18 ޑިސެމްބަރ 2025 - 19:34
އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމާ ގުޅޭ އުސޫލަށް މީޑިއާތަކުގެ ހިޔާލާއި މަޝްވަރާ ހޯދަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް ފަށާފައިވަނީ، މީޑިއާތަކަށް ފައިސާ ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ޔޫތު މިނިސްޓްރީ އާއި އެމްއެމްބީސީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމާއެކު އެވެ.
މިނިސްޓްރީން ބުނީ، މި އެމްއޯޔޫއަކީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ނޫސްވެރިކަމަށް ވަކި އިންސައްތައެއް ދައުލަތުގެ ބަޖެޓުން ކަނޑައެޅުމާ ގުޅިގެން، އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ގުޅޭ ކަންކަން، ހަމަހަމަ ކަމާއެކު ދެފުށް ފެންނަ އިންސާފުވެރި ނިޒާމަކުން ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ އެމްއޯޔޫއެކެވެ. އަދި މި އެމްއޯޔޫގެ މަގުސަދަކީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށްދޭ މާލީ އެހީތެރިން ކުރިއަށް ގެންދިއުމުގެ އެންމެހާ ކަންކަން އެމްއެމްބީސީން ކުރިއަށް ގެންދިއުމަށް ހަވާލުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މި އެމްއޯޔޫގެ ދަށުން މާލީ އެހީ ލިބޭ އަމިއްލަ މީޑިއާތަކާއި ފައިސާގެ ތަފުސީލު އެމްއެމްބީސީން ހިއްސާކުރުމާއެކު އެ ފައިސާ، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް މީޑިއާތަކަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އޭގެފަހުން، އެމްއެމްބީސީން ކުރި އިއުލާނެއްގައި ބުނީ، ޔޫތު މިނިސްޓްރީން ކުރިން އެކުލަވާލާފައިވާ އުސޫލު މުރާޖައާކުރުމުގެ މަސައްކަތުގެ ތެރެއިން، މީޑިއާތަކަށް އީމެއިލް މެދުވެރިކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި އުސޫލަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް އަންނަ ހޮނިހިރު ދުވަހުގެ މެނދުރު 2:00 ތާވަލުކޮށް، މީޑިއާތަކަށް ދައުވަތު އަރުވާކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ޔޫތު މިނިސްޓްރީން ނިންމި ގޮތާ މެދު ޝަކުވާ ބޮޑުވުމުން، އެ ނިންމުން ބާތިލްކޮށް، އެ މަސައްކަތް މިދިޔަ އޮކްޓޯބަރު މަހު ވަނީ މީޑިއާ ކޮމިޝަނާ ހަވާލުކޮށްފަ އެވެ. އެ ނިންމުން އައީ ބައެއް މީޑިއާތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ހިސާބަށް ޝަކުވާތައް ގެންދިއުމާ އެކު އެވެ. މީޑިއާތަކަށް ދޫކުރާ މާލީ އެހީއަށް އެދެން ޔޫތު މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތަކާއި އެ މީޑިއާތަކަށް ފައިސާ ދޫކުރާނެ އަދަދުތައް ވަކިން އެނގޭ ގޮތަށް އާންމުކުރި އެވެ. ޔޫތު މިނިސްޓްރީން އެ ލިސްޓު އާންމުކުރުމާ އެކު، ބައެއް މީޑިއާތަކުންނާއި އާންމުން ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ. މަސްލަހަތު ފުށުއަރާ ގޮތަށް މީޑިއާތަކަށް ފައިސާ ދޭން ނިންމާފައިވުމާއި އިންސާފުވެރި އުސޫލެއް ނެތި ފައިސާ ދޫކުރަން ނިންމާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި އެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިމިވަނީ، މި މަސް ނިމުމުގެ ކުރިން މީޑިއާތަކަށް ފައިސާ ދޫކުރަން، ރައީސް އޮފީހުން ޔޫތު މިނިސްޓްރީއަށް އަންގާފައިވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޥާމީލް
18 December 2025
ހަމައެކަނި ރިޕޯޓަރުންނަށާ، މީޑިއާ ތަކާ ސިޔާސީ ޕާޓީތަކާ މަސްވެރިންނަށް ކުލަބު ތަކަށް އެކަނި ބާ ސަބްސިޑީ ދޭން ޖެހެނީ…