މި ސަރުކާރުން އަބަދުވެސް ދެމިއޮންނާނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ބާރަކީ ޒުވާނުން ކަމަށެވެ.
ޒުވާނުންގެ އުފެއްދުންތެރިކަމާއި ސާބިތުކަމާއި ކަންކަން ހާސިލުކުރުމަށް ޒުވާނުންގެ ކިބައިގައިވާ އަޒުމަކީ މުޖުތަމައު އާއި މުޅި ގައުމު ބިނާކުރުމަށް މުހިންމު ދައުރެއް އަދާކުރާ ކަންތައްތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އާބާދީގެ 45 ޕަސެންޓަކީ ޒުވާނުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ޒުވާނުންގެ އުންމީދުތައް ގުޅިފައިވަނީ މި ގައުމުގެ ކުރިމަގާ ކަމަސެވެ. އަދި މި ސަރުކާރު އަބަދުވެސް އޮންނާނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި ކަމަށް ވިދާޅުވި އެވެ.
"މި ސަރުކާރުން އަބަދު ވެސް ދެމިއޮންނާނީ ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތުތަކާއި، ހުނަރު ތަރައްގީކުރުމުގެ ފުރުސަތުތަކުގެ އިތުރުން، މާނަހުރި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތުގައި،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން، "ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" އާއި "ނޭޝަނަލް ސާވިސް ޕްރޮގްރާމް" ފަދަ ޕްރޮގްރާމްތަކުން، ތައުލީމީ މަރުހަލާ ނިންމުމަށް ފަހު ވަޒީފާގެ މައިދާނަށް ނުކުތުމަށް ހުރި މަގުތައް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ދިވެހި ޒުވާނުންގެ އަތްމަތީގައި ރާއްޖޭގެ މިއަދާއި މާދަމާގެ ކުރިމަގު ފެންނަނީ ފާގަތި، ބަދަހި އަދި ދެމެހެއްޓެނިވި ތަރައްގީގެ މަތީގައި ބިނާވެފައިވާ ތަނެއްގެ ގޮތުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.