ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އިންޑިއާއިން 450 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހު އެރި ތޫފާނުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ލަންކާއިން 640 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު ހަތަރު ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފަ އެވެ. މިއީ އެ ގައުމުގެ ޖީޑީޕީގެ ހަތަރު ޕަސެންޓެވެ.

ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސާނަޔަކަ ވިދާޅުވެފައިވާ ގޮތުގައި އެ ތޫފާނަކީ އެ ގައުމުގެ ތާރީހުގައި މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާ އެވެ.

ޖައިޝަންކަރު ލަންކާއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުގައި، ކޮލަމްބޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ލަންކާ އަލުން އާރާސްތުކުރުމަށް 450 މިލިއަން ޑޮލަރުގެ ޕެކޭޖެއް ދިނުމަށް ވައުދުވެވަޑައިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޮނުއްވި ސިޓީއެއް ލަންކާގެ ރައީސަށް އަރުވާފައިވާ ކަމަށެވެ.

މި އެހީގައި ހިމެނެނީ 350 މިލިއަން ޑޮލަރުގެ "ކޮންސެޝަނަލް ލައިން އޮފް ކްރެޑިޓް" އާއި 100 މިލިއަން ޑޮލަރު ހިލޭ އެހީ އެވެ.

ޖައިޝަންކަރު ވަނީ އިންޑިއާއިން 1،100 ޓަނުގެ ރިލީފް ސަޕްލައި އާއި ބޭހާއި އެހެނިހެން ޒަރޫރީ ސާމާނު ވެސް ލަންކާއަށް ހަދިޔާކުރިކަން ފާހަގަކުރައްވައިފަ އެވެ.

"ގެއްލުން ލިބުނު މިންވަރަށް ބަލާއިރު، [މަގުތައް އަލުން ހަދައި] ކަނެކްޓިވިޓީ ގާއިމް ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ،" ޕޯޓަބަލް ބްރިޖްތައް ފޯރުކޮށްދިނުމުގައި އިންޑިއާގެ އަސްކަރިއްޔާއިން ދޭ އެހީ ތަފްސީލްކޮށްދެއްވަމުން އޭނާ ވިދާޅުވި އެވެ.

ޖައިޝަންކަރު ވިދާޅުވީ ގެއްލުން ކުޑަކުރުމަށް އިންޑިއާއިން އެހެން ގޮތް ގޮތުން ވެސް މަސައްކަތްކުރާނެ ކަމަށާއި އޭގެތެރޭގައި އިންޑިއާގެ ޓޫރިސްޓުން އިތުރުކުރުމަށް ވެސް މަސައްކަތްކުރާނެ ކަމަށެވެ.

"ހަމަ އެހެން، އިންޑިއާއިން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އިތުރުވުމަކީ މި ނާޒުކު ދަނޑިވަޅުގައި އިގްތިސާދު ކުރިއެރުވޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ލަންކާއަށް ތޫފާން އެރީ ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ ޒަރޫރީ އިމްޕޯޓްތަކަށް ދައްކަން ބޭނުންވާ ބޭރު ފައިސާ ހުސްވެ، 2022 ވަނަ އަހަރު ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް މަސައްކަތްކުރާ ވަގުތެއްގަ އެވެ. -- އޭއެފްޕީ