ޝަމީމް، މީގެކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި: ކޯޓުން ބޭރުގައި ވަރި ނުކުރެވޭ ގޮތް ހަދަންޖެހޭ ކަމަށް ވިދާޅުވި 0 ފޮޓޯ: މިހާރު
16 ޑިސެމްބަރ 2025 - 09:31
ކޯޓުން ބޭރުގައި ކުރާ ވަރިއަކީ ވަރިއެއް ނޫން ކަމަށް ގާނޫނުގައި ކަނޑައަޅަން ޖެހޭ ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމް މިހެން ވިދާޅުވީ އަމިއްލަ ނަފުސަށް ކޮންޓްރޯލް ނޯންނަ މިންވަރަށް ރުޅި އައިސްގެން ހުރެ ކުރާ ވަރިއަކީ ވަރިއެއް ނޫން ކަމަށް ފެމެލީ ކޯޓުން ކުރި ހުކުމަކާ އެކު އުފެދުނު ބަހުސާ ގުޅޭ ގޮތުން އޭނާ ބްލޮގްގައި ލިއުއްވި ލިޔުމެއްގަ އެވެ.
ގަދަ ރުޅީގައި، ކުރެވޭ ކަންކަން ފަހުމު ނުވާ ހާލަތުގައި ކުރާ ވަރި ސައްހަ ނޫން ކަމަށް ރާއްޖޭގެ ކޯޓުތަކުން އަބަދުވެސް ކަނޑައަޅަ އެވެ. އެކަމަކު އޭގެ ނިންމުމެއް "މިހާރު" އިން ރިޕޯޓްކުރުމާ އެކު އާންމުންނާއި ދީނީ އިލްމުވެރިންނާއި ގާނޫނީ ބޭފުޅުންގެ މެދުގައި އެ މައުޟޫގައި ހޫނު ބަހުސްތަކެއް ކޮށްފައިވެ އެވެ.
މިހާރު އުސޫލު އޮންނަ ގޮތުން ކޯޓުން ބޭރުގައި ވަރިކުރުމަށް ފަހު، އެ ވަރި ސާބިތުކުރަން ކޯޓަށް ހުށަހެޅެ އެވެ. ކޯޓުން ބޭރުގައި ވަރިކޮށްފި ނަމަ، މިހާރު އޮންނަނީ ޖޫރިމަނާއެކެވެ. އަދި ކޯޓަށް ހުށަހަޅައިގެން ވަރީގެ ކަންކަން ނިންމުމުގެ ފުރުސަތު ވެސް އޮވެ އެވެ.
ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި ވަރި ސާބިތުކުރުމުގެ މައްސަލަތައް އެކި ފަނޑިޔާރުން އެކި ގޮތަށް ނިންމުމުގެ ފުރުސަތު އުފެދިފައިވާތީ، އެއީ ހައްލުކުރަންޖެހޭނެ މައްސަލައެކެވެ. އެކަން ހައްލު ކުރެވޭނީ ޝަމީމް ވިދާޅުވި ގޮތުގައި، ކޯޓުން ބޭރުގައި ކުރާ ވަރިއަކީ ވަރިއެއް ނޫންކަމަށް ގާނޫނުގައި ކަނޑައެޅައިގެންނެވެ.
"އޭރުން، ވަރި ކުރެވޭނީ މިހާރުވެސް އޮންނަ ގޮތަށް ކޯޓަށް ހުށަހަޅައިގެންނެވެ. މިހާރު އޮންނަނީ ކޯޓުން ބޭރުގައި ވަރިކޮށްފައި، ކޯޓަށް ހުށަހަޅައިގެން ވަރި ސާބިތުކުރުމެވެ. އެ ބައި، ގާނޫނުން އުވާލާނީ އެވެ. އޭރުން ކޯޓުން ބޭރުގައި ކުރެވޭ ވަރިއެއް ނޯންނާނެ އެވެ. ވަރި، ވަރިއަކަށްވާނީ ކޯޓުގައި ކުރީމަ އެވެ. ކާވެންޏާ މެދު ވެސް އަޅުގަނޑުމެން މި ތިބީ އެގޮތަށް ނިންމައިގެންނެވެ." ޝަމީމް ލިއުއްވި އެވެ.
އޭނާ އެ އިޝާރާތްކުރައްވަނީ ޝައުރީ ކޯޓެއްގައި ކުރާ ކައިވެނި ނޫނީ ބަލައިނުގަތުމަށް ގާނޫނީ ގޮތުން ކަނޑައަޅާފައިވާ ހަމައަށެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ކޯޓުން ބޭރުގައި ކައިވެނިކުރުމަކީ ބޮޑު ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލައި، ކައިވެނި އެއީ ކޯޓުގައި ކުރާ ކަމަކަށް ހަދައި އެކަމަށް އެންމެން އެއްބަސްވެފައިވާ ކަމަށެވެ. ހަމަ އެގޮތަށް، ވަރިއަކީ ބޭނުން ގޮތަކަށް، ބޭނުން ތަނަކު، ރުޅިއައިސްގެންނާއި ރުޅިނައިސް ވެސް ކުރެވޭން އޮންނަ ކަމަކަށް ހަދައިގެން ތިބުމުގައި އޮތް ހިކުމަތެއް ނުވިސްނޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ކުދިކުދި ވިޔަފާރީގެ މުއާމަލާތްތަކާއި، ކުލީގެ އެއްބަސްވުން ފަދަ، ނިސްބަތުން ނަތީޖާ ކުޑަ ކަންކަން ވެސް ކޯޓަށް ގޮސްގެން މެނުވީ ބާތިލުނުކުރެވޭ ގޮތަށް ގާނޫނީ ނިޒާމެއް ހަދައިގެން ތިބެ، ބޮޑެތި އިޖުތިމާއީ ނަތީޖާތައް ނުކުންނަ، މުޖްތަމައުގެ އަސާސްކަމުގައިވާ އާއިލާ ރޫޅާލުމަކީ އެއަށްވުރެ މާފަސޭހައިން ކުރެވޭ ކަމެއްކަމަށް ހަމަޖައްސައިގެން ތިބޭންވީ ހިކުމަތެއް ވެސް ނުވިސްނޭ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
"..ވަރީގެ ޒަރީއާއިން އާއިލާއެއް ރޫޅާލާ ނަމަ، އެ ކާވެންޏެއްގެ މަތީގައި ލިބިފައިވާ މުދަލާއި، ދަރިންގެ ކަންކަމާއި، ފްލެޓާއި ގޯއްޗާއި އެނޫން ވެސް މުދަލާ ބެހޭ ގޮތުން ކޯޓުން ގޮތެއް ނިންމާނީ އެވެ. އޭރުން ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ހައްގުތަކާއި ޒިންމާތައް ސާފުވެ، އެ މައްޗަށް، ތަންފީޒުކުރެވޭނެ ޝަރުއީ ހުކުމެއް ވެސް ލިބިފައި އޮންނާނެ އެވެ." ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ފާހަގަކުރެއްވި ގޮތުގައި އިސްލާމީ ޝަރީއަތުގެ މަގުސަދުތަކުގެ ތެރޭގައި އާއިލާ ރައްކާތެރިކޮށްދިނުން ހިމެނޭ އިރު ކައިވެނިކުރުން އެއީ ކޯޓުގައި ކުރާ ކަމެއްގެ ގޮތުގައި ހަމަޖެއްސުމުގެ ހިކުމަތާއި މަގުސަދު ގޮސް ގުޅެނީ އާއިލާ ރައްކާތެރިކޮށްދިނުމާ ކަމަށެވެ.
ހަމަ އެ މަގުސަދާއި ހިކުމަތު، ވަރީގެ ހާލަތުގައި ވެސް އެބައޮތް ކަމަށާއި އެހެންވެ ވަރީގެ ސަބަބުން ދިމާވާ އިޖުތިމާއީ، އިގުތިސާދީ އަދި ދީނީ މައްސަލަތައް ހައްލުކުރުމަށްޓަކައި، ކައިވެންޏެކޭ އެއްގޮތަށް ވަރިއަކީ ވެސް ކޯޓުގައި ނުވަތަ ދައުލަތުގެ އިދާރާއެއްގައި ރަސްމީކޮށް ރަޖިސްޓަރީކޮށްގެން ކުރެވޭ، އެ ނިޒާމުން ބޭރުގައި ރުޅިއައިސްގެންނާއި ރުޅިނައިސް ނުކުރެވޭ ކަމެއްގެ ގޮތުގައި ހަމަޖެއްސުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޝަމީމް ދެކެވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހައްޖައްތަ
16 December 2025
ރުޅިއައިސްގެން ވިޔަސްބހިނި އައިސްގެން ވިޔަސް ވަރި ކުރީ މަ ހަމަ ވަރިވާނީ.
ރާވެރިބެ
16 December 2025
ކޮމެންޓް ކުރާ ބައެއް މީހުންނަށް ހީވަނީ މީ އިސްލާމީ ގައުމެއްވީމަ ކޯޓުގަ ނޫނީ ވަރި ނުކުރެވޭނަމަ އެއީ ދީނާ ޚިލާފް ކަމެއްހެން. މިކަހަލަ މީހުން ދީން މިނަގަނީ ބައެއްކަހަލަ ކަންކަމުގަ އެކަނި. އިސްލާމް ދީނަކީ އެންމެ މާތް ދީން އަދި މުޅި ދުނިޔެ ނިމެންދެން އޮންނާނެ ދީނެއް. ވީމަ ދުނިޔެ ބަދަލުވެގެން އަންނައިރު ދިމާވާ ކަންކަމާ ދޭތެރޭ ގޮތް ނިންމަން އިލްމްވެރިންގެ ރޯލެއް އޮވޭ. ފަތުވާ މަޖިލިސްގެ ލަފަޔާ އެކީ މިބަދަލު ގެނެވޭނެ ކަމަށް ދެކެން. ވ.ސަލާމް
ކޯޓު
16 December 2025
އަޅުގަނޑު ރާއްޖޭން ބޭރުގެ ހުއްޓާ ވަރިކުރުމަށް ކޯޓަށް ހުށަހެޅުމުން ޕްރޮސެސް ދަންމާލީ 1 އަހަރު ދުވަހަށް. ޣާޒީ ބަލިވެގެންނާއި އަދި ކޯޓުގެ އެހެން އިދާރީ ކަންތަށްތަކުގެ ސަބަބުން މިހާ ދުވަހަށް ދިގުލުމުން މީގެން ދިމާވި ނަފްސާނީ، އަދި މާލީ އެއްވެސް ކަމަކަށް ކޯޓުން ޒިންމާ ވިތޯ؟ އުޅެން ބޭނުން ނުވާ ދެމީހުން ގަދަ ކަމުން ގުޅުވުމަށް އެއްވެސް ތާކުން ތާކު ނުޖެހޭ މީޑިއޭޓަރުން ލައިގެން ދިގު ދެންމުމުގެ ބޭނުމަކީ ކޮބާ؟
ކުމާރު ގޯރަވް
16 December 2025
ތީގެ ހަދަންވީގޮތަކީ ކޯޓު ނުން ތަނެއްގައި ވަރި ކޮށްފިއްޔާ 5 ލައްކަ އާއި މިލިއަނަކާދޭތެރޭ ޖުރިމައިނާއެެެއް ކޮށްފަ 1 އަހަރު ދުވަހުގެ ޖަލުހުކުމެއް އިއްވަންވީ. ދީނަކު ނޯވޭ ކޯޓުގައި ކައިވެނި ކުރާކަށްވެސް، އެހެންވީމަ މިފަދަ ބޮޑު އިޖުތިމާއީ މައްސަލައެއް ހައްލުކުރަން މިގޮތްމާ ރަގަޅުވާނެ.
ބޯހަލާކުވަރި
16 December 2025
މިހެން ހެދީމާ ފޯމްގައި ފިއްޔެއް އަކުރެއް މަދުވެގެން ވަރި ސައްހަ ނުވެދާނެ. ވަރިވެވޭނީވެސް 2-3 ފޯމް ލައިގެން އަހަރު ދެއަހަރުވާއިރު. ފިނިހަކައިގެ ސްޕީޑުގެ ކޯޓުތަކުގައި ތިކަމެއް ނުވާނެ. އަނެއްކޮޅުން ކޯޓުތަކާނުލާ ވަރިކުރާނަމަ ފިރިހެންމީހާ ވަރި ނުކުރިޔަސް ބުންޏޭ ބުންޏޭ ކިޔައިގެން ވަރިކުރާތަން ފެންނާނެ. އެކަމެއް ސާބިތުނުވެ ފެންނާނީ ފިތުނަ. އެއްފަހަރު ވަރިކޮށްފަ ބުނާނެ ތިމަންނަ ވަރި ނުކުރަމޭ. ކޯޓުތަކާ ނުލާ އެކަމެއް ސާބިތު ނުވާނެ.
އެދުރު
16 December 2025
މީ އެކަމުގެ ޙުކުމް އިސްލާމް ދީނުގައި ބަޔާންކުރައްވާފައިވާ ކަމެއް. މީ ޝަމީމަށް އެކަމުގައި ބަސްބުނެ ކުޅިވަރުކުޅެން އޮތްކަމެއް ނޫން. ވަރި އެއީ ފިރިމީހާގެ މަސްއޫލިއްޔަތެއް. ޤާޟީއާ ގުޅުން އޮތްކަމެއް ނޫން. ޤާޟީއާ ހަމައަށް ދާނީ އެކަމުގައި ޚިލާފު އުފެދިއްޖެ ނަމަ. ކޯޓުގައި ވަރި ޘާބިތުކުރުމަކީ އަދި އެހެންކަމެއް.
މުދިމު
16 December 2025
ކަލޭ ހަމަތަ, ދީނީގޮތުން ސާފު ކޮށް އޮންނަ ގޮތެއް ބަދަލު ކުރާ ޒަމާން މީ
ޕާޓޭބޮސް
16 December 2025
އަޅުގަނޑަށްފެންނަނީ ސުހާގުރާތުވެސް ކޯޓުގައޮންނަން.
ނަރީމާ
16 December 2025
ދެން މީހުން ގޭގަ ވަރިކޮށްފަވެސް އެ މާބޮޑުކަމަކަށް ނުހަދާންފަށާނީ.ވަރިކުރީ ކޯޓުގަ ނޫންވީމަ. ގޭގަވިޔަސް މަގުމަތީ ވިޔަސް ވަރިކޮށްފިއްޔާ ވަރިވާނެ. ދެން ވަރި ސާބިތު ކުރަން ކޯޓަށް ދާން މިހާރުވެސް ޖެހޭ. ދެން މިހާރަށްވުރެ ފުރިހަމަ އަށް އެކަން(ސާބިތު ކުރުން) ކުރެވެންޏާ ކުރަންވީ .
ޝާހިލްް
16 December 2025
ބަލަ ކަލޭމެން ބުއްދިއަށް ހަމަ ވިސްނޭ ކޮންމެ ގޮތަކީ އުސޫލަށާ ގާނޫނަށް ގެނެވޭނެ ބަދަލެއްކަމަށް ދެކެންޏާ ކީތްކުރަން އޮންނަ ދީނެއްތަ މީ؟ ކަލޭމެން ދީން ކިޔެވީ އެއްގަޑުންތަ؟ ތިވަރަށް ކަލޭމެންގެ ބުއްދި ތަޢައްޔަރުވެގެން ދަންޏާ ޤުރުއާނަށްވެސް ބަދަލު ގެންނާނެ.