ބޮންޑައި ބީޗްގައި ދިން ހަމަލާ ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައި
15 ޑިސެމްބަރ 2025 - 11:13
އޮސްޓްރޭލިއާގެ މަޝްހޫރު ބޮންޑައި ބީޗްގައި އިއްޔެ ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލި ހާދިސާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
އިއްޔެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ "ބޮންޑައި ބީޗްގައި ދިން ޓެރަރިސްޓް ހަމަލާ" ކުށްވެރިކުރާ ކަމަށާއި "ކުށެއް ނެތް އާންމުންގެ އެތައް ބަޔަކު މަރާލި އެފަދަ ފިނޑި، ރަހުމުކުޑަ އަމަލުތަކަށް އެއްވެސް މުޖުތަމައެއްގައި ޖާގަ ދީގެން ނުވާނެ" ކަމަށެވެ.
ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީ ފޮނުވައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް ރާއްޖޭން ވަނީ އެދިފަ އެވެ.
ސަރުކާރުގެ ބަޔާނުގައި ބުނީ މި އަނދަގޫ ދަނޑިވަޅުގައި ރާއްޖޭން އޮތީ އޮސްޓްރޭލިއާއާ އެކު ކަމަށާއި ޓެރަރިޒަމްގެ މިފަދަ އަމަލުތަކާ ދެކޮޅަށް ރާއްޖޭން އަބަދުވެސް ބަސް ބުނާނެ ކަމަށެވެ.
ބޮންޑައި ބީޗްގައި ބަޑިން ހަމަލާގައި މަރުވި މީހުންގެ އަދަދު 15 އަށް އަރާފަ އެވެ. ހަމަލާ ދީފައިވަނީ ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ކަމަށްވާ ހަނޫކާ ފާހަގަކުރަމުން ދަނިކޮށެވެ.
ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ހަމަލާ ދިނީ އުމުރުން 50 އަހަރުގެ މީހަކާއި އޭނާގެ 24 އަހަރުގެ ފިރިހެން ދަރިފުޅެވެ. އެ މިއީ ހުއްދަ އޮވެގެން ބަޑި ގެންގުޅޭ އޮސްޓްރޭލިއާ ބައެއް ކަމަށާއި ހަމަލާގެ ތެރޭގައި ބައްޕަ މަރުވެފައި ވާއިރު ދަރިފުޅު ވެސް ވަރަށް ބޮޑަށް ޒަހަމްވެ އޮތީ ސީރިއަސް ހާލަތެއްގަ އެވެ.
އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ. އެއީ މަރުވި އެންމެ ހައްގު ކުއްޖާ ކަމަށް ވާއިރު މަރުވި އެންމެ ދޮށީ މީހާގެ އުމުރަކީ 87 އެވެ.
އިތުރު 42 މީހަކު ޒަހަމްވެގެން ފަރުވާ ދެމުން ދާއިރު އޭގެ ތެރޭގައި ދެ ފުލުހަކު ވެސް ހިމެނެ އެވެ.
ހަމަލާދެމުން ދަނިކޮށް، ހަތިޔާރެއް ނެތް އާންމުންގެ މީހަކު ވަނީ ހަމަލާ ދިން 50 އަހަރުގެ މީހާގެ ފަހަތުން ގޮސް ބައްދައި ވައްޓާލުމަށް ފަހު އެ މީހާގެ ބަޑި އަތުލައިފަ އެވެ. މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޖެހިލުން ކުޑަ ކަންތައް ކޮށްފައިވަނީ މުސްލިމެކެވެ. އެ މީހާއަށް ވެސް ވަނީ ބަޑީގެ ވަޒަން އަރައި ޒަހަމްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
15 December 2025
ހުރިހާ ކަމަކަށް ބޯބޭނުމަށްވުރެ އެއްޗެއްނުބުނެ ހަނުހުރުން ބުއްދިވެރި ކަންކަންވެސް ހުންނާނެ.
ށސ11
15 December 2025
ޔަހޫދީންގެބަޔަކު މަރުވީ. އަދި ހަމަލާދިން އެކަކު ހުއްޓުވީ މުސްްލިމަކު ކޮބާތަ އެމެރިކާއިންނާ އިޒުރޭލުން ބޮންއަޅާ އެކިގައުމުތަކުގަ މަރާލިމީހުން.
މުސްލިމާާާ
15 December 2025
މުސްލިމެއް ގެ ޓެރަރިސްޓް ހަމަލާ އެއް!!!! އެކަމަކު މިވީ ކިހިނެތް!