މާލެ އަތޮޅުގައި ހިންގާ ފަޅު ހިއްކުމާއި ފުންކުރުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށާއި ދޫކޮށްފައިވާ ހުއްދައާ ހިލާފަށް އެ މަސައްކަތްކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ރޭ ދީފި އެވެ.
އެ އިދާރާ އިން ބުނީ އެ އޮތޯރިޓީގެ ހުއްދަ ލިބިގެން މާލެ އަތޮޅުގައި ހިންގާ ފަޅު ހިއްކުމާއި ފުންކުރުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
އޭގެ ތެރޭގައި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެއް ނެތި މަސައްކަތް ކުރުމާއި ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުގެ ބޭރުން ވެލި ނެގުމާއި މޫސުން ގޯސްވެ، މޫސުމާ ބެހޭ އިދާރާ އިން ޔެލޯ އެލާޓް ނެރެފައިވާ ދުވަސްތަކުގައި ވެސް މަސައްކަތް ކުރަމުން ދިއުން ފަދަ ޝަކުވާތައް އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށް ބުންޏެވެ.
އެ ޝަކުވާތަކާ ގުޅިގެން އެ ކަންކަން ބަލައި މަޝްރޫއުތައް މޮނިޓާ ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެެ.
"މި އޮތޯރިޓީއަށް ހުށަހެޅިފައިވާ މިފަދަ ޝަކުވާތަކާ ގުޅިގެން، މިހާރު މިދަނީ އެކަންކަން ބަލައި، މަޝްރޫއުތައް މޮނިޓާ ކުރަމުންނެވެ. އަދި ހުއްދަތަކާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،" އީއާރުއޭ އިން ނެރުނު އިއުލާނުގައިވެ އެވެ.
އީއާރުއޭ އިން ވަނީ މަޝްރޫއުތައް ހިންގާ ފަރާތްތަކުން އެ އޮތޯރިޓީން ފާސްކޮށްފައިވާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) އާއި ދޫކޮށްފައިވާ އެހެން ހުއްދަތަކާ އެއްގޮތަށް މަސައްކަތްކުރުމަށް އިލްތިމާސް ކޮށްފަ އެވެ.
އެގޮތަށް އީއާރުއޭ އިން އެންގިއިރު މިދުވަސްވަރު އަންނަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅިގެން ހުޅުމާލެ 3 ހިއްކުމާއި ރަސްމާލެ ފަދަ ތަންތަން ހިއްކުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެކަމަކު ދޫކޮށްފައިވާ ހުއްދަތަކާ ހިލާފަށް މަސައްކަތް ކުރަމުން ދަނީ ކޮން ބައެއްކަމެއް އީއާރުއޭ އަކުން ހާމައެއް ނުކުރެ އެވެ.
ސަރުކާރުން ބުނެފައި ވަނީ އެ ތަންތަން ހިއްކަމުން އަންނަނީ އީއައިއޭއާ އެއްގޮތަށް ކަމަށެވެ.