އެވިޑް ކޮލެޖުގެ ވައިސް ރެކްޓާެގެ މަގާމަށް އައްޔަންކުރެއްވި އަބްދުﷲ ރަޝީދަށް(ވ) އެ ކޮލެޖުގެ ޗެއާމަން މުޝްތާގު، މަގާމުގެ ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އެވިޑް ކޮލެޖު
03 އެޕްރީލް 2017 - 13:34
އެވިޑް ކޮލެޖުގައި ވައިސް ރެކްޓާގެ މަގާމު އުފައްދައި އެ މަގާމަށް ޑރ. އަބްދުﷲ ރަޝީދު އަހުމަދު އައްޔަންކޮށްފި އެވެ.
އެވިޑް ކޮލެޖުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި، ޑރ. އަބްދުﷲ ރަޝީދާ މަގާމް ހަވާލުކޮށްދެއްވީ އެ ކޮލެޖްގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދެވެ.
މަގާމް ހަވާލުކޮށްދެއްވުމަށް ފަހު، ވާހަކަ ދައްކަވަމުން މުޝްތާގް ވިދާޅުވީ އެވިޑް ކޮލެޖުގެ ދަރިވަރުންނަށް ތައުލީމީ ގާބިލް ބޭފުޅުންގެ ޚިދުމަތް ލިބުމަކީ އެ ކޮލެޖުން އަބަދު ވެސް ދެކެން ބޭނުންވާ ކަމެއް ކަމަށެވެ. އަދި ވައިސް ރެކްޓާގެ މަގާމެއް އުފައްދައި އެ މަގާމަށް އަބްދުﷲ ރަޝީދު ހަމަޖެއްސީ ވެސް، އެ ކޮލެޖުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ކޮލެޖުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
އެވިޑް ކޮލެޖު، ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށްޓަކައި އެ ކޮލެޖުގައި ރިސާޗު ސެންޓަރެއް ގާއިމްކުރުމުގެ ކަންކަން ވެސް ވަރަށް ހަލުއިކަމާއެކު ކުރިއަށް ދާ ކަން މުޝްތާގު ފާހަގަކުރެއްވި އެވެ.
ވައިސް ރެކްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ އޭނާގެ އެންމެ ބޮޑު އެއް އަމާޒަކީ އެވިޑް ކޮލެޖުގެ މެނޭޖްމަންޓާއި މުވައްޒަފުން ގުޅިގެން ދަރިވަރުންނަށް ދޭ ތައުލީމުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެ ކޮލެޖުން ހެޔޮޮ ބަދަލުތަކެއް ފެންނާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ރިސާޗު ސެންޓަރެއް އަންނަ މަހު ގާއިމްކޮށް، އެ ސެންޓަރުގެ ދިރާސާތަކުގައި އެހީތެރިވާނެ ރިސާޗު ޕެނަލެއް އެކުލަވާލާނެ ކަމަށް ވެސް އެވިޑުން ބުންޏެވެ. އެ ޕެނަލްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ބޭފުޅުން ހިމެނިވަޑައިގަންނާނެ އެވެ.
ޑރ. އަބްދުﷲ ރަޝީދަކީ މައި ކޮލެޖުގެ އިސް މަގާމެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ ބޮޑެތި ސްކޫލުތަކުގެ ޕްރިންސިޕަލްކަން ވެސް ގިނަ އަަހަރުތަކެއް ވަންދެން އޭނާ ވަނީ ކުރައްވައިފަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ދޭ ޕްރިންސިޕަލުންގެ އެވޯޑު ވެސް އެންމެ ފުރަތަމަ ހޯދާފައިވަނީ އަބްދުﷲ ރަޝީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަ
05 April 2017
އެވިޑް ކޮލެޖަކީ ރާއްޖޭގައި މިވަގުތުހުރި އެއްމެ ރަނގަޅު އެއްކޮލެޖް. އުއްމީދުކުރަނީ މިބަދަލާއެކު ކޮލެޖްގެ ކަންތައްތައް މިޔައްވުރެވެސް ރަނގަޅުވެ އާހަރުފަތްތަކެއް ގިރާކުރުން.
މޫސުމް
04 April 2017
ޢަބްދުﷲ ރަޝީދަކީ ހިންގުންތެރި ގާމިލް ބޭފުޅެއް.މަރުޙަބާ!
ޢައިޝާ
04 April 2017
މަރުހަބާ އ ރަޝީދު ސަރ. ތިޔައީ އަބަދުވެސް އަޅުގަނޑު ނަމޫނާއެއްގެ ގޮތުގައި ދެކޭ ބޭފުޅެއް.
މަށޭމީ
04 April 2017
އަބްދުﷲ ރަޝީދުއަކީ ވަރަށް ޤާބިލް ވަރަށް ހިންގުންތެރި ތަޢުލީމީ ބޭފުޅެއް. މަރުހަބާ!
ނިޝާއަތު
03 April 2017
ޑރ ކިޔާހާ ބަޔަކު އަދިލިޔަސް އެނިމުނީއެއްނޫން، އެނޫންނަމަ ޕީއެޗްޑީ ހާސިލްކޮށްގެން ތަންތަނުގައި ތިބޭ މީހުންގެ ހިންގުންތެރިކަން ފެންނާނެ، މަތީތައުލީމުގެ މުހިންމީ ކޮލެޓީ ހިފެހެއްޓުން، އެކަން ކުރެވެންޏާ ރަނގަޅުވާނެ
ރެހެންދި
03 April 2017
މަރުޙަބާ ސަރ (ޑރ. ޢ. ރަޝީދު) މި ޚަބަރު ކިޔާލައިފަ ވަރަށް އުފާވެއްޖެ މިޚަބަރު ކިޔާލައިފަ
ޢަހުމަދު
03 April 2017
އެވިޑް ކޮލެޖް އިތުރަށް ކުރިއަރާ ތަރައްޤީވުމުގެ އިތުރު ބޮޅެއް. ޑރ. ޢަބްދުﷲ ރަޝީދަކީ ވަރަށް ޤާބިލް ބޭފުޅެއް. މަރުޙަބާ! އަދި އެވިޑަށް އިތުރު ކާމިޔާބީއަށް އެދެން!
ހުސޭނު
03 April 2017
އެވިޑްކޮލެޖަށް ތިލިބުނީ ހިންގުންތެރި އަދި ގާބިލުކަން ސާބިތުކޮށްދީފައިވާ ބޭފުޅެއް. ޒާތީ އަދި ކޮށިވިސްނުންތަކުގެ ޕްރެޝަރާއި ޖެއްސުން ކުރުމުގެ ސަބަބުން ޏ އަތޮޅު ތައުލީމީ މަރުކަޒު އަދި ފަހުން މަޖީދިއްޔާގެ ދަރިވަރުންނަށް ގެއްލިގެން ދިޔަ ނަސީބެއް. ޑރ އަބްދުﷲ ރަޝީދުގެ އެހީތެރިކަމާއި އެކު އެވިޑް ކޮލެޖަށް ފާގަތި ދުވަސްތަކަކަށް އެދެން.
އިބްރޯ
03 April 2017
މަރުހަބާ މުޝްތާޤް ރާއްޖޭގެ ތައުލީމީ ގާބިލަ ތަޖުރިބާ ކާރުން ގުޅެތީ. އިރާދަ ކުރެއްވިއްޔާ ރާއްޖޭގެ އެއްވަނަ ޔުނިވަރސިޓީ އަށް އެވިޑު ކޮލެޖް ބަދަލު ވެގެންދާނެ. ކުރު މުއްދަތެއްގެ ތެރޭގައި ތިޔަ ހޯއްދެވި ކާމިޔާބީ އަށް މަރުހަބާ