ދެކުނު ކޮރެއާގެ ޑްރާމާތަކުގައި މަޝްހޫރު ތަރިން ކަމަށްވާ ކިމް ވޫ ބިން އާއި ޝިން މިން އާ އިއްޔެ ކައިވެނިކޮށްފި އެވެ.

"ދަ ކޮރިއަން ޓައިމްސް"ގައި ބުނީ އެ ކައިވެނީގެ ހަފުލާ ބޭއްވީ ކޮރެއާގެ ވެރިރަށް ސޯލްގެ ހޮޓެލްއެއްގައި ކަމަށެވެ. ދެ ފަރާތުގެ އާއިލާ އާއި ގާތް ރައްޓެހިން ވެސް އެ ހަފުލާގައި ބައިވެރިވި ކަމަށް އެ ނޫހުގައި ބުންޏެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 10 އަހަރު ފަހުން އެ ދެ ތަރިން ކައިވެނިކުރަން ނިންމިކަން އިއުލާންކުރީ އެމީހުންގެ އެޖެންސީ އޭއެމް އެންޓަޓެއިންމަންޓް އިން މިދިޔަ މަހު ނެރުނު ބަޔާނެއްގަ އެވެ.

ޝިން މިން އާ އާއި ކިމް ވޫ ބިން އެންމެ ފުރަތަމަ ބައްދަލުވީ 2015 ވަނަ އަހަރު އިޝްތިހާރެއްގެ މަސައްކަތް ކުރަނިކޮށެވެ. އަދި އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ އެމީހުން ލޯބީގެ ގޮތުން ގުޅި، އެ ގުޅުން އޮންނަކަން ހާމަކުރި އެވެ.

އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން މީޑިއާއަށް މާ ބޮޑަށް ހާމަ ނުކުރި ނަމަވެސް، 2017 ވަނަ އަހަރު ކިމް ވޫ ބިން ނޭފަތުގެ ކެންސަރާ ހަނގުރާމަ ކުރި ދުވަސްވަރު، އޭނާގެ އެންމެ ބޮޑު ސަޕޯޓަކަށް ޝިން މިން އާ ހުރުމުން މީޑިއާގެ ސަމާލުކަން އެކަމަށް ވަރަށް ބޮޑަށް ލިބުނެވެ.

ޝިން މިން އާ އަކީ ވަރަށް ބޮޑު އިންޓަނޭޝަނަލް ފޭން ބޭސްއެއް އޮތް ކޮރެއާގެ އެކްޓްރެސްއެކެވެ. އޭނާ ކުޅުނު ޑްރާމާތައް ކަމަށްވާ "އަ ލަވް ޓު ކިލް" އާއި "މައި ގާލްފްރެންޑް އިޒް އަ ގުމިހޯ" އަދި "އޯ މައި ވީނަސް"އަކީ ވަރަށް މަޝްހޫރުވި މަސައްކަތްތަކެކެވެ.

ނެޓްފްލިކްސް އިން 2021 ވަނަ އަހަރު ގެނެސްދިން، ޝިން މިން އާ ލީޑް ރޯލު ކުޅުނު ޑްރާމާ "ހޯމްޓައުން ޗާ-ޗާ-ޗާ"އަކީ ގްލޯބަލް ހިޓެކެވެ. އޭނާ އެންމެފަހުން ކުޅުނު ޑްރާމާއަކީ މިދިޔަ އަހަރު ގެނެސްދިން "ނޯ ގެއިން ނޯ ލަވް" އެވެ. އަދި ޑިޒްނީ ޕްލަސް އިން އަންނަ އަހަރު ގެނެސްދޭ ޑްރާމާ "ދަ ރީމެރިޑް އެމްޕްރެސް އޭޒް އެމްޕްރެސް ނަވީއާ"ގައި ވެސް އޭނާ އުޅެ އެވެ.

ކިމް ވޫ ބިންގެ މަޝްހޫރު ޑްރާމާތަކުގެ ތެރޭގައި "ދަ ހެއާސް" އާއި "އަންކޮންޓްރޯލެބަލީ ފޮންޑް"ގެ އިތުރުން "އެލިނޯއިޑް"ގެ ފިލްމުތައް ހިމެނެ އެވެ. އޭނާ އެންމެފަހުން ފެނުނީ މިދިޔަ މަހު ނެޓްފްލިކްސް އިން ގެނެސްދިން ޑްރާމާ "ޖީނީ، މޭކް އަ ވިޝް" އިންނެވެ. އެ ޑްރާމާ ވަރަށް މަޝްހޫރުވި އެވެ.