ރާއްޖޭގެ ހުރިހާ އަތޮޅަކުން 93 ޒުވާނުން ބައިވެރިވާ "ނެޝަނަލް ޔޫތު ކޮންފަރެންސް 2025" މިއަދު ފަށައިފި އެވެ.
އެ ރަސްމިއްޔާތު ފައްޓަވައިދެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުން އިސްނަގައިގެން ގައުމީ ފެންވަރެއްގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކަކުން ޒުވާނުން ގެނެސް ޒުވާނުންނަށް ގައުމުގައި ފާހަގަކުރެވޭ ކަންކަމަށް އެއް ތަނެއްގައި ތިބެ މަޝްވަރާކުރުމުގެ ފުރުސަތު ލިބުމަކީ ގައުމުގައި ފާހަގަ ކޮށްލަން ޖެހޭ ފަދަ ދުވަހެއް ކަމަށެވެ.
ޔޫތު ހަބުގައި މިއަދާއި މާދަމާ ކުރިއަށް ގެންދާ އެ ކޮންފަރެންސްގައި ހަ ދާއިރާއަކުން ވޯކްޝޮޕްތައް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.
މި އަހަރުގެ ޔޫތު ކޮންފަރެންސްގެ އަމާޒަކީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލައި، އެ ކަންބޮޑުވުންތަކަށް ވަށައި ޖެހޭ ހައްލެއް ހޯދުމާއި، ޒުވާނުންގެ ގައުމީ ސިޔާސަތެއް އުކުލަވާލަން ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތް ކޮށްދިނުމެވެ.
ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ރެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އެ ރަސްމިއްޔާތުގައި ކޮންފަރެންސްގެ ބައިވެރިން ހުށަހަޅާ ޕްރެޒެންޓޭޝަންތައް، ރައީސްގެ ކުރިފުޅުމަތީގައި ހުށަހަޅާނެ އެވެ.