ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރުކަން ކުރެއްވި އައިމިނަތު ޝައުނާ.-- ފޮޓޯ: މިހާރު
13 އޯގަސްޓް 2025 - 14:45
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެރިކަމަށް ވަޑައިގަތީ، ރާއްޖޭގެ ތިމާވެއްޓަށް ފާރަވެރިވާ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ވެރިކަމުގެ ފުރަތަމަ 100 އަހަރު ދުވަހުގެ ތެރޭގައި މިނިވަންކުރާނެ ކަމުގެ ވައުދާއެކުގަ އެވެ. އެކަމަކު، އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމުނީ އެ އިހުތިޔާރާއި ބާރު އީޕީއޭއަށް ނުދީ އެވެ. ވެރިކަމުގެ ފުރަތަމަ ދެ އަހަރު އެ ވާހަކަ ދެއްކިޔަސް، ފަހުން ބަޚަބަރެވެ.
ނަމަވެސް، މިހާރުގެ ސަރުކާރުން އީޕީއޭގެ ނަން ބަދަލުކޮށް، އީއައިއޭ ހެދުމުގެ ގަވާއިދަށް ބަދަލު ގެނައުމާއެކު އެމަނިކުފާނު ރާގު ވެސް ބަދަލުވެއްޖެ އެވެ؛ އިބޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަން ސިފަކުރެއްވީ އީޕީއޭގެ "ދަތްކޮޅު އުފުރާލުން" ކަހަލަ ކަމެއްގެ ގޮތުގަ އެވެ.
"މިއީ ވަރަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް،" އިބޫ ވިދާޅުވި އެވެ.
އިބޫގެ ވެރިކަމުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރަކަށް ހުންނެވި އައިމިނަތު ޝައުނާގެ ރާގު ވެސް ވަނީ މި މައްސަލައާ އެކު ބަދަލުވެފަ އެވެ.
"އިތުބާރުހިފޭ ގޮތަކަށް ހިޔާލާއި މަޝްވަރާ ހޯދުމުގެ މަރުހަލާއެއް ކުރިއަށް ނުގެންގޮސް، ސަރުކާރުން ބޭނުންހާ ގޮތަކަށް ގަވާއިދުތަކާއި ސިޔާސަތުތަކަށް ބަދަލު ގެނެސް، އީޕީއޭއަށް ލިބިފައި އޮތް ފާރަވެރިވުމުގެ ބާރުތައް ހަނިކުރުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެއް،" ޝައުނާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
"މިއީ ރައީސް މުއިއްޒުގެ ސަރުކާރުން އެއްވެސް ބެލުމެއް ނެތި، ގާނޫނުތަކުގެ ބާރު ކަނޑުވާލުމަށް ކުރަމުންދާ މަސައްކަތުގެ އިތުރު ދަލީލެއް."
ޝައުނާ އެގޮތަށް ވިދާޅުވިއިރު، އެޕްރީލް 25، 2023 ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އޭނާ ވަނީ އެމްޑީޕީ ސަރުކާރުން އީޕީއޭ މިނިވަންކުރަން ބޭނުން ނުވާ ކަން ވެސް ހާމަކުރައްވައިފަ އެވެ.
"ވެެރިކަން ހިންގާ ފަރާތުގެ ބާރު ނުހިނގާ ގޮތަށް މުޅިން މިނިވަން މުސްތަގިއްލު ކޮމިޝަނަކުން ތިމާވެށީގެ ކަންކަން ރެގިއުލޭޓްކުރުމަކީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމަކަށް އެންމެ އެކަށީގެންވާ ނިޒާމު ނޫންކަން ގަބޫލުކުރަން ޖެހޭ،" ޝައުނާ އެ ދުވަހު ވިދާޅުވި އެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ސިންގަޕޫރުގެ މިސާލު ނަންގަވަމުން ޝައުނާ އޭރު ވިދާޅުވީ ތިމާވެށީގެ ކަންކަން ރެގިއުލޭޓްކުރުމުގެ މަސްއޫލިއްޔަތު އެ ގައުމުތަކުގައި ވެސް އެގްޒެކެޓިވް ބާރާ ވަކި ކުރެވިފައި ނުވާ ކަމަށެވެ. އެ ގައުމުތަކުގައި ވެސް އީޕީއޭއަކީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތަކާ އެއްގޮތަށް ތިމާވެށީގެ ވަޒީރެއްގެ ދަށުން ހިނގާ ގޮތަށް އުފައްދާފައިވާ އެޖަންސީތަކެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ޑިސެމްބަރު 18، 2008 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގަރާރަކުން އުފެއްދެވި އީޕީއޭއިން ކުރަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހަވާލުކޮށްފައި ހުންނަ މަސައްކަތްތަކެވެ. ތަންފީޒުކުރަނީ މިނިސްޓްރީން ހަދާފައި ދޭ ގަވާއިދުތަކެވެ. ގަވާއިދުތައް ހެދުމުގައި އެކި ސަރުކާރުތަކުން އެކި ކަންކަމުގައި އެކި މިންވަރަށް އީޕީއޭގެ މަޝްވަރާ އާއި ބައިވެރިވުން ހޯދަ އެވެ. ދުވަހުން ދުވަހަށް އީޕީއޭ ހިންގުމުގެ ތެރެއަށް މިނިސްޓަރު ވަދެ ނޫޅުނަސް ނިންމުންތަކަށް ފަހު ބަސް ބުނުމުގެ ބާރު މިނިސްޓަރަށް އޮވެ އެވެ.
އީޕީއޭ މިނިވަންކުރުން މާނަކުރެވެނީ އެކަންކަން ބަދަލުކުރުމަށެވެ.
އެމްޑީޕީގެ އެންމެފަހުގެ ވެރިކަމުގައި ވެސް ސަރުކާރުން ހިންގާ ޕްރޮޖެކްޓުތައް އަވަސްކުރުމަށް އީއައިއޭ މަރުހަލާއަށް އެކި ގޮތްގޮތުން މިނިސްޓަރުން މެދުވެރިވެ، ބާރު ފޯރުވި އެވެ.
މި ސަރުކާރުން ވެސް ކަންކުރަން މި އުޅެނީ ހަމަ އެ އުސޫލުންނެވެ. ހުރިހާ ބާރެއް މިނިސްޓަރުގެ އަތްމައްޗަށް ދޫކޮށްލަނީ އެވެ.
މި ދާއިރާގެ ބައެއް ފަންނީ ބޭފުޅުން ވިދާޅުވާ ގޮތުގައި އީޕީއޭއަށް ހަގީގީ މާނައިގައި މިނިވަންކަން ދިނުމުގެ ނިޔަތެއް މިދިޔަ އެއްވެސް ސަރުކާރެއްގައި އޮތް ނަމަ، އީއައިއޭތަކާ މެދުގައި އެ އެޖޭންސީން ނިންމާ ނިންމުންތައް ރިވިއުކުރުމުގެ ދައުރު އަދާކުރާނެ މިނިވަން ފަރާތެއް ހަމަޖައްސާނެ އެވެ. މިނިސްޓަރަށް އެެ ބާރު ނުދޭނެ އެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނަން އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)އަށް ބަދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ވަނީ އިއްޔެ އިއުލާންކުރައްވައިފަ އެވެ. އަދި އެ އިދާރާގެ ބާރުތައް ސީދާ ތިމާވެއްޓާ ބެހޭ މިނިސްޓަރަށް ލިބޭ ގޮތަށް މެންޑޭޓަށް ވަނީ ބަދަލު ގެނެސްފަ އެވެ.
ކުރީގެ މެންޑޭޓް އޮތްގޮތުން ނަމަ، އީޕީއޭ ހިންގަނީ ހަތް މެމްބަރު ތިއްބަވާ އީޕީއޭގެ ގަވަނިން ބޯޑުގެ ލަފާގެ މަތިންނެވެ. ނަމަވެސް، އެންމެފަހު ނިންމުން އޭރު ވެސް ނިންމަނީ ހަމަ މިނިސްޓަރެވެ.
ސަރުކާރުން ވަނީ ސަރުކާރުގެ ޕްރޮޖެކްޓުތައް އަވަސްކުރުމުގެ ބޭނުމުގައި އީއައިއޭގެ ގަވާއިދަށް ވެސް އިއްޔެ އިސްލާހެއް ގެނެސްފަ އެވެ.
އީއައިއޭގެ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭގެ ރިޕޯޓް އަވަސް މުއްދަތެއްގެ ތެރޭގައި، އެއްވެސް ލަސްކަމެއް ނެތި ނިންމަން ޖެހޭނެ ކަމަށެވެ. ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި ބަލާނީ ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމިޓީއަކުން ކަނޑައަޅާ ގައުމީ ތަރައްގީގެ މަޝްރޫއުތައް ކަމަށް އެ އިސްލާހުގައި ބުންޏެވެ.
އެ އިސްލާހުގައި ބުނެފައިވާ ގޮތުން އެ ބަދަލަށް އަމަލުކުރާނީ މި އިސްލާހު ގެޒެޓްކުރާ ދުވަހުން ފެށިގެން ތިން އަހަރާއި ހަ މަސްދުވަހުގެ މުއްދަތަށް ނުވަތަ މި ސަރުކާރުގެ ބާކީ އޮތް މުއްދަތުގައި އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
13 August 2025
އެންމެ ސަޅިކޮން މިނިމިވަންވީ ކައުންސިލްތައް!!! ކައުންސިލްތަކުން އަހަރު ދެކޮޅު ބެންގކޮކްއަށް ތަޖުރިބާދަތުރުއެބަކުރޭވިއްޔަ. މައްސަލަޔަކީ އެތަޖުރިބާތަށް ރާއްޖެއައިސް ސެއަރނުކުރާތީ.
ބޮޑާޝައުނާ
13 August 2025
މަށަށް މަ ފެނުނީމާ ދެންވާނީ މިހެންނެވެ. ތިޔަ ޝައުނާއަކީ ތިމާއަށް ތިމާފެނުނު މީހެކެވެ. އޭރުވެސް މިހާރުވެސް ކިޔޭނުކިޔޭނޭގޭ ހެން ހީވެއެވެ. އަމިއްލަ އާރާއި ބާރަށް ހަމަ މަސައްކަތް ކުރި ބޭފުޅެކެވެ. މުއިއްޒު ވިއްޔާ ދެބޯގެރި ނުދުއްވަ ކަންކޮށްލާފިތާއެވެ.
ގަމާރު100ަ
13 August 2025
ޝިއުނާމެން ތަނެއް ދޮރެއް ނޭނގި ވާހަކަ ދައްކަނީ. ޔޫކޭ ގަ އެންވަޔަރަމަންޓް އޭޖެންސީ އަކީ ނަން ޑިޕާޓްމަންޓަލް ޕަބްލިކް ބޮޑީއެއް (ނޫނީ އާމްސް ލެންގްތް). މާނައަކީ މިނިސްޓަރާ އާމްސް ލެންގްތް ދުރުކުރެވިފަ ހުންނަ މިނިވަން މުއައްސަސާއެކޭ އެއީ މުޅިން އޮޕަރޭޝަނަލީ އިންޑިޕެންޑެންޓް އިދާރާއެެކޭ. އެމީހުން ކުރާ ކަންކަމަށް މިނިސްޓަރު މަޖިލީހުގަ އެމީހުންދޭ މައުލޫމާތަށް ބިނާކޮށް ޖަވާބުދިނަސް، އެތަނަކާ މިނިސްޓަރަކާ ގުޅުމެއް ނޯވޭ. ގަމާރު.
ސަލީ
13 August 2025
ބަލައިބޫގެވެރިކަމުގެ100އަހަރުގެދައުރުނުނިމެނީސްވެރިކަން ބަދަލުވީ ދެންކިހިނެއްހަދާނީ
ޖުހާބެ
13 August 2025
ޙަދަންވީ ގޮތަކީ ސަރުކާރު ތަކުން ކަން ކުރާގޮތް ބަލައި ރައްޔިތުން އެގޮތަށް ކަންތައްކުރަންވީ ދައްކަންވާނީ ވަކިވާހަކައެއް ކަންކުރަން ވާނީ އެހެންގޮތަކަށް އެއިރުން ސަރުކާރުތަކަށް އޮބިނޯވެ މައިތިރިވާނެ
ލުބްލާ2025
13 August 2025
ތިމާވެއްޓޭ ފަޅޮލޭ ރާއްޖެ އަޑިއަށް ދަނިއްޔޭ ކިޔައިގެން ބޭރު ގައުމުތައް ވާވައްދާފަ ފަންޑު ހޯދާނެ ތި އެންމެން.
ރިގަޕް
13 August 2025
އެއްވެސް ތަނެއް މިިނިވަން ވާކަށް ނުޖެހޭ. ތަންތަން ހިނގަންޖެހޭނީ ރައީސް ބާރާއި އިރުޝާދުގެ ދަށުން. މިނިވަން ވާންޖެހޭ ތަންތަން ގާނޫނު އަސާސީގައި އެހެރީ. ތަނެއް މިނިވަން ކޮށް ހުރިއްޔާ އެތާ ތިބޭ ބަޔަކު ދެން ބޭނުން އެއްޗެއް ހަދާނީ. އެއަށް ވުރެން ރަނގަޅީ ރައްޔިތުން ހޮވާފަ ތިބޭ ބައެއްގެ ބާރުގެ ތެރޭގައި އޮތުމުން. އެހެރުން ރައްޔިތުންގެ ބާރު އޮންނާނީ. އެހެންނޫނީ އޮންނާނީ އެތާ ހުންނަ މީހެއް ބާރު. ބަލަ ޗައިލްޑް އޮމްބަޑް. އެޗްއާރްސީ. ޕެންޝަން.
އަރަތެއް
13 August 2025
ތިބުނާ އުސޫލުންވީޔާ އިލެކްސަން ކޮމިސަނާ އެންޓިކޮރަޕްސަން ވެސް މިނިވަން ވެގެން ނުވާނެތާ؟ އީޕީއޭ އަކީ ސަރުކާރާ އަމިއްލަ ފަރާތްތަކުން ތިމާވެސީގެ ގާނޫނާއި ގަވާއިދުތަކަށް ތަބާވޭތޯ ބަލާ މިނިޓަރ ކުރުމަށް އޮތްބަޔެއް. މިނިސްޓުރީ ބުނާގޮތަށް ރެގިއުލޭޓުކުރަން ވައްޖެޔާ ކޮބާ ބޭނުމަކީ؟ އިންތިހާބު ވެސް ރައީސްގެ ލަފާގެމަތިން ބޭނުންވާގޮތަށް ކުރިޔަށް ގެންދަންވީނޫންތޯ. ދުރުވިސްނުމެއް ނެތި އަވަސް އަރުވާލައިން މަސްރޫއުތަށް ކުރިޔަށް ގެންދިއުމުން ފަހުން ދެރަލިބޭނެ
ބެޓަރފުލް
13 August 2025
ހުރިހާކަމަކަށް ރައީސް ބާރުފޯރުވަން ރަސްކަމަކަށް ހަދަމާ؟ ޝާހީއާއިލާއެށް ހަދާ އުމުރަށް އެމީހުންނަށް ހަވާލުކުރަންވީ. ހޮވާނިކަމެއްވެސް ނެތް. އަހަރުމެންތިބޭނަން ސަނާކިޔާ ޚުޝާމަދުކޮށް ބާރަށް އަތްޖަހަން. އަވަސްކުރަންވީ މިގޮތް.