"އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުފެތުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރާ އެއްގޮތަށް އަމަލު ކުރަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މީޑިއާތަކަށް އަންގައިފި އެވެ.
އެ ކޮމިޝަނުން މީޑިއާތަކަށް ރޭ ފޮނުވި ސާކިއުލާއެއްގައި ބުނީ މީޑިއާތަކުން ކޮންޓެންޓް އާންމުކުރުމުގައި ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރަން މީޑިއާގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އަންގާ ކަމަށެވެ.
އާންމުކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަން:
- "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް
- ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުން
- ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން
- މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުން.
މިއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
މި އަމުރު ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވީ "އަދަދު" ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރެއް ނެރެދޭން ދައުލަތުން މިއަދު އެދުމާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނީ ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައަކަށް ވާއިރު އެކަން ހަރުކަށި އިބާރާތުން ނަހީ ކުރައްވައި، ހަރުކަށި އަދަބު ކަނޑައަޅާފައިވާ ކަމަށެވެ. އެކަން އެހާ ބޮޑަށް ނަހީ ކުރައްވާފައިވަނީ އަބުރު ރައްކާތެރި ކުރުމަށާއި އިއްޒަތުއް ނަފުސު ރައްކާތެރިކުރުމުގެ ގޮތުން ކަމަށެވެ.
މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވި ދައުވާ އުފެލޭ ހާލަތުގައި ވެސް ނަމާ އަބުރު ރައްކާތެރި ކުރެވިފައި އޮތުމުގެ ހައްގު އޮންނަ ކަމަށާއި އަދި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓަކުން ހުކުމް ކޮށްގެން މެނުވީ މީހަކު ކުށެއް ކުރި ކަމަށް ގާނޫނީ ގޮތުން ބެލޭނެ ހަމައެއް ނެތް ކަމަށް އަމުރުގައި ބުނެފައިވެ އެވެ.
އެ އަމުރުގައި ބުނީ ޝަރީއަތުގެ މަރުހަލާގައި ވެސް އެ ދެ ހައްގު ބެލެންސް ވެގެންދާނެ ފަދައަކުން ދައުވާ ލިބޭ މީހާ އާއި ކުށުގެ ޝިކާރައަަށްވި މީހާގެ ހައްގުތައް ހަމަކުރެވެންޖެހޭ ކަމަށެވެ.
އަދި މައްސަލައިގެ މައުލޫއުއަށް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން ގާނޫނުއަސާސީގައި ބަޔާންވެގެންވާ ހައްގުތަކަށް އެއްވެސް އަސަރެއް ނުކުރާނެ މޭރުމަކުމް ގާނޫނުއަސާސީގެ އެންމެހައި ހަމަތާކާއި ގާނޫނާއި އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމުގެ ޒިންމާ ކޯޓުތަކަށް މަތިކޮށްފައިވާ ކަމަށް އަމުރުގައި ގާޒީ ވިދާޅުވި އެވެ.
ގަޒުފުގެ ތުހުމަތުގައި ފިޔާޒާއި ހަސަން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވެ އެވެ. ނަމަވެސް، އެ ދެ ބޭފުޅުން ވެސް ތަހުގީގު މަރުހަލާގައި ހިޔާރު ކުރެއްވީ ހަނު ތިއްބެވުމަށެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ ނޫސްވެރިން މަސްދަރު ހިމާޔަތް ކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށާއި ނޫސްވެރިއެއްގެ ގޮތުގައި ހުރެ، މަސްދަރު ހާމަނުކުރާނެ ކަމަށެވެ.