ރަޖިސްޓަރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 39 މީޑިއާއަކަށް 28.2 މިލިއަން ރުފިޔާ ދޫކުރަން ކަނޑައަޅައި މިއަދު އިއުލާނުކޮށްފި އެވެ.

މީޑިއާތަކަށް ދޫކުރާ އެހީއަށް އެދެން މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވީ 41 މީޑިއާއެކެވެ. ނަމަވެސް، މީޑިއާ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެހީއަށް އެދުމުގެ އެންމެ ފަހު މަރުހަލާ ފުރިހަމަކުރީ 39 މީޑިއާއެއް ކަމަށެވެ.

މީޑިއާ ކޮމިޝަނުން ބުނީ 39 މީޑިއާއަކަށް މާލީ އެހީގެ ގޮތުގައި ދޭ އަދަދު މީޑިއާ އެޕްގެ ޕޯޓަލް އިން އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ. އަދި އެ މައުލޫމާތު ޔޫތު މިނިސްޓްރީއާ ހިއްސާކޮށްފައި ވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ބައެއް މީޑީއާތަކަށް ލިބޭ އަދަދުތައް

• ސަންގު އޮންލައިން: 1.1 މިލިއަން ރުފިޔާ

• ސަން އޮންލައިން: 1.1 މިލިއަން ރުފިޔާ

• ވީނިއުސް: 997,915ރ.

• އައިސް ޓީވީ: 908,358ރ.

• ދިވެހި ޗެނަލް: 876,374ރ.

• މިހާރު އޮންލައިން: 793,214ރ.

• ވަގުތު އޮންލައިން: 754,833ރ.

• ވަން އޮންލައިން: 710,055ރ.

• ދައުރު އޮންލައިން: 697,261ރ.

• ކޯޕަރޭޓް މޯލްޑިވްސް މެގަޒިން: 690,864ރ.

• ދަ އެޑިޝަން: 633,292.18ރ.

މާލީ އެހީއަށް އެދުމަށް ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ދެ މީޑިއާއަކުން ފުރިހަމަކޮށްފައި ނުވާތީ، ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެ ފައިސާ އެ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޔޫތު މިނިސްޓްރީގައި އެދިފައި ވާނެ ކަމަށް މީޑިއާ ކޮމިޝަނުން ބުންޏެވެ.

އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދޫކުރާނީ ޔޫތު މިނިސްޓްރީ އާއި މީޑިއާ ކޮމިޝަނާ ދެމެދުގައި އެއްބަސްވެފައިވާ ގޮތަށް، އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކުގެ މައުލޫމާތު ކޮމިޝަނުން ޔޫތު މިނިސްްޓްރީއާ ހިއްސާކުރުމުން، އެ މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުން ކަމަށް ނޫސްބަޔާނުގައި ބުންޏެވެ.

އެ އެހީއަކީ މި އަހަރުގެ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދިނުމަށް ކަނޑައަޅާފައިވާ އެހީއަކަށް ވާތީ، ކޮމިޝަނުގެ މަގުސަދަކީ މި އަހަރު ނިމުމުގެ ކުރިން މީޑިއާތަކަށް ފައިސާ ލިބުން ކަމަށް މީޑިއާ ކޮމިޝަނުން ބުންޏެވެ.