ރިޕޯޓް / އީޕީއޭ

އީޕީއޭ އަށް ހަގީގީ މިނިވަންކަމެއް ލިބޭނެ ބާ؟

މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި "ތާރީޚުގެ ތެރެއިން ތިމާވެށީގެ ވަޒީރުން" ޖަލްސާ އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (ކ) ވަޑައިގަތުމުން އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން މަރުހަބާ ދަންނަވަނީ: އީޕީއޭ މިނިވަންކުރުމަކީ ސަރުކާރުގެ ވައުދެއް. ފޮޓޯ: ރައީސް އޮފީސް

ވެރިކަމަށް އައި އިރު ސަރުކާރުން ގަބޫލުކުރި ގޮތުގައި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) މިނިވަންކުރަން ޖެހެ އެވެ.

ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް)ގައި އޮތް ގޮތަށް މި އަހަރުގެ ނިޔަލަށް އެ ވައުދު ފުއްދަވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެން އޮތީ ދޮޅު މަހެވެ. ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ އެ މުއްދަތުގައި އީޕީއޭ މިނިވަންކުރެވޭނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. އެކަމަކު އެ ބަދަލު ގެންނަ އިރު، ސަރުކާރުން ވައުދުވި ފަދަ ފުރިހަމަ އިޚްތިޔާރާއި ބާރު އީޕީއޭ އަށް ލިބިގެންދާނެތޯ ސުވާލު އުފެދޭ ފަދަ ކަންތައްތަކެއް އެބަ ހުއްޓެވެ.

އެންވަޔަރްމެންޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އީޕީއޭ މިނިވަންކުރުމާ މެދު ސަރުކާރުގެ ތެރޭގައި ދެކޮޅުހެދުންތަކެއް ހުރިކަން މިދިޔަ އަހަރުގެ މެދު ތެރޭ ރައީސް ދެއްކެވި ވާހަކަފުޅަކުން ދޭހަވެ އެވެ. ތިމާވެށީގެ ވަޒީރުންގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި އީޕީއޭ މިނިވަން ނުކުރެވި އޮތީ ވަރަށް ގިނަ ސަބަބުތަކާ ހެދި އެވެ. އޭގެ ތެރޭގައި، "އެކިއެކި މިނިސްޓްރީތަކުގެ ތެރޭގައި އޮންނަ ވާދަވެރިކަމާއި ދޫނުކުރުމާއި އަދި އެންވަޔަރްމެންޓް މިނިސްޓްރީގައި ވެސް އޮތް ބާރުތައް ހިފެހެއްޓުން ވެސް އެބަ އޮތް" ކަމަށް ރައީސް ވިދާޅުވި އެވެ.

މިނިސްޓްރީގެ ހުށަހެޅުން: ގާނޫނަށް އިސްލާހެއް

ޑިސެމްބަރު 2008ގައި ރައީސް މުހައްމަދު ނަޝީދުގެ ގަރާރަކުން އުފެއްދެވި އީޕީއޭ އިން ކުރަނީ އެންވަޔަރްމެންޓް މިނިސްޓްރީން ހަވާލުކޮށްފައި ހުންނަ މަސައްކަތްތަކެވެ. ތަންފީޒުކުރަނީ މިނިސްޓްރީން ހަދާފައި ދޭ ގަވާއިދުތަކެވެ. ގަވާއިދުތައް ހެދުމުގައި އެކި ސަރުކާރުތަކުން އެކި ކަންކަމުގައި އެކި މިންވަރަށް އީޕީއޭގެ މަޝްވަރާ އާއި ބައިވެރިވުން ހޯދަ އެވެ. ދުވަހުން ދުވަހަށް އީޕީއޭ ހިންގުމުގެ ތެރެއަށް މިނިސްޓަރު ވަދެ ނޫޅުނަސް ނިންމުންތަކަށް ފަހު ބަސް ބުނުމުގެ ބާރު މިނިސްޓަރަށް އޮވެ އެވެ. އީޕީއޭ މިނިވަންކުރުން މާނަކުރެވެނީ މިކަން ބަދަލުކުރުމަށެވެ.

އީޕީއޭ މިނިވަންކުރަން އެ އޭޖެންސީން ލަފާދީފައި ވަނީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ވަކި ގާނޫނެއް ހަދައިގެންނެވެ. އެގޮތުން، އޮޑިޓަ ޖެނެރަލްގެ އޮފީހާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އުފައްދާފައިވާ ގޮތާއި ބޭރުގެ ގައުމުތަކުގެ އީޕީއޭތައް ހުންނަ ގޮތަށް ބިނާކޮށް އީޕީއޭ އުފެއްދުމުގެ ބިލެއް އެ ތަނުން ޑްރާފްޓްކޮށް މިނިސްޓްރީ އަށް ފޮނުވާފައިވެ އެވެ.

އެކަމަކު އެންވަޔަރްމެންޓް މިނިސްޓްރީގެ ހުށަހެޅުމަކީ އެ މިނިސްޓްރީން ތަންފީޒުކުރާ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނަށް އިސްލާހެއް ގެނެސްގެން އީޕީއޭ މިނިވަންކުރުމެވެ. ސެޕްގައި ލިޔެފައި އޮތީ ވެސް އެ ގޮތަށެވެ. އެކަމަކު ރައީސް އޮފީހުން ބުނީ އީޕީއޭ މިނިވަންކުރާނީ ތިމާވެށި ގާނޫނު އިސްލާހުކޮށްގެންތޯ ނުވަތަ އެހެން ގޮތަކުންތޯ އަދި ނިންމާފައި ނުވާ ކަމަށެވެ. ހޫދު ވިދާޅުވި ގޮތުގައި އެކަމާ މެދު ދަނީ މަޝްވަރާކުރަމުންނެވެ.

އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވީ ވަކި ގާނޫނަކުން އީޕީއޭ މިނިވަންކުރަން ހުށަނޭޅުއްވީ އީޕީއޭ އިން ކުރާ މަސައްކަތުގެ ބޮޑު ބައި ކަނޑައަޅާފައި އޮތީ ތިމާވެށި ހިމާޔަތްކުރުމުގެ ގާނޫނުގައި ކަމަށް ވާތީ އެ ގާނޫނުގައި އީޕީއޭ ހިމަނަން ފެނިވަޑައިގަންނަވާތީ ކަމަށެވެ. އެކަމަކު މިނިސްޓްރީން ކޮންމެ ގޮތަކަށް ހުށަހެޅިޔަސް ގޮތް ނިންމާނީ ރައީސް އޮފީހުންކަން ޑރ. ހުސެން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ފެނުނު ގޮތް އެއީ. ދެން އާ ގާނޫނެއް ހަދަން ހަމަ ސަރުކާރަށް ފެނިވަޑައިގެންފިއްޔާ އެކަން ކުރިއަށް ގެންދަވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އީއައިއޭތަކަށް މިނިސްޓަރުގެ ބާރު ދެމިއޮންނާނެ؟

މަޝްރޫއުތަކުން ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ނުވަތަ އީއައިއޭތަކާ މެދު އީޕީއޭ އިން ނިންމާ ގޮތް ބަދަލުކުރުމުގެ ބާރު އީއައިއޭ ގަވާއިދުގެ ދަށުން އެންވަޔަރްމެންޓް މިނިސްޓަރަށް އޮވެ އެވެ. އީޕީއޭގެ ނިންމުން ގަބޫލު ނުކޮށް އިސްތިއުނާފުކޮށްފި ނަމަ މިނިސްޓަރު ކަނޑައަޅާ ފަރާތެއް ލައްވާ (އާއްމުކޮށް ހަވާލުކުރަނީ މިނިސްޓްރީގެ މުވައްޒަފުންނާ) އެ ނިންމުން ރިވިއުކުރުވުމަށް ފަހު ހުއްދަ ދެވިދާނެ އެވެ. ހދ. ކުޅުދުއްފުށީ ކުޅިން ބައެއް ހިއްކައިގެން އެއާޕޯޓު އަޅަން އީޕީއޭގެ ހުއްދަ ނުލިބުމުން ކުރީގެ މިނިސްޓަރު ތޯރިގު އިބްރާހީމް އެ ނިންމުން އަނެއްކޮޅަށް ޖެއްސެވި ގޮތަށް، ޑރ. ހުސެން ނ. މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމާ މެދު އީޕީއޭގެ ނިންމުން މި އަހަރު ބަދަލުކުރެއްވީ އެގޮތުގެ މަތިންނެވެ.

މި އަހަރުގެ ނިޔަލަށް އީއައިއޭ ގަވާއިދު އިސްލާހުކުރަން ސެޕްގައި އެބަ އޮތެވެ. ޑރ. ހުސެން ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ދެ މަސް ތެރޭ އާ ގަވާއިދު ގެޒެޓްކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެކަމަކު އީއައިއޭތަކާ މެދު އީޕީއޭ އިން ނިންމާ ނިންމުންތައް ރިވިއުކުރުމުގައި ފަހު ބަސް ބުނުން މިނިސްޓަރުގެ އަތްމަތީގައި އޮންނަ އޮތުން އާ ގަވާއިދާ އެކު ވެސް ބަދަލުކުރާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ އެކަމާ ބެހޭ ގޮތުން ޑރ. ހުސެން ދެއްވި ޖަވާބެވެ. އޭނާ ވިދާޅުވީ ވިސްނުމަކީ، އިސްތިއުނާފު މަރުހަލާގައި އީޕީއޭގެ ގަވަނިން ބޯޑުގެ ލަފާ ހޯދޭ ގޮތަށް ހަމަޖެއްސުމާ އެކު މިހާރު ވެސް އޮންނަ ގޮތަށް، މިނިސްޓަރު އައްޔަންކުރާ މީހަކު ރިވިއުކޮށްފައި ދޭ ލަފައަށް ބިނާކޮށް ގޮތެއް ނިންމުމުގެ ފުރުސަތު ވެސް ބޭއްވުން ކަމަށެވެ.

ނުހިނގާ އޮތް އީޕީއޭގެ ގަވަނިން ބޯޑު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ މަހު އަލުން އެކުލަވާލައްވައި މެމްބަރުން އައްޔަންކުރެއްވުމަކީ އީޕީއޭ ހަރުދަނާކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެ އެވެ. އެކަމަކު އީއައިއޭ އިސްތިއުނާފުގެ މަރުހަލާގައި ގަވަނިން ބޯޑުގެ ދައުރެއް ބާއްވަން ވިސްނާ އިރު، އެ ބޯޑަށް މާ ބޮޑު ބާރެއް ދީފައެއް ނެތެވެ. ބޯޑަށް އޮތީ ލަފާދިނުމުގެ ދައުރެކެވެ. އަދި އެ ބޯޑުން ލަފާ ދެނީ ވެސް އީޕީއޭ އަށެވެ.

އީއައިއޭތަކާ މެދު އީޕީއޭ އިން ގޮތް ނިންމަނީ މިނިސްޓަރުގެ ފަރާތުންނެވެ. އެހެންކަމުން އީއައިއޭ އިސްތިއުނާފުގައި މިހާރު އޮންނަނީ މިނިސްޓަރުގެ ނަމުގައި ނިންމާފައި އޮންނަ ކަމެއް މިނިސްޓަރު އަލުން މުރާޖައާކުރާ ހާލަތެކެވެ. އެކަމަކު އެކަން ބަދަލުކުރާނެ ގޮތެއް ކަމަށް ބެލެވެނީ ފުރަތަމަ ނިންމުމަކީ މިނިސްޓަރުގެ ފަރާތުން ނިންމާ ނިންމުމަކަށް ނުވާނެ ގޮތަށް ހެދުމެވެ.

"އަޅުގަނޑުމެން މިހާރު މި ވިސްނަނީ އެންމެ ރަނގަޅުވާނީ ހަމަ އީޕީއޭ އިން އޭގެ ޒާތުގައި ޑިސިޝަން ނޯޓެއް ނެރުމޭ،" ޑރ. ހުސެން ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މަޝްރޫއުތަކާ މެދު ތިމާވެށީގެ ގޮތުން އީޕީއޭ އިން ނިންމާ ނިންމުން އިސްތިއުނާފުކޮށް ރިވިއުކުރުވުމުގެ ފުރުސަތު އޮންނަން ޖެހެ އެވެ. އެކަމަކު، އެކަމުގައި ފަހު ބަސް އިއްވުމުގެ ބާރު މިނިސްޓަރު އަތުގައި ހަމަ ބާއްވާނީތޯ ސުވާލުކުރުމުން ޑރ. ހުސެންގެ ޖަވާބަކީ ތިމާވެށި ހިމާޔަތްކުރުމުގެ ގާނޫނީ ޒިންމާ އޮތީ މިނިސްޓަރަށް ކަމެވެ. ނަމަވެސް ފަންނީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އީޕީއޭ އަށް ހަގީގީ މާނައިގައި މިނިވަންކަން ދިނުމުގެ ނިޔަތް އޮތް ނަމަ، އީއައިއޭތަކާ މެދު އެ އެޖޭންސީން ނިންމާ ނިންމުންތައް ރިވިއުކުރުމުގެ ދައުރު އަދާކުރާނެ މިނިވަން ފަރާތެއް ހަމަޖައްސާނެ އެވެ. އެކަން ބާއްވާނީ މިނިސްޓަރު އަތަކު ނޫނެވެ.

އީޕީއޭ މިނިވަންކުރާ އިރު ވެސް މިނިސްޓަރަށް މި ބާރު އޮތުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިގަންނަވަނީ ކީއްވެގެންތޯ އެހުމުން ޑރ. ހުސެން ވިދާޅުވީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ވެސް މިނިވަންވެފައި ހުރީ އެ ތަނަކަށް "ދީފައި އޮތް ގާނޫނީ ހުދޫދުގެ ތެރޭގައި ޑިސިޝަން ނަގަން" ކަމަށެވެ.

"އީޕީއޭ އަށް ލިބިފައި އޮތް ގާނޫނީ ފްރޭމްވޯކް ތެރޭގައި އެ މީހުން ބޭނުން ޑިސިޝަނެއް ނެގުމުގެ ފުރުސަތު ލިބޭ،" އޭނާ ވިދާޅުވި އެވެ.

އީޕީއޭގެ ބައެއް މަސައްކަތްތައް އެހެން ތަންތަނަށް

އެންވަޔަރްމެންޓް މިނިސްޓްރީގެ ދަށުން އުފައްދާ އާ ދެ އޮތޯރިޓީއަކަށް އީޕީއޭގެ ބައެއް މަސައްކަތްތައް ބަދަލުކުރަން މިނިސްޓްރީން ބޭނުންވެ އެވެ.

ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމާ ގުޅުން ހުރި މަސައްކަތްތަކަށް ޕްރޮޓެކްޓެޑް އޭރިއާ މެނޭޖުމެންޓް އޮތޯރިޓީއެއް ހަދަން ރައީސް އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ. ޑރ. ހުސެން ވިދާޅުވި ގޮތުގައި މި ވަގުތު އިތުރު އޭޖެންސީއެއް އުފައްދަން ސަރުކާރުން ބޭނުން ނުވާތީ އެކަން މަޑުޖައްސާލާފައި އޮތަސް އެ އޮތޯރިޓީ އުފެއްދުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ.

ޕްރޮޓެކްޓެޑް އޭރިއާ މެނޭޖުމެންޓް އޮތޯރިޓީއެއް އުފައްދަން ހުށަހެޅީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ބައިވަރު ސަރަހައްދުތަކެއް ހިމާޔަތްކުރަމުންދާ އިރު އެ ތަންތަނުގެ މެނޭޖްމެންޓް ޕްލޭންތައް ހަދައި ކައުންސިލްތަކާ ގުޅިގެން އެ ތަންތަން ބެލެހެއްޓޭނެ ގޮތާއި ވަސީލަތްތައް ހަމަޖެއްސުމަކީ ގޮންޖެހުން ބޮޑު ކަމަކަށް ވާތީ އެވެ.

"މިހާ ބޮޑު މަސައްކަތެއް ކުރެވޭ އިރުގައި އަނެއްކާވެސް ހަމަ އީޕީއޭ އަށް މި މަސައްކަތް ހަވާލުކޮށްފައި އެ މީހުންގެ ފޯކަސް ގެއްލޭ ގޮތަށް ހުރުމަށް ވުރެ މި އެސެޓްތައް ހިންގައި ބަލަހައްޓާނެ ތަނެއް ވަކިން ހުރުމަކީ ބޭނުންތެރި ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޑރ. ހުސެން ވިދާޅުވި އެވެ.

މިހާރު އީޕީއޭ އިން ރެގިއުލޭޓްކުރަމުން އަންނަ ފެނާއި ނަރުދަމާ އަދި ކުނި އުކާލުމުގެ ޚިދުމަތްތަކާ ގުޅޭ ކަންކަން، އަލަށް އުފައްދާ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަށް ބަދަލުކުރަން ވެސް ވަނީ ނިންމައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް އެ އޮތޯރިޓީގެ ބިލުގައި ވަނީ އީޕީއޭގައި އެ މަސައްކަތްތައް ކުރާ ސެކްޝަންތަކުގެ ވަސީލަތްތަކާއި މުވައްޒަފުން އެ އޮތޯރިޓީގެ ދަށަށް ގެންދާށެވެ. ޑރ. ހުސެން ވިދާޅުވީ މި ބަދަލު ގެނަޔަސް ޔޫޓިލިޓީ ޚިދުމަތްތަކުގައި ތިމާވެއްޓަށް އަސަރުކުރާ ކަމެއް ދިމާވާ ނަމަ "އީޕީއޭ އަށް އެކަމާ އެއްޗެއް ބުނެވޭނެ" ކަމަށެވެ.

"ބިލުގައި އެބައޮތް އޮތޯރިޓީން ރެގިއުލޭޓްކުރާނީ ޔޫޓީލިޓީ ޚިދުމަތްދިނުމުގެ ކަންތަކޭ. އެހެންވީމާ ތިމާވެއްޓަށް ކުރާ އަސަރާ ގުޅޭ ކަމެއް އެމީހުންނެއް ނުބަލަހައްޓާނެ. ކަނޑައަޅާފައި ހުންނަ މިންގަނޑުތަކާ އެއްގޮތަށް ކަންތައް ނުކޮށްގެން ތިމާވެއްޓަށް ގެއްލުން ލިބިއްޖެއްޔާ އޮތޯރިޓީއާ ދެކޮޅަށް ފިޔަވަޅު އަޅަން ވެސް އޮންނާނީ އީޕީއޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"ކުނި މެނޭޖުކުރާ ކަންތައްތައް ރެގިއުލޭޓްކުރަނީ އީޕީއޭ އިން ކަމަށް ނުވިޔަސް ފަޅު ތެރެއަށް ކުނި އަޅާ، އެކަހަލަ ކަންތައްތައް ކުރަންޏާ އީޕީއޭ އަށް އެ މީހުންނާ ދެކޮޅަށް ޑިސިޝަން ނެގޭނެ."

އެކަމަކު ބިލުގައި މިހާރު އޮތް މިންވަރުން ދެ ތަނުގެ ދައުރު ސާފުކޮށް ވަކިނުވާ ކަމާއި ބޭނުން ގޮތަކަށް މާނަކުރެވިދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.

މިނިވަންކުރުމުގެ ކުރިން އީޕީއޭގެ ދައުރު ހަނިކުރުމުގެ ބަދަލުތަކެއް ގެންނަވަނީތޯ ސުވާލުކުރުމުން ޑރ. ހުސެން ވިދާޅުވީ އީޕީއޭ އަށް ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް ފޯކަސް ކުރެވޭނެ މަގުފަހިކުރަނީ ކަމަށެވެ. ގަވާއިދާ ޚިލާފުވޭތޯ ބަލައި ފިޔަވަޅުއެޅުމުގެ އިތުރުން އީޕީއޭ އިން ހަދަން ޖެހޭ ބައިވަރު ދިރާސާތައް ވެސް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އުޑު ދަށު ލެއްވި ހުރިހާ ކަމަކާ ގުޅޭ ކަމެއް ތިމާވެއްޓަކީ. އެ ހުރިހާ ކަމެއް ކިހިނެއްތޯ އެއް ބަޔަކަށް ކުރެވޭނީ؟ އެހެންވީމާ ފޯކަސް ކޮށްގެން ކަންކަން ކުރަން އުޅުނިއްޔާ މާ ރަނގަޅަށް ކުރެވޭނެހެން އަޅުގަނޑަށް ހީވަނީ،" ޑރ. ހުސެން ވިދާޅުވި އެވެ.

"އީޕީއޭ ބާރުވެރިކުރުމަށް އަޅުގަނޑުމެން ބޭނުންވަނީ."

ވާދަވެރިކަމާއި ދޫނުކުރުން އޮތަސް އީޕީއޭ މިނިވަންކުރައްވާނެ ކަމަށް ރައީސް އެ ދުވަހު ވިދާޅުވި އެވެ. އެންވަޔަރްމެންޓް މިނިސްޓްރީން ބާރުތައް ހިފަހައްޓަން ބޭނުންވުމާ ބެހޭ ގޮތުން ސުވާލުކުރުމުން ޑރ. ހުސެން އަނެއްކާވެސް ވިދާޅުވީ އީޕީއޭ މިނިވަންކުރުން އޮތީ ރައީސް ނިންމަވާ ގޮތަކަށް ކަމަށެވެ.

"ރައީސް ކަމެއް ކުރައްވަން ބޭނުންފުޅިއްޔާ މިނިސްޓްރީއަކަށް ކޮން ކަމެއްތޯ ހިފެހެއްޓޭނީ؟ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ މިނިސްޓްރީން ވަކި ކަމެއް ހިފަހައްޓަންވެގެން ބޭނުންވެގެން އުޅޭ ކަމަކަށް ވެސް. ހަމަ ތެދަށް މި ދެންނެވީ. އަޅުގަނޑުމެންނަށް ކޮން ފައިދާއެއްތޯ އޮތީ މިކަން ނުހިނގާ، ބަޖެޓު ނުލިބި، ހިފެހެއްޓިފައި އޮންނާކަށް؟" މިނިސްޓަރު ވިދާޅުވި އެވެ.

9 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 29%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު1

23 November 2020

އަމިއްލައަށް ފައިން ނޭރޭގޮތަށް ކަންކަން ނިންމާތި. ކަމަކީ ތަރައްގީގެ މަސައްކަތްތަކާ ގުޅިފައިއޮތްކަމެއް. ޔޫއެސް ފެންވަރުގެ މީހުންނެއް މިތާކުނެތް. އިސްތިއުނާފް ނުކުރެވޭ ފުރިހަމަ ބާރުވެރިކަމެއް ދީފިއްޔާ ތަރައްގީގެ މަޝްރޫތަށް ހުއްޓުމަކަށް އައުން ނުވަތަ ވަކި ސަރުކާރަކަށް ޖެއްސުން ކުރާތަން އައުމަކީ ދުރުކަމެއް ނޫން. މިގައުމުގައި އެއްވެސްތަނެއް ސިޔާސީ ނުވެއެއް ނުހުންނާނެ. މިހާރު ހުންނެވި ނައީމަކީވެސް ހަމަސީދާ ރައީސް ނަޝީދުގެ މީހެއް.

The name is already taken The name is available. Register?

ތިމާވެށި

23 November 2020

މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާގެ ބޮލަށް ހުރިހާ ކަމެއް ޖަހާފަ ނިންމާލެވޭނެ ކަމަށްތޯ ތިޔަ އުޅުއްވަނީ؟ ފުރަތަމަ 100 ދުވަސް ތެރޭ ފުއްދަން ބުނި ވައުދެއް 700 ދުވަސް ވާން ކައިރި ވާ އިރުވެސް ނުފުދި މިއޮތީ ހަމަ ތިޔަ މިނިސްޓަރުގެ ބޯހަރުކަމުން. މިނިސްޓްރީގެ ބާރު އެހެން ބަޔަކަށް ދޭން ބޭނުން ނުވާތީ.

The name is already taken The name is available. Register?

ތުއްތޮންބެ‫

23 November 2020

‫އަޅުގަނޑުހީކުރީ މިހާރުދެއަރުވީމަ ރައީސްޔާނިނުގެ ކިބައިންތިތަން މިނިވަންވެއްޖެކަމައް އަދި އެއްވެސް ކުޅިއެއް އަދި ގިރި ފަރެއް ނުހިއްކާނެކަމައް އަދި އެއްވެސް ރުކެއްގަހެއްނުނަގާނެކަމައް ޖަޒީރާވަންތަކަން ގެއްލިދާނެޔަތީ.

The name is already taken The name is available. Register?

ނާދިޔާ

23 November 2020

މި ރިޕޯޓްގައި މާފަރާއި ކުޅުދުއްފުށީގެ ވާހަކަަ ގެނެސްފައި، ހުޅުމާލެއާއި، ގުޅިފަޅުގެ ވާހަކަ ނުގެނައީމަ، ހަމައެއް ނުޖެހޭ..

The name is already taken The name is available. Register?

ރާއްޖެ

23 November 2020

މި ރާއްޖޭގަ ނެތް “މިނިވަން” މުވައްސަސާއެއް.

The name is already taken The name is available. Register?

ބުރުގާ

23 November 2020

ދެން މިވަރުން ކިހިނެތް ރާއްޖެ ސިންގަޕޫރައް ހަދާނީ.... މުޅި ގައުމުގަ ރީނދޫ ކުލަލާފަ. ތަރައްގީ ކިޔަނީ ކަރަޕްށަނައް.

The name is already taken The name is available. Register?

ޅަބޭ

23 November 2020

އީޕީއޭ އަކީ ވެރިކަންކުރާ ޕާޓީގެ ގޮތްޕެއް ނޫންތަ؟!

The name is already taken The name is available. Register?

ބޮޑު ބުލް

23 November 2020

ތިޔަ އީ.ޕީ.އޭ ވީ އުވާލަން.. ތަނަކުންް ވިނަ ނޮޅަންވިޔަސް ތިޔަ ދުއްޕާން އެބަޖެހޭ މިހާރަކަށް އައިސް.

The name is already taken The name is available. Register?

އިންދިރާ

23 November 2020

ސަރުކާރެއް ބަދަލުވުމާއިއެކު ނަމުގައި މިނިވަން މުއައްސަސާތައް އެސަރުކާރުގެ ބާރުދަށަށް ގެނޭ..ހުރިހާ ތަނަކަށް ސަރުކާރުން ވެރިން ހަމަޖައްސައި އެކި ނަންނަމުގައި ސިޔާސީމީހުން ލާފަތިބޭ..ދެން ކޮން މިނިވަންކަމެއް..މިނިވަންކަން ދޭން ބޭނުންވާ ނަމަ އެހެން ކަންކަން ނުކުރާނެ..ނުވިތާކަށް ކޯޓްތަކަށްވެސް ބަދަލުގެނޭ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!