއެއްލިބުނީ. ވަރިކޮއްފަވެސް އަނެއްކާއެއްކޮށްއުޅެންވެސް ޗާންސެއްލިބުނީ. ރުޅިއައިސްގެން ކޮންމެކަމަކުންވެސް ސަލާމަތްވެވޭނެ ކަންއެގުނީ.
ކޮންބައެއް
04 December 2025
މި ކޮމެންޓްތަކަށް ބަލައިލިއަސް އެނގޭނެ، މިފަދަ ވާހަކަތައް ނޫސްތަކުގައި ޖެހުމަކީ ރަނގަޅު ކަމެއްނޫންކަން. އަދި ކިތަންމެ ޑިމޮކްރެޓިކް ވިޔަސް...
މަރޭ.
05 December 2025
ވަރަށް މޮޅު ވިސްނުމެއް. ކަންތައްތައް ވީހާވެސް ފޮރުވައިގެން އުޅެންވީ. މީހުންގެ ފާޑު ކިޔުމާ ކުރިމަތި ލައިގެން ނުވާނެ.
ޑިމޮކްރެޓިކްސޮފިސްޓްދިވެހިރާއްޖެ
04 December 2025
މި ޚަބަރު ފެނިގެން ކޮމެންޓް ކުރާ ގިނަމީހުންނަކީ ހަމަ މިބާބުގެ ކޮމެންޓްތަކުން ފަޤީހުންނަށް ވެފައި ތިބި ފްރޮފެސަރުން!! އަރަބި އިނގިރޭސި ކިޔަވައިގެން އަރަބި ސެކަންޑަރީއާ އިސްލާމީ ޝަރީޢާ އާ ކޮމަންލޯއިން ގްރެޑްއޭޓްވިއަސް ގާޒީއަކަށް މި ސިޔާޒީ މަގުމަތީ ބާޒާރުގެ ޕްރޮފެސަރުންނަކާ ފެންވަރުގައި ގާތްވެސް ނުކުރެވޭނެ!
ހުސެންދީ
04 December 2025
ޝަރީހަ ބަހުން ކުރާވަރި ޤަސްތު އޮތްތޯ ނެތްތޯ ބެލުމެއް ނޯންނާނެ. ވަރި ވާނެ.
ޕޯޓަބަލް
04 December 2025
ގަސްތެއްނެތި، އަންނަ ރުޅީގައި މީހަކު މަރާލެވިއްޖެނަމަ.....
ކޮންކަމެއް
04 December 2025
ވަރި ކައިވެނީގެ ކަންކަން ތަފާތުވާނެ.. އެހެން ކަންކަމާ އަޅަިނުކިޔޭނެ. ދެރައީ ނޫސްވެރިންވެސް ދީނާުގެ / ފިގުހާ ގުޅުންހުރި މިފަދަ ވާހަކަތައް ނޫސްތަކުގައި ޖަހާތީ.
ކުރީގެ
04 December 2025
މިރާއްޖޭއްގައި ޑރގް ބޭނުން ކުރާމީހުންނާއި، އެ ވިއްކާ މީހުންވެސް ކޯޓުތަކުން ދޫކުރަނީ، އެމީހުންގެ ނިޔަތް އެކަމަށް ނެތީމަކަން ކޯޓުގެ ފަނޑިޔާރަށް އެގިލައްވާތީ ކަން އަދިކިރިޔާ މިރޭކާލީ.
ކަތްދައްތަ
04 December 2025
ރުޅިއަކީ އިންސާނާގެ ޠަބީއަތުގައި ލައްވާ އުންސުރުތަކުގެ ތެރެއިން ހޫނުކަން އުންސުރުއްނާރިއްޔާ އާއި ޙިލްތުތަކުގެ ތެރެއިން ހިކިކަން އަލްޔަބޫސާއާ އެކުވުމުން ހިލިގަންނަ ސިފައެކެވެ. މިސިފަ ފާޅުނުވުމަކީ ބަލީގެ އަލާމާތެކެވެ. ވަގަކު ވަދެ އަނބިދަރިން ހާރުވައި މުދާކޮޅު ލުހެލައިގެން ދާއިރު ފިރިމީހާ ދަތްދިލުވައި ހިނިއައިސް ހުރުމަކީ ކުޑަކަމެއްނޫނެވެ.ރުޅިއަންނަންޖެހޭނެއެވެ. ރުޅިއައިސްގެން ކުރާ ކަންތަކުގެ ނަތީޖާ ހާސިލުވާނެއެވެ. ބަލަންޖެހެނީ ލުއިދެވެން އޮތްތޯއެވެ.
raajje
04 December 2025
"ވަރި" މިބަސްބޭނުންކޮށްގެން ވަރިކޮށްފިނަމަ ރުޅިއައިސްގެން މޮޔަވެގެން ކޮންޓުރޯލުގެއްލިގެން ބުނިކަމުގާވިޔަސް ވާނީވަރިކުރީކަމަށް، އެކަންއެގޮތަށްނުބަލާނަމަ ވަރިކޮށްފައި ފަހުން ރުޅިމަޑުވީމާ ވަރިއެއްނުކުރަމޭބުނަންފުރުސަތިލިބޭ، މުޅިސިސްޓަމްގަޑުބަޑުވެ ދީނީގޮތުންއޮންނަ އުސޫލުތަކާހަމަތަކުގެ ހިކުމަތާ ފުށޫއަރާވާހަކައެއް ރުޅިއައިސްގެން ވަރިއޭ ބުނީމާވަރިނުވުމަކީދޯ، ރުޅިއައިސްގެން މީހަކުގައިގާޖެހީމާ ކުށަކަންވޭތަ؟ ވެގެންނުވާނެދޯ ރުޅިކޮންޓުރޯލުނުވެގެންޖެހިޔަސް
ރުޅިގުޅަ
03 December 2025
ކުރީގެ ފަނޑިޔާރު އަލީ ސަމީރުވެސް ރުޅިދުރުވެފައިންފާޑުޖަހާ
ބައިކުޅަނދު
03 December 2025
ކުރިން އެހެން ގާޒީއެއް ވިދާޅުވިހެން ތިގާޒީގެ ބޯލްޓާ ނަޓު މަދުހެން ހީވަނީ... އިންސާނުން ހަމައިން ނެއްޓިގެން ކުރާ ކަންކަމުގެ ޒިންމާވެސް ނަގަންޖެހޭނީ ހަމައެމީހަކު (ހަމަ އެކަނި އިސްތިސްނާވާނީ ނަފްސާނީގޮތުން އުނިކަމެއް ހުންނަ މީހުން) މިގޮތައް އާންމު މަސްލަހަތު ކަނޑައަޅަނީ އިންސާނުން ހަމައިން ނެއްޓިގެން ނުދިއުމަށްޓަކައި. ފަހުގެ ތިރަޢުޔުގެ ސަބަބުން ކޮންމެ ނުބައިކަމެއް ކޮށްފަވެސް އިންސާނާ އެކަމަކާ ހަވާލުނުވެ އުޒުރުވެރިވެވިދާނެ!
ވަރިތޮޅި
04 December 2025
ރުޅީގެ ސަބަބުން ކުރެވޭ ކަންތައްތަކުގައި ޒިންމާވާން ޖެހޭ ކަންކަމާ ޒިންމާ ވާން ނުޖެހޭ ކަންކަން ބައްލަވާ! ރުޅިއައިސްފައި ހުރެގެން މަރާލެވުނީ އޭ ބުނުމުން އޭގެ ޒިންމާނަގަންޖެހުމާ ނުވަތަ ނަގަން ނުޖެހުމުގެ މައްޗަށް ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަތައް ކިޔުއްވާ!
އަލީދީ
04 December 2025
އިސްލާމްދީނުގައި ހުކުމް އޮންނަނީ ބޭރުފުށާއި ނިޔަތުގެ މައްޗައްކަމަށް ވާތީ ޤާޟީ އެބުނަނީ ރަނގަޅު ވާހަކައެއް ބޯލްޓާއި ނަޓް މަދުވިއްޔެއްނޫން ކޮމެންޓް ކުރާއިރު ވިސްނަންވާނެ ތިމާއަށް ހީވާ ގޮތަކީ އެއީ އެންމެ ރަނގަޅުގޮތް ނޫން ކަމަށް
ސިކުނޑި
04 December 2025
ހަމައިން ނެއްޓޭވަރަށް ރުޅި އައުމަކީ ނަފްސާނީ މައްސަލައެއް!