ކައިވެނިތައް ރޫޅާލުމުގެ ކުރިން ދެމަފިރިންގެ ދެމެދު ސުލްހަކުރަން އެހީތެރިވެދޭނެ މީޑިއޭޓަރުން ތިބުމަކީ އެކަމުގެ ގިނަ ފައިދާތަކެއް ހުރި ކަމެއް ކަމަށް ވިދާޅުވެ، މީޑިއޭޓަރުންގެ ގޮތުގައި މަސައްކަތް ކުރާ އަދި އެކަމަށް ނުކުންނަން ތިބި މީހުންނަށް، އުއްތަމަ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު މިއަދު ނަސޭހަތް ދެއްވައިިފި އެވެ.
ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ޕްރޮފެޝަނަލް މީޑިއޭޓަރުން ނެތުމުން، އެ ތަންތަނަށް މީހުން ތަމްރީނު ކުރަން ހެލްތު މިނިސްޓްރީއާއި ޖުޑީޝަލް އެކަޑަމީ ގުޅިގެން ކުރިއަށް ގެންދާ "މީޑިއޭޝަން- ޓްރެއިނިން އޮފް ޓްރެއިނާސް" ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވީ ރާއްޖޭގައި ވަރި ގިނަވުމުގެ މައްސަލަ އޮތް މިންވަރުގެ ވާހަކައަކީ ދައްކަން ފަސޭހަ ވާހަަކައެއް ނޫން ކަމަށާއި އެހެން ނަމަވެސް އެއީ "ނުދައްކާ ތިބެވޭނެ ވާހަކައެއް ނޫން" ކަަމަށެވެ.
އެހެން ވިދާޅުވެ އެ މަނިކުފާނު ދެއްކެވީ ވަރިކައިވެނީގެ ތަފާސް ހިސާބުން ނޫސްތަކުގައި ލިޔެފައިވާ ހަބަރުތަކުގެ ބައެއް ސުރުހީތަކާއި ބައެއް ތަފާސް ހިސާބުތަކެވެ.
"އެނގިވަޑައިގަންނަވާނެ ރޫޅިގެންދާ ކޮންމެ ކައިވެންޏަކުން އުފަަންވެގެން އަންނަ އެތައް ބައިވަރު އިޖުތިމާއީ މައްސަަތަކެއް ހުރޭ. އަދި އޭގެ ސަބަބުން އާއިލާގެ ނަފުސާނީ ދުޅަހެޔޮކަމަށް ވަރަށް ފުން އަސަރުތަކެއް ކުރޭ. ކުރިން އެކަކު އަނެކަކާ ވަކިން ނޫޅެވޭނެ ކަމަށް ކައިވެނިވީ ދެ މީހުން ފަހުން އެއްމަގުން ހިނގާފައިދާން ވެސް ނުރުހޭ ހިސާބަށް ކައިވެނިތަކުން ނިމުން އާދޭ،" ސުރުހީތަކާއި ތަފާސް ހިސާބުތަކަށް ފަހު އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެ މަނިކުފާނު ސިފަކުރެއްވި ގޮތުގައި، އެ ރުޅިވެރިކަމާއި ނަފުރަތުގެ ވޭނުގެ އަަސަރު އެ ކަައިވެންޏާ ގުޅުންހުރި ހުރިހާ ދިމާލަކަށް ފެތުރިގެން ދެ އެވެ. އެކަމުގެ އެންމެ ބޮޑު ވޭނެއް ހިއްސާކުރަން ޖެހެނީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރޫޅިގެންދާ ކައިވެންޏަށް އުފަންވެފައި ތިބި މައުސޫމު ކުދީންނަށެވެ.
"ސަބަބަކީ ގިނަ ފަހަރަށް ވަރިއަކީ މުޅި ދިރިއުޅުމުގެ ހުރިހާ އުއްމީދެއް ފުނޑުފުނޑުކޮށްލާ ވަރުގަދަ ވޭންދެނިވި ހަތިޔާރަކަށް ވާކަން. މި ހަތިޔާރުގެ ދިލައިން ގިނަ ފަހަރު އަނދައިގެން ދަނީ ތުއްތު ދަރިފުޅަށް ލިބެންޖެހޭ ލޯތްބާއި ހިމާޔަތްތެރިކަމާއި އޯގާތެރިކަން،" ޣަނީ ވިދާޅުވި އެވެ.
އެއީ މުޅި މުޖުތަމައުން ފެންނަމުންދާ މަންޒަރެއް ކަމަށާއި މިއަދު ފެށި ތަމްރީނު ޕްރޮގްރާމަކީ އެ ހިތި ހަގީގަތާ ކުރިމަތިލައި، އެކަން ރަނގަޅު ކުރެެވޭތޯ ކުރާ މަސައްކަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީޑިއޭޝަން މުހިއްމުވާ ތިން ސަބަބެއް
ވަރިކުރުމުގެ ބަދަލުގައި ދެމަފިރިންގެ ދެމެދު ސުލްހަކުރަން، ނުވަތަ ވަރިކުރުން ނޫން ގޮތެއް ނޯންނަ ހާލަތުގައި ވެސް އެކަން ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދަން ހިންގާ މީޑިއޭޝަން ނުވަތަ "ތަހުކީމް" އަކީ ޤުރުއާނުގެ ނައްސުން އައިސްފައިވާ ވަރަށް ފުރިހަމަ ނިޒާމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެއާ އެކު އެމަނިކުފާނު ތަފްސީލު ކޮށްދެއްވީ އެ މަރުހަލާ މުހިއްމުވާ ތިން ސަބަބެކެވެ. އެއީ:
- ޝަރީއަތުގެ މަރުހަލާގައި އަބަދުވެސް ވާހަކަ ދެކެވޭނީ މާޒީގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ކަމަށް ވުމާއި ޝަރީއަތް ކުރިއަށް ދާނީ އެއް ފަރާތުން އަނެއްފަރާތަށް އިނގިލި ދިއްކުރުމުގައި ކަމަށް ވާއިރު މީޑިއޭޝަންގެ އަމާޒަކީ މާޒީއަށް ނުވުން. އެކަމުގައި އޮންނާނީ ދަރިފުޅުގެ މުސްތަގުބަލު ހިމެނޭހެން ދެ މީހުންގެ ގުޅުން ކުރިމަގުގައި އޮންނާނެ ގޮތާ މެދު މަޝްވަރާކުރުން ކަމަށް ވުން.
- ޝަރީއަތުގެ މަރުހަލާގައި އޮންނާނީ އެކަކަށް ކާމިޔާބު އަދި އަނެކަކަށް ނާކާމިޔާބުވުން ކަމަށް ވިޔަސް މީޑިއޭޝަންގެ އަމާޒަކީ ދެފަރާތް ވެސް ރުހޭ ހައްލެއް ހޯދުން ކަމަށް ވުން.
- މީޑިއޭޝަންގައި ގޮތް ނިންމާނީ އެ މައްސަލާގައި ޝާމިލުވާ ދެ މީހުން ކަމަށް ވުން.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި އެ ގޮތަށް މީޑިއޭޝަން ކުރިއަށް ގެންދިއުމުން މައިގަނޑު ދެކަމެއް ހާސިލުވެ އެވެ.
"ފުރަތަމަ ކަމަކީ ދެމަފިރިންގެ ދެމެދުގައި އުފެދިފައިވާ ދެބަސްވުންތައް ރިވެތިގޮތުގައި ހައްލުކޮށްދީ، ކުރީގެ ވަރުގަަދަ ގުޅުމަށް އެ ދެ މީހުން އިއާދަކޮށްދީ، އަލުން އާ ފެށުމަކުން ފެށުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ދެވަނަ ކަމަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކައިވެނި ރޫޅާލި ނަމަވެސް އެކުވެރިކަމާ އިހުތިރާމާ އެކު އެކަން ކުރިއަށް ގެންދިއުމެވެ. އެގޮތަށް ކައިވެނި ރޫޅާލުމުން މައިންބަފައިންގެ ތެރެއިން އެއްވެސް މީހަކާ ދަރިންނާ ދެމެދު އޮންނަ ގުޅުމަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީޑިއޭޝަންގެ އެނޫން ވެސް އެތައް ފައިދާއެއް ވިދާޅުވެ ދެއްވުމަަށް ފަހު އުއްތަމަފަނޑިޔާރު ވިދާޅުވީ މީޑިއޭޓަރުންނަށް ލިބޭނެ ހަގީގީ އުޖޫރައަކީ އެ މަސައްކަތުގެ ސަބަބުން ލިބޭ ރަނގަޅު ނަތީޖާއިން ލިބޭ ހިތްހަމަަޖެހުން ކަމަށެވެ.
"އޭގެ ސަބަބުން އެ ފަރާތްތަކަށް [މީޑިއޭޓަރުންނަށް] ލިބޭނެ ހެޔޮދުއާ، އަދި މާތްﷲގެ ހަޒުރަތުން ލިބޭނެ ހެޔޮ ތައުފީގާއި ބަރަކާތް. އެހެން ކަމުން ތިޔަ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ތިޔަ ބޭފުޅުން ތިޔަ ނުކުންނަވަނީ މުޖުތަމައުގެ އަފުރާދުންގެ ލޯބި ލިބޭނެ އަދި މާތް ﷲގެ ރަހުމަތްފުޅު އޭގައި އެކުލެވޭނެ މަސައްކަތަކަށޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މީޑިއޭޝަންގެ މަސައްކަތަކީ އެ މަނިކުފާނު ސިފަކުރެއްވި ގޮތުގައި "ގުޅުން ހީނަރުވެފައި ވަނިކޮށް، ކުލުނުގެ ފެނުން އެ ގުޅުމަށް ފެންދީ ބަދަހި އާއިލާއެއް ބިނާކޮށްދިނުމުގެ ހިތްހަމަޖެހުން" ލިބޭނެ މަސައްކަތެކެވެ. އެހެންވެ އެ މަސައްކަތުގައި އިހުލާސްތެރިކަމާ އެކު ދެމި ތިބެން އެ މަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.