އިންޑިއާގެ މެދުތެރޭގައި އޮންނަ، ޖަވާހިރު މައިންކުރާ ޕާނާ ސަރަހައްދުން ދެ އެކުވެރިއަކަށް އެ މީހުންގެ ދިރިއުޅުން މުޅި އުމުރަށް ބަދަލުކޮށްލާނެ، 55،000 ޑޮލަރުގެ ޖަވާހިރެއް ފެނިއްޖެ އެވެ.
ފަގީރު އާއިލާއަކަށް ނިސްބަތްވާ، ކުޑައިރުން ފެށިގެން އެކުވެރި ސާތިޝް ޚާތިކް އާއި ސާޖިދު މުހައްމަދަށް ޖަވާހިރު ފެނުނީ، ޕާނާ ސަރަހައްދުން ޖަވާހިރު ހޯދަން ބޭނުންވާ މީހުންނަށް ސަރުކާރުން ކުއްޔަށް ދޭ ބިމެއް ނަގައިގެން އެތަން ބެލުމުގެ ތެރޭގައި މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިންނެވެ.
އެ މީހުންނަށް ފެނުނު ސްޓޯން އެ ސިޓީގެ "ޑައިމަންޑް އިވެލުއޭޓަރު" އަށް ދެއްކުމުން އެނގުނީ އެއީ 15.34 ކެރަޓްގެ ޖެމް ކޮލިޓީ ޖަވާހިރެއް ކަމެވެ.
"މި ސްޓޯންގެ މާކެޓް އަގަކީ ގާތްގަނޑަކަށް ފަސް މިލިއަން ރުޕީސް (55،000 ޑޮލަރާއި 66،000 ޑޮލަރު). މި ޖަވާހިރު ވަރަށް އަވަހަށް ނީލަމަށް ލާނެ،" ޑައިމަންޑް އިވެލުއޭޓަރު އަނޫޕަމް ސިންގް ބީބީސީ ހިންދީ އަށް ވިދާޅުވި އެވެ.
އެ ސަރަހައްދުގައި ކޮންމެ ތިިން މަހަކު އެއް ފަހަރު ޖަވާހިރު ނީލަންކިޔުން އޮވެ އެވެ. އިންޑިއާ އާއި އެކި ގައުމުތަކުން އެތައް ބަޔަކު އެ ނީލަންތަކުގައި ބައިވެރިވެ އެވެ.
"އަގު ބިނާވަނީ ޑޮލަރުގެ ރޭޓާއި ރެޕަޕޯޓް ރިޕޯޓުގައި ކަނޑައަޅާފައިވާ މިންގަނޑުތަކުގެ މައްޗަށް،" ސިންހް ވިދާޅުވި އެވެ.
ރެޕަޕޯޓް އަކީ ޖަވާހިރާއި ގަހަނާ މާކެޓް އެނަލިސިސްގައި މިނިވަންކަމާ އެކު މަސައްކަތްކުރާ އެންމެ އިސް ކުންފުންޏެވެ.
ޖަވާހިރު ފެނުނު ދެ އެކުވެރިން ބުނީ "މި ތިބީ ވަރަށް އުފަލުން" ކަމަށާއި "ދެން ކޮއްކޮމެންގެ ކައިވެނި ވެސް ކުރެވޭނެ" ކަމަށެވެ.
އެއްގަމު މަސް ވިއްކާ ފިހާރައެއް ހިންގާ އުމުރުން 24 އަހަރުގެ ޚާތިކް އާއި މޭވާ ވިއްކާ، އުމުރުން 23 އަހަރުގެ މުހައްމަދަކީ ފަގީރު އާއިލާއަކަށް ނިސްބަތްވާ ދެ މީހުންނެވެ. އެ ދެ މީހުންގެ އާއިލާއިން ވެސް ޕާނާ އިން ބިން ކުއްޔަށް ނަގައިގެން ޖަވާހިރު ހޯދަން އެތައް މަސައްކަތެއް މީގެ ކުރިން ކޮށްފައިވެ އެވެ. އެކަމަކު އަގު ހުރި އެއްޗެއް ނުފެނެ އެވެ.
ޖަވާހިރުގެ ރިޒާވް ބޮޑަސް، އިންޑިއާގެ މަދްޔަ ޕްރަދޭޝް ސްޓޭޓްގައި އޮންނަ ޕާނާ އަކީ ފަގީރުކަމާއި، ފެނުގެ ދަތިކަމާއި، ވަޒީފާ ނެތް މީހުން ގިނަ އަދި އިންޑިއާގެ އެންމެ ފަގީރު އެއް ޑިސްޓްރިކްޓެވެ.