މިދިޔަ މަހު ތޫފާން ދީތުވާގެ ސަބަބުން ސްރީ ލަންކާގެ އިމާރާތްތަކާއި ދަނޑުވެރިކަމާއި އަސާސީ އިންފްރާސްޓްރަކްޗާއަށް ލިބުނު މާއްދީ ގެއްލުމުގެ އަގު 4.1 ބިލިއަން ޑޮލަރަށް އަރާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ލަންކާއަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު އެއް ގުދުރަތީ ކާރިސާގައި 640 އަށް ވުރެ ގިނަ މީހުން މަރުވެ، އާބާދީގެ 10 ޕަސެންޓަށް ވުރެ ގިނަ މީހުންނަށް ވަނީ އެކި ގޮތް ގޮތުން ގެއްލުން ވެފަ އެވެ. މި ތޫފާނުގެ ސަބަބުން ބައެއް ހިސާބުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާތައް ވަނީ ހިނގައިފަ އެވެ.

ވޯލްޑް ބޭންކުން އިއްޔެ ނެރުނު ރިޕޯޓްގައި، މި ގެއްލުންތަކުގެ އަގު ކަމަށް އަންދާޒާކޮށްފައިވާ 4.1 ބިލިއަން ޑޮލަރަކީ ލަންކާގެ ގައުމީ އުފެއްދުންތެރިކަމުގެ ގާތްގަނޑަކަށް ހަތަރު ޕަސެންޓެވެ.

ވޯލްޑް ބޭންކުގެ ގްލޯބަލް ރެޕިޑް ޕޯސްޓް-ޑިޒާސްޓާ ޑެމޭޖް އެސްޓިމޭޝަން (ގްރޭޑް) ރިޕޯޓުގައިވާ ގޮތުން މި ގެއްލުންގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މަގުތަކާއި، ބްރިޖްތަކާއި، ރޭލްވޭ އަދި ފެން ސަޕްލައި ނެޓްވޯކް ފަދަ އިންފްރާސްޓްރަކްޗާ އަށެވެ. އެއީ ޖުމްލަ، 1.735 ބިލިއަން ޑޮލަރެވެ.

ގެދޮރަށް ވެފައިވާ ގެއްލުން، ޖުމްލަ ގެއްލުމުގެ 24 ޕަސެންޓް ހިއްސާކުރާ ކަމަށާއި އެ ގެއްލުންތަކުގެ އަގު 985 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވެ އެވެ.

މި އަންދާޒާގައި ބަލާފައިވަނީ ހަމައެކަނި މާއްދީ ގެއްލުމަށެވެ. އާމްދަނީ އާއި އުފެއްދުންތެރިކަމާއި ރިކަވަރީ އަދި ރީކޮންސްޓްރަކްޝަންގެ ފުރިހަމަ ހަރަދެއް މީގެ ތެރެއަކު ނުހިމެނެ އެވެ.

މީގެ އިތުރުން ސްކޫލުތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި، ވިޔަފާރިތަކާއި، ބޮޑެތި ކޯރުތަކާއި ކޯރުތަކުގެ އައްސޭރިފަށުގައި ހުންނަ އިންޑަސްޓްރިއަލް ފެސިލިޓީތަކާއި ފެކްޓަރީތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ލަންކާ ސަރުކާރުން ވަނީ ވޯލްޑް ބޭންކުން ލަންކާގައި ހިންގާ އެހެން ޕްރޮޖެކްޓެއްގެ ތެރެއިން، ތޫފާނުގެ ގެއްލުމުން އަރައިގަތުމުގެ އެހީގެ ގޮތުގައި 120 މިލިއަން ޑޮލަރު ހޯދައިފަ އެވެ. އަދި ބަނގުރޫޓުވުމުގެ ސަބަބުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން 2.9 ބިލިއަން ޑޮލަރުގެ ބެއިލްއަޓް ނަގާފައިވާ އެ ގައުމުން ވަނީ އިތުރު 206 މިލިއަން ޑޮލަރު އިމަޖެންސީގެ ގޮތުގައި އެ އިދާރާއިން ހޯދައިފަ އެވެ. -- އޭއެފްޕީ