ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީއަށް އެދުމުގެ ފުރުސަތު ރޭ ހުޅުވާލައިފި އެވެ.
މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ކުރި އިއުލާނުގައި ބުނީ، ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ނޫސްތަކާއި ބްރޯޑްކާސްޓިން ލައިސަންސް ލިބިފައިވާ ފަރާތްތައް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީއަށް އެދި އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.
އެކަމަށް އެދި ހުށަހަޅަން ޖެހޭނީ އޮންލައިން ޕޯޓަލް އިންނެވެ. އަދި ޕްރޮޕޯޒަލް ހުށަހަޅަން ޖެހޭނީ 'ވަންގަވް'ގެ ތެރޭގައި ހަދާފައިވާ 'މީޑިއާ އެޕް' މެދުވެރިކޮށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދޭން ފުރަތަމަ ހަވާލުވީ ޔޫތު މިނިސްޓްރީންނެވެ. އޭރު އެކުލަވާލި އުސޫލުގައިވާ ގޮތުން އެހީ ދިނުމުގެ އެއް ޝަރުތަކީ ރަޖިސްޓަރީ ކޮށްގެން ހިންގާތާ ތިން އަހަރު ވުމެވެ. ފައިސާ ދޭނެ އަދަދު ކަނޑައެޅުމުގައި މީޑިއާތަކުގެ މުވައްޒަރުންގެ އަދަދަށް ރިއާޔަތް ކުރުމެއް އެ އުސޫލުގައި ނެތެވެ.
ނަމަވެސް، ފަހުން އެ މަސައްކަތް މީޑިއާ ކޮމިޝަނާ ހަވާލުކުރުމުން، މާލީ އެހީއަށް ހުޅުވާލީ އުސޫލަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ.
މީޑިއާ ކޮމިޝަނުން އިއްޔެ ގެޒެޓްކުރި އުސޫލުގައިވާ ގޮތުން، އެހީ ދިނުމުގެ އެއް ޝަރުތަކީ ޖެނުއަރީ، 2024 އިން ފެށިގެން ރަޖިސްޓަރީކޮށް، ލައިސަންސް ލިބިގެން މެދުނުކެނޑި ހިންގަމުން ގެންދިއުމެވެ.
އާ އުސޫލުން ފާހަގަކުރެވޭ އަނެއް ބަދަލަކީ މާލީ އެހީދޭނެ އަދަދު ކަނޑައަޅަން، މާކްސް ދިނުމުގައި ބަލާ ކަންތައްތަކެވެ. އޭގެ ތެރޭގައި އެ މީޑިއާއެއް ހިންގާ މުއްދަތާއި މުވައްޒަފުންގެ އަދަދަށް ރިއާޔަތްކުރުން ހިމެނެ އެވެ.
ކޮމިޝަނުން ބުނީ މީޑިއާއަކަށް ލިބޭ މާލީ އެހީގެ ތަފްސީލާއި ޝަކުވާ ބަލައި ޖަވާބުދާރީވުމުގެ ހުރިހާ މަރުހަލާއަކާއި އެހީއަށް އެދި ހުށަހަޅާ ފަރާތުން މުރާޖައާކުރަންޖެހޭނަމަ އެ މަރުހަލާގެ ހުރިހާ މުއާމަލާތެއް ވެސް ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ.
ކުރީގެ އުސޫލުގައި އެހީދޭ އުމުރެއްގެ ގޮތުގައި ތިން އަަހަރު އޮތުމުން އޭރު ޝަރުތު ހަމަވީ 18 މީޑިއާ އެކެވެ. ނަމަވެސް އާ އުސޫލުގެ ދަށުން ގާތްގަނޑަކަށް 60 މީޑިއާ އަށް މާލީ އެހީއަށް ޝަރުތު ހަމަވާނެ އެވެ.
މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން މީޑިއާތަަކަށް ދިނުމަށް 27 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ. ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ މި އަހަރު ނިމުމުގެ ކުރިން އެ އެހީ ދިނުމަށެވެ.