ވ. އަތޮޅުގައި އޮންނަ ނޫއީ މޯލްޑިވްސް ކުނާވަށި ރިސޯޓްގައި ސީޕްލޭން ޕްލެޓްފޯމް އެޅުމުގައި އެންވަޔަރްމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ ގަވާއިދާ ހިލާފުވެފައިވާތީ އެ ރިސޯޓް ހިންގާ ކުންފުނި 20،000ރ. އިން ޖޫރިމަނާކޮށްފި އެވެ. 

އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ނުވަތަ އީއައިއޭއާ ހެދުމާ ބެހޭ ގަވާއިދުގައި ނުހިމެނޭ މަޝްރޫއުތަކުގެ ތެރެއިން ތިމާވެއްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއްކޮށްފާނެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން އެ އޮތޯރިޓީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

ނަމަވެސް، އެ އޮތޯރިޓީގެ ހުއްދަ ލިބުމުގެ ކުރިން، އީއައިއޭ މަރުހަލާތައް ފުރިހަމަނުކޮށް ކުނަވަށީގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތްތައް އެ ރިސޯޓް ހިންގާ ޗައިނާގެ ކުންފުނި ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންގޮސްފައިވާ ކަމަށް އީއާރުއޭގެ ބަޔާނުގައި ބުންޏެވެ.

އެހެންވެ، އީއައިއޭގެ ގަވާއިދާ ހިލާފުވެފައިވާތީ، އަދި އެއީ އެ ކުށްކުރި ފުރަތަމަ ފަހަރު ކަމަށް ވާތީ 20،000ރ. އިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށް އީއާރުއޭ އިން ބުންޏެވެ. 

އީއާރުއޭ އިން ވަނީ އެ ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ދެއްކުމަށް އެ ކުންފުންޏަށް އަންގައިފަ އެވެ.

މީގެ އިތުރުން ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތްތައް އީއައިއޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުހަލާތައް ފުރިހަމަ ކުރުމަށްފަހު ނޫނީ ކުރިޔަށް ނުގެންދިއުމަށް އެ ކުންފުންޏަށް ނަސޭހަތްތެރިވެފައިވެފައިވާ ކަމަށް ވެސް އީއާރުއޭ އިން ބުންޏެވެ.