ހުޅުމާލޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި ދައުވާލިބުނު 17 އަހަރުގެ ކުއްޖާ 12 އަހަރަށް ޖަލަށްލާން ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ.

ޖޫން، 2021 ގައި 13 އަހަރުގެ ކުއްޖަކު މަރާލުމަށް ފަހު ފޮށްޓަކަށްލައި، އެއްލާލާފައި އޮއްވާ ފެނުނު މައްސަލާގައި އޭރު އުމުރުން 17 އަހަރުގެ ކުއްޖާގެ މައްޗަށް ދައުލަތުން ކުރީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އެވެ. އޭނާ އަށް މިހާރު 18 އަހަރު ފުރިފައި ވިޔަސް އެއީ ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރި ކުށެއް ކަމަށް ވާތީ އޭނާގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އެ ކުއްޖާގެ މައްޗަށް އެ ހުރިހާ ދައުވާތަކެއް ސާބިތުވާތީ އެ ކުއްޖާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އެގޮތުން ގަސްދުގައި މީހަކު މެރުމުގެ ކުށުގައި 16 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 12 އަހަރާއި ހަތަރު މަސް ދުވަހުގެ ޖަލު ހުކުމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހުގެ ރޯދަ ހިފުމަށް ވެސް ހުކުމުގައި އެ ކުއްޖާއަށް އަންގާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގައި 11 މަހާއި ނުވަ ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގައި 18 ދުވަހުގެ ޖަލު ހުކުމެއް ވެސް ޖުވެނައިލް ކޯޓުން އިއްވާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ، މީގެ އިތުރުން އެ މައްސަލާގައި އިތުރު މީހެއްގެ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާތީ އެ މައްސަލަ ނިމުމުން މަރުގެ ދިޔައާ މެދު ގޮތެއް ކަނޑައެޅުމަށް ޖުވެނައިލް ކޯޓަށް ހުށަހަޅަން އެ ކޯޓުގެ ހުކުމުގައި އަންގާފައިވާ ކަމަށެވެ.

އެ ކުއްޖާ މަރާލައި، ފޮށްޓަކަށްލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ ހުޅުމާލެ 2 ގެ މޫދުގަ އެވެ.