ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ދާއިރާއަކުން ޒުވާނަކު އިންތިހާބު ކޮށްގެން ޒުވާނުންގެ މަޖިލީހެއް އެކުލަވާލަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ. 

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ އާއި ހިންގުމުގެ ނިޒާމު ހަރުދަނާކުރާއި ވެސް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

އެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ތަނުގައި ޒުވާނުންގެ މަޖިލިސް ނުވަތަ ޔޫތު ޕާލަމަންޓް ގާއިމުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ހާމަކުރެއްވި ގޮތުގައި ޒުވާނުންގެ މަޖިލިސް އެކުލެވޭނީ ޒުވާނުންގެ މެދުގައި ބާއްވާ އިންތިހާބަކުން ހޮވޭ މެންބަރުންގެ މައްޗަށެވެ. 

"...އެކަމުގެ ތަފްސީލުތައް، ކުރިއަށް އޮތް ތާނގައި އިއުލާނު ކުރެވިގެންދާނެ. އާދެ، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތައް ހިމެނޭ ގޮތަށް، ޒުވާނުންގެ ތެރެއިން އިންތިހާބު ކުރެވިގެންދާ ޒުވާނުން ހިމެނޭގޮތަށް ޒުވާނުންގެ މަޖިލީހެއް ގާއިމުކުރުން،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް އެކުވާލާފައިވާ ގޮތަށް ބަލައި، ޒުވާނުންނާއި އަންހެނުންނަށް ވަކި ޕަސެންޓެއް ކަނޑައަޅަން ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

"މިފަދަ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަޖިލީހަށް ހުށަހަޅާނަން،" ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ވިސްނުމަކީ ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 10 ޕަސެންޓު ޒުވާނުންނަށް ހާއްސަކޮށް އަނެއް 10 ޕަސެންޓު އަންހެންނަށް ހާއްސަ ކުރުން ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ. މިވަގުތު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ ތިން އަންހެން މެންބަރުންނެވެ. 

ރައީސް މުއިއްޒު ވަނީ އެ މަނިކުފާނަށް ލަފާދޭ ހާއްސަ މަޝްވަރާ މަޖިލީހަކާއި ލަފާދޭ ގައުމީ މަޖިލީހެއް އެކުލަވާލަން ވެސް ނިންމަވައިފަ އެވެ. 

ހާއްސަ މަޝްވަރާ މަޖިލީހަކީ ދައުލަތުގެ އެކި އިއްޒަތްތައް ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ތެރެއިން އެކުލަވާލާ މަޖިލީހެކެވެ. 

ގައުމީ މަޖިލީހަކީ އެކިއެކި ފަންނުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުން ހިމެނޭ ގޮތަށް އެކުލަވާލާ މަޖިލީހެކެވެ. 

މީގެ ބޭނުމަކީ ރައީސް ވިދާޅުވި ގޮތުގައި ގައުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި މަޝްވަރާ ހުށަހެޅުމެވެ.  ކުރިއަށް އޮތް ތިން މަސް ތެރޭގައި ދެ މަޖިލިސް ވެސް އުފެދޭނެ ކަމަށް އެ މަނިކުފާނު އިއްޔެ ވިދާޅުވި އެވެ.